11 ޖުލައި 2024 - 22:54 0
ހަސަން މުހައްމަދު
11 ޖުލައި 2024 - 22:54 0
ރަށު ކައުންސިލްތަކުގެ ސައިޒު ކުޑަ ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންވެވަޑައިގަންނަވަނީ އެ ކައުންސިލްތަކަށް ލިބޭ ބަޖެޓު ކުޑަކޮށް، އެ ބަޖެޓާ ކުޅެން ބޭނުންވެގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް މިރޭ ވިދާޅުވެއްޖެ އެވެ.
އިދިކޮޅު އެމްޑީޕީން ބޭއްވި ހަރުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން މައިނޯރިޓީ ލީޑަރު ނާޒިލް ވިދާޅުވީ ކައުންސިލްތަކުގެ ސައިޒު ކުޑަ ކުރުމުގެ ބޭނުމަކީ ކައުންސިލްތައް އޮބަހެއްޓުން ކަމަށެވެ.
"އަޅުގަނޑަށް ވަރަށް ސާފުވެގެންދިޔަ ސަރުކާރުން ކައުންސިލްތައް އޮބަހައްޓައި، ނަގަހައްޓައި ކުޑަކުރަން އުޅެނީ، ސައިޒު ކުޑަކުރަން އުޅެނީ ކީއްވެގެންކަން. އެބޭފުޅުންގެ ހުށަހެޅުމަކަށް މި އައީ ކައުންސިލުތަކުގެ ސައިޒު ކުޑަކޮށްލާ ވާހަކަ. ކައުންސިލްތަކަށް ގްރާންޓުތަކުގެ ގޮތުގައި މި ލިބޭ ފައިސާއަށް ސަރުކާރަށް އެކްސެސް ނޯންނާތީ،" ނާޒިލް ވިދާޅުވި އެވެ.
ނާޒިލް ވިދާޅުވީ ސަރުކާރުން ބޭނުންވަނީ ކައުންސިލްތަކަށް ލިބޭ ބަޖެޓު ސަރުކާރު މެދުވެރިކޮށް ފޮނުވުން ކަމަށެވެ. މިނިސްޓްރީ އޮފް ސިޓީސް އެންޑް ލޯކަލް ގަވަމަންޓުގެ ނަމުގައި ތަނެއް އުފެއްދީ ވެސް އެ ބޭނުމުގައި ކަމަށް ނާޒިލް ވިދާޅުވި އެވެ.
"މިނިސްޓްރީއެއް ވެސް ހެދީ އެހެންވީމަ. މިހާރު ކައުންސިލަށް ލިބޭ ބަޖެޓު ދެން ލިބޭނީ މިނިސްޓްރީއަަށޯ. ކޮންމެ މަހަކު ކައުންސިލަށް ބޭނުންވާ ފައިސާ ފޮނުވަދޭނީ މިނިސްޓަރޯ،" އޭނާ ވިދާޅުވި އެވެ. "މި ފައިސާތަކާ ނުކުޅެވިގެން މި ބޭފުޅުން ކައުންސިލްތައް ކުޑަ ކުރަން މި އުޅެނީ."
އެ ޖަލްސާގައި އިތުރަށް ވާހަކަ ދައްކަވަމުން ނާޒިލް ވިދާޅުވީ ކައުންސިލްތަކުގެ ގާނޫނަށް އެއްވެސް ބޮޑު ބަދަލެއް ގެންނަން އެމްޑީޕީން އެއްބަސްނުވާނެ ކަމަށެވެ.
ކައުންސިލްތަކުގެ ސައިޒު ކުޑަ ކުރައްވާނެ ކަމަށް ރައީސް މުއިއްޒު އިއުލާނު ކުރެއްވީ މިދިޔަ އާދީއްތަ ދުވަހު ވެރިކަން ހިންގާ ޕީއެންސީން ބޭއްވި ހަރުގެ ޖަލްސާއެއްގަ އެވެ.
"ކައުންސިލުގެ ސައިޒު ކުޑަ ކުރުމަކީ ރައްޔިތުންގެ ޓްރޫ ރިޕްރެޒެންޓޭޝަން ދޫކޮށްލުމެއް ނޫން. އެއްގޮތަކަށް ވެސް އެހެނެއް ނޫން. މިސާލަކަށް ދަންނަވަންޏާ، މުޅި ގައުމުގެ ކަންކަން ނިންމަން ދައުލަތުގެ އެންމެ އިސް ވެރިޔާގެ ގޮތުގައި މި ހޮވަނީ އެންމެ މީހެއް. އެހެންވީމަ ރަށެއްގެ 300 މީހުން، 500 މީހުން، ހާހެއްހާ މީހުންގެ ރަށެއްގައި ފަސް މީހުން، ހަތް މީހުން ހޮވުމަކީ ވަރަށް ހަރަދު ބޮޑު ކަމެއް،" އެ ޖަލްސާގައި އެމަނިކުފާނު ވިދާޅުވި އެވެ.
Comment