ފުވައްމުލަކުގައި މީހަކު ހިފަހައްޓަން ފުލުހުންގެ ދެމީހަކު އަމަލުކުރި ގޮތް ފެންނަ ވީޑިއޯއިން ނަގާފައިވާ މަންޒަރެއް
މީހަކު ހިފެހެއްޓުމުގައި ދެ ފުލުހަކު "އަނިޔާވެރި ގޮތަކަށް" ކަންތައް ކުރާ މަންޒަރު ފެންނަ ވީޑިއޯއް ސޯޝަލް މީޑިއާގައި އާއްމުވުމުން، އެ ދެފުލުހުން އަމަލުކުރި ގޮތް ބަލައި ނުގަންނަ ކަމަށް ބުނެ ފުލުހުންގެ ހިދުމަތުން އެ މައްސަަލަ ބަލަން ފަށައިފި އެވެ.
ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއިން ފެންނަ ގޮތުގައި އޮށޯވެ އޮތް މީހެއްގެ މޭމަތީގައި ކަކޫ އަޅައިގެން ފުލުހަކު އިން އިރު، އޮށޯވެ އޮތް މީހާގެ އަތަށް ހާނީއްކަ ވެދާނެ ފަދަ ގޮތަކަށް އަތް އަނބުރައިލަން އެހެން ފުލުހަކު މަސައްކަތް ކުރެ އެވެ. ވީޑިއޯ އިން ފެންނަ ގޮތުގައި އޮށޯވެ އޮތް މީހާއާ މެދު ދެ ފުލުހަކު އެގޮތަށް ކަންތައް ކުރި އިރު އެމީހާ ގަދައެއް ވެސް ނުދައްކަ އެވެ.
އެހެން ނަމަވެސް އެގޮތަށް ކަންތައް ކުރުމުގެ ކުރިން އެމީހާ ގަދަ ދެއްކިކަން ނުވަތަ ނޫންކަން އަދި ސާފެއް ނުވެ އެވެ.
މީޑިއާ ގްރޫޕަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ "އެފަދަ އެއްވެސް އަމަލަކީ ހިދުމަތުގެ ހަމަތަކުގެ ތެރެއިން ބަަލައިގަނެވޭނެ އަމަލެއް ނޫން" ކަމަށެވެ.
"ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން، މިފަދަ އެއްވެސް އަމަލަކީ ހިދުމަތުގެ ހަމަތަކުގެ ތެރެއިން ބަލައިގަނެވޭނެ އަމަލެއްނޫން ކަމުގައި ދަންނަވަން. މި ހާދިސާ ތަހުގީގުކުރުމަަށް ޕްރޮފެޝަނަލް ސްޓެންޑަރޑްސް ކޮމާންޑް އަދި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަންގައި ފުލުހުންވާނީ މިހާރު އެދިފައި،" މެސެޖްގައި އޮފިޝަލް ވިދާޅުވި އެވެ.
އަނިޔާވެރި އެއްވެސް އަމަލަކަށް ދިވެހި ފުލުހުން ހިތްވަރު ނުދޭނެ ކަމަށް ވެސް މެސެޖްގައި އޭނާ ވިދާޅުވި އެވެ.
ޕްރޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑަކީ ހިދުމަތް ދިނުމުގައި ފުލުހުން އަމަލުކުރާ ގޮތްތަކާ ގުޅޭ މައްސަލަތައް ބަލަން ފުލުހުންގެ ތެރޭގައި އޮންނަ އިންޓާނަލް މެކޭނިޒަމެކެވެ. ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނަކީ ސަލާމަތީ ބާރުތަކުގެ އެފަދަ މައްސަލަތައް ބަލަން ގާނޫނަކުން އުފައްދާފައި އޮންނަ މިނިވަން މުއައްސަސާ އެކެވެ.
Comment