Advertisement

އެމްބާޕޭ ބުނަނީ ރޮނާލްޑޯގެ ލެގަސީ ދެމިއޮންނާނެ ކަމަށް

5 ޖުލައި 2024 - 08:48 0


އެމްބާޕޭ ބުނަނީ ރޮނާލްޑޯގެ ލެގަސީ ދެމިއޮންނާނެ ކަމަށް

5 ޖުލައި 2024 - 08:48 0

ހެމްބާގް (ޖުލައި 5) - ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި މިރޭ ޕޯޗުގަލް އާއި ފްރާންސް ބައްދަލުކުރާ މެޗުން ކޮންމެ ނަތީޖާ އެއް ނުކުތް ކަމުގައިވިޔަސް ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ލެގަސީ ދެމި އޮންނާނެ ކަމަށާއި އެ ކަމަށް ބަދަލެއް ނާންނާނެ ކަމަށް ފްރާންސްގެ ތަރި ކީލިއަން އެމްބާޕޭ ބުނެފި އެވެ.

މީގެ ކުރިން 2016 ވަނަ އަހަރު ޕޯޗުގަލުން ޔޫރޯ ކާމިޔާބުކުރީ ފްރާންސް ބަލިކޮށްގެންނެވެ. އެއީ ފްރާންސްގައި ކުޅުނު މުބާރާތެކެވެ. އެންމެ ފަހުން ޔޫރޯގެ ގްރޫޕް ސްޓޭޖުގައި، ފްރާންސާއި ޕޯޗުގަލް ކުޅުނު މެޗު 2-2 އިން އެއްވަރުވިއިރު، އެ މެޗުގައި ރޮނާލްޑޯ ދެ ގޯލު ޖެހި އެވެ.

މިރޭ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން އެމްބާޕޭ ބުނީ, މި މެޗަށް ފްރާންސް އޮތީ ތައްޔާރަށް ކަމަށެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްބާޕޭ އަށް އެންމެ ބޮޑަށް އަމާޒުވި އެއް ސުވާލަކީ ރޮނާލްޑޯގެ މިހާރުގެ ފޯމާ ބެހޭ ގޮތުން އަމާޒުވި ސުވާލެވެ. އެ ސުވާލަށް ޖަވާބު ދެމުން އެމްބާޕޭ ބުނީ ރޮނާލްޑޯ ފެންވަރުގެ ކުޅުންތެރިންގެ ފޯމަށް ބަލަން ނުޖެހޭނެ ކަމަށެވެ.

"މިރޭ މެޗުގައި ކޮންމެ ގޮތެއް ވިޔަސް, ރަނގަޅަށް ކުޅުނަސް ނޫނީ ދައްކޮށް ކުޅުނަސް. ރޮނާލްޑޯ ފެންވަރުގެ ކުޅުންތެރިންގެ ޑީޓެއިލްސް އަށް ބަލަން ނުޖެހޭނެ" އެމްބާޕޭ ބުންޏެވެ.

އެމްބާޕޭ ބުނީ އޭނާގެ ހިތުގައި ރޮނާލްޑޯ އަށް އަބަދުވެސް އޮތީ އިހުތިރާމު ކަމަށާއި, ރޮނާލްޑޯ އަކީ ޖެނެރޭޝަނެއް އޭނާގެ ޖާދޫގައި ޖެއްސި ކުޅުންތެރި އެއް ކަމަށެވެ. އަދި އޭގެ ތެރެއިން އެކަކީ އެމްބާޕޭ ކަމަށްވެސް އޭނާ ހާމަކޮށްފައިވެ އެވެ.

އެމްބާޕޭ ވަނީ ރެއާލް މެޑްރިޑަށް އޭނާ ބަދަލުވީ، އެ ކުލަބްގެ ތާރީހުން ޖާގަ ހޯދަން ކަމަށް ވެސް ބުނެފަ އެވެ. އަދި އެކަން ކުރަން ބަލާއިރު, އެންމެ ފުރަތަމަ ވެސް ފެންނަނީ ރޮނާލްޑޯ ހިނގި މަގުން ހިނގުން ކަމަށާއި، އެކަމަކު، ރޮނާލްޑޯ އެ ކުލަބާ އެކު ހޯދި ކާމިޔާބު ތަކަށް ބަދަލު ނާންނާނެ ކަން އެނގޭ ކަމަށެވެ.

އެމްބާޕޭގެ ކުޑައިރުގެ އައިޑޮލް އަކީ ރޮނާލްޑޯ އެވެ. އޭނާގެ ކޮޓަރީގައި ރޮނާލްޑޯ ޕޯސްޓަރު ހިއްޕައިގެން އުޅުނު ފޮޓޯތައް މީގެ ކުރިން ސޯޝަލް މީޑިއާގައި ދައުރު ވެފައިވާއިރު, އެމްބާޕޭ އަކީ ރޮނާލްޑޯގެ ބޮޑު އެއް ސަޕޯޓަރެވެ.