Advertisement

ސްކޭމްތައް ހުއްޓުވަން ޕޮލިހުގައި އެންޓި ސްކޭމް ސެންޓަރެއް، ދިހަ މިނިޓު ތެރޭ އެޓެންޑު ވާނެ

2 ޖުލައި 2024 - 11:28 0

އަމަން ހަލީމް

އަމަން ހަލީމް

ފުލުހުންގެ ތަހުގީގަކަށް ސަރަހައްދެއް ބަންދުކޮށްފައި: ސްކޭމް މައްސަލަތައް އަންނަނީ ދުވަހުންދުވަހަށް ގިނަވަމުން -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


ސްކޭމްތައް ހުއްޓުވަން ޕޮލިހުގައި އެންޓި ސްކޭމް ސެންޓަރެއް، ދިހަ މިނިޓު ތެރޭ އެޓެންޑު ވާނެ

2 ޖުލައި 2024 - 11:28 0

ސްކޭމް މައްސަލަތައް ހުއްޓުވަން ފުލުހުން ކުރަމުންދާ މަސައްކަތުގެ ދަށުން ޕޮލިހުގައި އެންޓި ސްކޭމް ސެންޓަރެއް ގާއިމުކޮށް، ބޭންކުތައް ވެސް ބައިވެރިކޮށްގެން އަވަހަށް މައްސަލަތައް ބެލޭނެ ނިޒާމެއް އެކުލުވާލުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

ފުލުހުންގެ ސްޓްރެޓަޖިކް ޕްލޭނާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީ (ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ) ގައި ފުލުހުން މިކަން ފާހަގަކުރީ އެ އިދާރާއިން އެންމެ އިސްކަންދޭ ކަމެއްގެ ގޮތުގަ އެވެ.

އެގޮތުން ކޮމިޓީ ބައްދަލުވުމުގައި މެމްބަރުންނާ މައުލޫމާތު ހިއްސާކުރައްވަމުން ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަތައް ނަގާފައި ދިވެހި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އެންމެ ކަންބޮޑުވާ މައްސަލައަކީ ސްކޭމް މައްސަލަ ކަމަށެވެ.

"ސައިބާ އެނޭބަލްޑް ވިޔަސް އަދި އަނެއްހެން ކޮންމެ ޒަރިއްޔާއަކުން ކުރި ކަމެއް ކަމުގައި ވިޔަސް، ސްކޭމްގައި ރައްޔިތުން ޖެހިގެން ގެއްލޭ ފައިސާ އާއި އެންމެ އާދައިގެ ނިކަމެތި މީހާ އަތުން މި ގެއްލޭ، ފޮރުވާފައި މި ހުންނަ ލާރި ކޮޅު ގެއްލުމުގެ ކަންކަން އެންމެ ބޮޑު ސީރިއަސް މައްސަލައެއް ކަމަށް އަޅުގަނޑުމެންނަށް ފާހަގަކުރެވުނީ،" އޭނާ ވިދާޅުވި އެވެ.

މިކަން ހުއްޓުވަން ފުލުހުން ރާވާފައިވާ ކަންކަން ހިއްސާކުރައްވަމުން ޝިފާން ވިދާޅުވީ ޕޮލިހުގައި ގާއިމުކުރާ ސްކޭމް ސެންޓަރަށް، ސްކޭމްގެ މައްސަލައެއްގައި ކޮންމެ މީހަކު ގުޅާލިޔަސް އިތުރަށް އެ މީހާ އެ ކުށުގެ ޝިކާރައަކަށް ނުވާނެ ގޮތަކަށް ވަގުތުންވަގުތަށް ހިދުމަތް ދެވޭނެ ނިޒާމެއް ގާއިމުކުރެވޭނެ ކަމަށެވެ.

ފުލުހުންގެ އަމާޒަކީ މި ނިޒާމު ގާއިމުކޮށް، 10 ވަރަކަށް މިނިޓުގެ ތެރޭގައި މައްސަލައަށް އެޓެންޑުވުމެވެ. މިކަން ކުރާނީ، ޝިފާން ވިދާޅުވި ގޮތުގައި، މި ނިޒާމުގެ ތެރޭގައި ބޭންކުތައް ވެސް އޮންލައިންކޮށް ހިމަނައިގެން؛ ކަން ހިނގަމުންދާ ވަގުތު (ރިއަލް ޓައިމް ކޮށް) މައުލޫމާތު ހިއްސާކުރެވޭ ގޮތަށެވެ.

ބޭންކުތައް މި ނިޒާމުގެ ތެރޭގައި ހިމަނަން ޖެހޭ ސަބަބު ސާފުކޮށްދެއްވަމުން ޝިފާން ވިދާޅުވީ، ސްކޭމް މައްސަލަތައް ތަހުގީގު ކުރުމުގައި މިހާރު ދިމާވާ މައްސަލައަކީ ސިޓީގެ ޒަރިއްޔާއިން ބޭންކާ މުއާމަލާތްކުރުން ދިގުލިއިގެން ދިޔުން ކަމަށެވެ. މިގޮތަށް މައުލޫމާތުތައް ދެނެގަނެވޭއިރު ގިނަ ފަހަރު އެކައުންޓުތަކުގައި އެއްވެސް ފައިސާއެއް ނުހުންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިހާރު ނިޒާމު އޮންނަ ގޮތުން މައްސަލައެއް ހުށަހެޅީމައި އަޅުގަނޑުމެން ބޭންކަށް ސިޓީއެއް ފޮނުވައިގެން އެކަމާ ގުޅުން ހުރި މައުލޫމާތު ހޯދައިގެން ދެން މި އަޅުގަނޑުމެންގެ އެކައުންޓުތަކާ މި މައްސަލަ ބަލާ ހިސާބަށް ދާއިރުގައި އެކައުންޓުގައި ނުހުރޭ ފައިސާއެއް." އޭނާ ވިދާޅުވި އެވެ.

ޕޮލިހުގައި ގާއިމުކުރާ ސްކޭމް ސެންޓަރުގައި ސަރަހައްދީ ގައުމުތަކުގެ ބައިވެރިވުން އޮންނާނެ ކަމަށް ވެސް ޝިފާން ވިދާޅުވި އެވެ.

ފުލުހުންގެ އިސްތިރާޖީ ޕްލޭނުގައި ހިމަނައިގެން ސްކޭމް ހުއްޓުވަން ހާއްސަ މަސައްކަތްތަކެއް ފަށާފައިވާއިރު، ސްކޭމްތަކުގެ މައްސަލަތައް ރިކޯޑު ކުރަން ފެށީއްސުރެ މިހައިތަނަށް އާންމުންގެ އަތުން ގެއްލުނު ފައިސާގެ އަދަދު 150 މިލިއަނަށް ވުރެ އިތުރު ކަމަށް ފުލުހުންގެ އިދާރާއިން މި އަހަރު ކުރީކޮޅު ބުނެފައިވެ އެވެ.