Advertisement

ބޮޑު ދެ ސްކޭމް، 2.4 މިލިއަން ރުފިޔާ ފޭރިގަނެއްޖެ

11 ޖުލައި 2024 - 15:34 0


ބޮޑު ދެ ސްކޭމް، 2.4 މިލިއަން ރުފިޔާ ފޭރިގަނެއްޖެ

11 ޖުލައި 2024 - 15:34 0

ކާކުކަން ނޭނގޭ ބަޔަކު އީމެއިލް ކޮމްޕްރޮމައިޒް ކޮށްގެން ދެ ސްކޭމެއް ހިންގައި 2.4 މިލިއަނަށްވުރެ ގިނަ ރުފިޔާ ފޭރިގަނެފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ފުރަތަމަ ސްކޭމް - 587,000ރ

މިއީ ފެބްރުއަރީ 2024, ގައި އާންމު ފަރާތަކަށް ގުޅައި ފްލެޓު ލިބިފައިވާ ކަމަށް ބުނެ އީމެއިލް ހޯދައި އެ މީހާގެ ސިމް އީސަމަކަށް ބަދަލުކޮށް އިންޓަނެޓް ބޭންކިންއަށް އެކްސެސްވެ ހިންގާފައިވާ ސްކޭމެކެވެ.

އޭނާގެ އެކައުންޓުން 25,000ރ. އަދި އެ މީހާގެ ހިއްސާ އޮންނަ ޖަމިއްޔާގެ އެކައުންޓުން 562,000ރ. ނަގާފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. އަދި, އެކަމުގެ ތުހުމަތުގައި އެކަކު ހައްޔަރުކޮށްފައިވާ ފުލުހުން ބުނެ އެވެ.

އެ ފައިސާ ނެގުމަށް ހޭދަވީ އެއް ގަޑިއިރާއި 49 މިނެޓު ކަމަށާއި އެއީ ގިނަ ބަޔަކު ރާވައިގެން ހިންގާފައިވާ ސްކޭމެއް ކަމަށް ފުލުހުން ބުނެ އެވެ. އެ ފައިސާ ނެގުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި އަށް އޭޓީއެމްއެއް ވަނީ ބޭނުންކޮށްފަ އެވެ.

ދެވަނަ ސްކޭމް - 1.9 މިލިއަން ރުފިޔާ

މި ސްކޭމް ހިންގީ ޖޫން 18, 2024 ގައި ވިޔަފާރިވެރި ކުންފުންޏެއްގެ ހިއްްސާދާރަކަށް ގުޅައި ވައިބާ އާއި ވަޓްސްއެޕް މެދުވެރިކޮށް ޕްރޮޖެކްޓަކަށް މުދާ ސަޕްލައި ކުރަން ކަމަށް ބުނެ ވެންޑާ ރަޖިސްޓްރީ ކުރުމަށް އީމެއިލް ހޯދައިގެން ހިންގާފައިވާ ސްކޭމެއް ކަމަށް ފުލުހުން ބުނެ އެވެ.

އެއަށްފަހު އެމީހާގެ އެކައުންޓުން 25,000ރ. އަދި ވިޔަފާރީގެ އެކައުންޓުން 1,897,016ރ. ނަގާފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އޭގެ ތެރެއިން 548,860ރ. އަނބުރާ ހޯދައިދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އެ ސްކޭމް ހިންގިއިރު 2.6 މިލިއަން ރުފިޔާ ވިޔަފާރީގެ އެކައުންޓުގައި ހުރި ކަމަށާއި އެތަނުން ސަލާމަތް ކުރެވުނީ އެންމެ 800,000ރ. ކަމަށް ފުލުހުން ބުނެ އެވެ.