Advertisement

ހުލާސާކޮށް އިއްޔެ: ސިޔާސީ މުވައްޒަފުން މަދުނުކޮށް މަނިޕާލަށް އާސަންދަ ކަނޑާލުން

4 ޖުލައި 2024 - 06:12 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ


ހުލާސާކޮށް އިއްޔެ: ސިޔާސީ މުވައްޒަފުން މަދުނުކޮށް މަނިޕާލަށް އާސަންދަ ކަނޑާލުން

4 ޖުލައި 2024 - 06:12 0

ހިދުމަތުގެ އަގުތައް ބޮޑު ކަމަށް ބުނެ އިންޑިއާގެ މަނިޕާލް ހޮސްޕިޓަލުން އާސަންދައިގެ ހިދުމަތް ދިނުން ކުއްލިއަކަށް ހުއްޓައިލި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ. 

ސަރުކާރުގެ ހަރަދުކުޑަ ކުރުމުގެ ސިޔާސަތުގެ ދަށުން މަނިޕާލް ހޮސްޕިޓަލުގެ އަގުތައް ބޮޑުވުމުގެ ސަބަބުން، ޖުލައި 1، ގެ ފަހުން އެ ހޮސްޕިޓަލުން އާސަންދައިގެ ހިދުމަތް އާ ޕޭޝަންޓުންނަށް ދިނުން ވަނީ ހުއްޓާލައިފަ އެވެ.

އާސަންދައިގެ އެމްޑީ އައިމިނަތު ޒީނިޔާ "އަދަދު" އަށް ވިދާޅުވީ މަނިޕާލް ހޮސްޕިޓަލުން އާސަންދައި މިވަގުތު ލިބެމުންދާނީ ހަމައެކަނި ފޮލޯއަޕަށް ކަމަށާއި އާ ޕޭޝަންޓުންނަށް ހިދުމަތް ދިނުން ހުއްޓާލާފައިވާ ކަމަށެވެ. 

"އެ ތަނުގެ އަގު ބޮޑުކަމުން އަގުތައް ރިވިއު ކުރުމަށް ކޭސަސް މިވަގުތު ނެގުން ވަނީ ހުއްޓާލާފައި. އަގުތައް މުރާޖާ ކުރުމަށްފަހު އެއްބަސްވާ އަގުތަކަށް ދެން ކުރިއަށްދާނީ. އެކަމަކު ފޮލޯއަޕް ކޭސެސްއަށް އަދިވެސް ކުރިން ލިބުނު ގޮތަށް އާސަންދަ ލިބޭނެ،" ޒީނިޔާ ވިދާޅުވި އެވެ. 

ޒީނިޔާ ވިދާޅުވީ މަނިޕާލް ހޮސްޕިޓަލުގެ އަގުތައް މުރާޖާ ކުރުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި އެގޮތުން އެ ހޮސްޕިޓަލާއެކު ކުރިއަށް އޮތް ދުވަސްތަކުގައި މަޝްވަރާތަކެއް ކުރާނެ ކަމަށެވެ.

ނަމަވެސް, އަގުތަކަށް އެއްބަސްވެގެން އާސަންދައިގެ ހިދުމަތް އެ ހޮސްޕިޓަލުގައި ފެށޭނެ ސީދާ ދުވަހެއް އޭނާ ވިދާޅެއް ނުވެ އެވެ. ރާއްޖެއިން ބޭރުން އާސަންދައިގެ ހިދުމަތް އެންމެ ގިނައިން ލިބެނީ އިންޑިއާގެ ހޮސްޕިޓަލްތަކުން ކަމަށްވާއިރު، މަނިޕާލްގެ އަށް ހޮސްޕިޓަލުން އާސަންދަ ލިބެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ބެންގަލޫރުގެ ހަ ހޮސްޕިޓަލަކާއި، މައިސޫރުގެ ހޮސްޕިޓަލެއްގެ އިތުރުން ކޮޗިންގެ ހޮސްޕިޓަލެކެވެ. އާސަންދައިގެ ދަށުން ރާއްޖޭގެ ގިނަ ބަޔަކު އިންޑިއާއަށްދާއިރު، އޭގެ ތެރެއިން ގިނަ ބަޔަކު މަނިޕާލް ހޮސްޕިޓަލަށް ހިދުމަތް ހޯދުމަށް ދެ އެވެ. މިގޮތުން އާސަންދަ ލިބުން މެދުކެނޑުމުން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ހަރަދު ކުޑަކުރާއިރު ބަޖެޓާށް އޮބި ނޯންނަ ވަރަށް ވައްދާފައިވާ ސިޔާސީ މުވައްޒަފުން އަދި މަދެއް ނުކުރެ އެވެ.

ސިޔާސީ މުވައްޒަފުންގެ އަދަދު ހޯދަން މައުލޫމާތު ހޯދައި ލިބުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހުށަހަޅާފައި ވިޔަސް، އެ މައުލޫމާތެއް ރައީސް އޮފީހުން ހާމައެއް ނުކުރެ އެވެ. ނޫސްވެރިން ސުވާލުކުރުމުން ވެސް އެ އަދަދެއް ނުދެ އެވެ. ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފިނޭންސް މިނިސްޓަރާ ސުވާލުކުރުމުން ވެސް ސިޔާސީ މުވައްޒަފުންގެ ޖުމުލަ އަދަދު ހާމައެއް ނުކުރި އެވެ.

ސަރުކާރު މުވައްޒަފުންގެ އަދަދު ހާމަނުކުރާތީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމް، އިއްޔެ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައަށް ބަހުސް ކުރަން ސަރުކާރު ހިންގާ، އަދި މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ޕީއެންސީން ބޭނުން ނުވާތީ، ފާހެއް ނުވި އެވެ.

ސިޔާސީ މަގާމުތަކުގެ އަދަދު 700 ގައި ހިފަހައްޓަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް، ސިޔާސީ މުވައްޒަފުންގެ އަދަދު މިހާރު 2000 އަށް އަރާނެ ކަމަށް ބެލެވެ އެވެ.

މުހިއްމު ބައެއް ހަބަރު