ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލު މަޖިލީހަށް ހުށަހަޅައިފި

1 ޖުލައި 2024 - 04:42 0

ހަސަން މުހައްމަދު

ހ

ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމް: ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލު ހުށަހެޅުއްވީ އޭނާ -- ފޮޓޯ: މަޖިލިސް


ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލު މަޖިލީހަށް ހުށަހަޅައިފި

1 ޖުލައި 2024 - 04:42 0

ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލު ސަރުކާރުގެ ފަރާތުން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ބަހުސް ކުރަން ފަށައިފި އެވެ.

ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން އެ ބިލު މިއަދު ހުށަހެޅުއްވީ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމެވެ.

ފިސްކަލް ޒިންމާގެ ބިލުގައިވާ ގޮތުން އެ ބިލުގެ ބޭނުމަކީ، ދައުލަތުގެ ފިސްކަލް އެންމެހައި ކަންކަން ހިންގަނީ ފިސްކަލް ޑިސިޕްލިން ހާސިލު ކުރެވޭނެ ގޮތަށް، ދެފުށް ފެންނަ ޒިންމާދާރު ގޮތެއްގައިކަން ކަށަވަރު ކުރުމެވެ.

އެ ގާނޫނުގެ މަގްސަދުތަކުގެ ތެރޭގައި މައިގަނޑު ހަތަރު ކަމެއް ވަނީ ފާހަގަކޮށްފަ އެވެ. އެއީ؛

  • ދައުލަތުގެ ފިސްކަލް ނިޒާމު ދެމެހެއްޓެނިވި، ދެފުށް ފެންނަ އަދި ޒިންމާދާރު ގޮތެއްގައި ހިންގުމާ ގުޅޭ ހަމަތަކާއި އަމާޒުތަކާއި އުސޫލުތައް ބަޔާން ކުރުން
  • ދައުލަތުގެ ފިސްކަލް ޕޮލިސީ ހިންގަނީ އިންޓާޖެނެރޭޝަނަލް އިކުއިޓީ ގާއިމް ކުރެވޭނެ ހަމައަކުން ދެމެހެއްޓެނިވި ގޮތެއްގައިކަން ކަށަވަރު ކުރުމާ ގުޅޭ އުސޫލުތައް ބަޔާން ކުރުން
  • ދައުލަތުގެ މެދު ރާސްތާ ފިސްކަލް ސްޓްރެޓެޖީ އެކުލަވާލައި ތަންފީޒު ކުރުމާ ގުޅޭ އުސޫލުތައް ބަޔާން ކުރުން
  • ދައުލަތުގެ ފިސްކަލް ޕޮލިސީ ހިނގާނުހިނގާ ގޮތް ރައްޔިތުންގެ މަޖިލީހުން ބެލުމަށް މަގުފަހި ކުރުމުގެ ގޮތުން ދައުލަތުގެ ފިސްކަލް ނިޒާމު ހިންގުމާ ގުޅޭ ގޮތުން ހާސިލު ކުރެވޭ ނަތީޖާތައް ރައްޔިތުންގެ މަޖިލީހާ ހިއްސާ ކުރުމާއި ދައުލަތުގެ ފިސްކަލް ކަންކަމާ ގުޅޭ ގޮތުން ސަރުކާރު ޖަވާބުދާރީ ކުރުވުމާ ބެހޭ އުސޫލުތައް ބަޔާން ކުރުން

ދައުލަތުގެ ފިސްކަލް ޒިންމާއާ ގުޅޭ ބިލު މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިއިރު އިއްޔެ ވަނީ ދައުލަތުގެ ދަރަންޏާ ގުޅޭ ބިލެއް ވެސް މަޖިލީހަށް ހުށަހަޅައިފަ އެވެ.

އެ ބިލުގެ ބޭނުމަކީ ދައުލަތުން ދަރަނި ނަގާ ބޭނުން ކުރަނީ ގައުމުގެ އިގްތިސާދަށާއި މުސްތަގްބަލުގެ ޖީލުތަކަށް ކުރާނެ އަސަރު ވަޒަން ކުރެވިގެން އަދި ގައުމުގެ އިގްތިސާދީ ފުދުންތެރިކަމާއި ދައުލަތުގެ ފިސްކަލް އަދި މާލިއްޔަތުގެ ނިޒާމު ދިގު މުއްދަތަކަށް ދެމެހެއްޓޭނެ ގޮތެއްގެ މަތިންކަން ކަށަވަރު ކުރުމެވެ.

ދަރަންޏާ ބެހޭ ބިލަށް އިއްޔެ ވެސް ބަހުސް ކުރި އެވެ. އަދި މިއަދު ވެސް އެ ބިލަށް ބަހުސް ކުރުމަށް ވަނީ އެޖެންޑާގައި ހިމަނައިފަ އެވެ.