Advertisement

ޖޯކު ޖޯކަކަށްވާގޮތާއި އޭގެ ތާރީހު

28 ޖޫން 2024 - 07:28 1

މަހްފޫޒް ސައީދު

މަހްފޫޒް ސައީދު


ޖޯކު ޖޯކަކަށްވާގޮތާއި އޭގެ ތާރީހު

28 ޖޫން 2024 - 07:28 1

ވާހަކަ ކިޔައިދިނުމާއި ޖޯކު ކިޔައިދިނުމަކީ ހާއްސަ ހުނަރެކެވެ. އެއީވެސް ކޮންމެކޮންމެ މީހަކަށް ކުރަން އެނގޭނޭ ކަމެއް ނޫނެވެ. އެއްބަޔަކަށް ޖޯކަކަށްވާ ކަމަކީ އެހެން ބަޔަކަށް ޖޯކަކަށް ނުވެ އެވެ. މިއީ މިހެން އޮންނަ ކަމެކެވެ.

އަޅުގަނޑުމެން ގައުމީ ޔުނިވާސިޓީގައި ކިޔަވަން އުޅުނު ދުވަސްވަރެވެ. އޭރު އެއީ މޯލްޑިވްސް ކޮލެޖު އޮފް ހަޔާ އެޑިއުކޭޝަނެވެ. އަޅުގަނޑުމެން ކިޔަވާ ފެކަލްޓީ ހިންގާ އިމާރާތުގެ ބޭރުގައި، ދިމާ މަގުމަތީގައި އަޅުގަނޑާއި ހަމަ އެކުލާހުގައި އުޅޭ ދެތިން ގޮލަޔަކު ދުފައި ރަތްކޮށްލައިގެން ދުން އަރުވާން ތިބީމެވެ. ކަމަކީ ހުތުރު ކަމަކަސް، އޭރު އަޅުގަނޑުމެންގެ ފުށުން މަގު ހިނގާ މީހުންނަށް ވާނޭ އުނދަގުލަކީ އަޅުގަނޑުމެންގެ ސިކުނޑީގައި ހިންގާލެވޭ ވަރަށް ތިލަވެފައި ނެތް ފިކުރެކެވެ. އެ ތިބަތިބުމުގައި އަޅުގަނޑުމެންގެ ތެރެއިން ގޮލަޔަކު މަޖާ، ދެ މާނަ އެކުލެވޭ ޖޯކެއް ކިޔައިފި އެވެ. ޕަކަޕަކަ އަޅާފައި އެންމެން ހޭން ފެށި ގޮތަށް ކުލާހަށް ވަންނަ ގަޑި ޖެހުނުއިރުވެސް ހުއްޓައެއް ނުލެވުނެވެ. ކުލާހަށް ވަދެފައި، ކުލާހުގައި ތިބި އެހެން ކުދިންނަށްވެސް އެ ޖޯކު ކިޔައިދިނީ އެވެ. އެ ކުދިންވެސް ހުނުމުގައި ބައިވެރިވެއްޖެ އެވެ. ނުލާހިކު ހިތްވަރުން ހުނުން ހުއްޓާލެވޭތޯ އުޅޭއިރަށް އެހެން އެކުވެރިޔަކާ ހަތަރުކަޅި ހަމަވުމުން އަނެއްކާވެސް ހިނިގަނޑު ފަޅައިގެން ދަނީ އެވެ. އުސޫލުލްފިގުހު ކިޔަވައިދޭ އުސްތާޒަށް ކުލާހަށް ވަދެވުނީ އަޅުގަނޑުމެން މިފަދަ ހާލެއްގައި އުޅެނިކޮށެވެ.

ކިލާހުގެ މާހައުލު އޮތްގޮތް އުސްތާޒަށްވެސް ފާހަގަވެއްޖެ އެވެ. ވެގެން އުޅޭ ގޮތެއް އެހިޔަސް ކިޔައިދެވޭކަށް ނެތެވެ. އެ ނުލަފާ ޖޯކާއި އަޅުގަނޑުމެންގެ މަޖަލުގައި އުސްތާޒު ބައިވެރިކުރެވޭކަށް ނެތެވެ. އިރުކޮޅަކުން ކިލާސް ހިމޭންވުމުން އުސްތާޒު އާންމުކޮށް ވާހަކަ ދައްކާ ލަސް ރާގުގައި ބުނެ އެވެ. ހުރިހާ ކުދިން... ހާދަހާ ހިނި އަންނަ ދުވަހެއް....؟ އެހެންވީމާ...މިއަދު ކުރިއަށް ދާނީ ޖޯކެއް ކިޔާލާފަ. މިހެން ބުނެފައި އުސްތާޒުގެ ޖޯކު ކިޔަން ފެށި އެވެ. ހަމަ އާންމުކޮށް ވާހަކަ ދައްކައި އެއުޅޭ ގޮތަށް، ކޮންމެ ދެތިން ލަފުޒެެއްގެ ދެމެދުގައި ތިން ސިކުންތުގެ ދުރުމިން ބަހައްޓައިގެން ވާހަކަ ކުރިއަށް ގެންދެ އެވެ. ބުންޏެވެ. އުސްތާޒު ކިޔަވަން އުޅުނުއިރު އުސްތާޒުގެ އުސްތާޒަކު ބުންޏޯލަ އެވެ. މާބޮޑަށް އައިސްކްރީމް ކާހިތްވަންޏާ.....އައިސްކްރީމް ބާދިލީއެއް ކައިރީގައި ބަހައްޓައިގެން..... ކާލާށެވެ. އެހެންވީމާ ދެން ފިލާވަޅައިގެން ކުރިއަށް ދާން ހިނގާށެވެ!

އަޅުގަނޑުމެން ބުނީމެވެ. އުސްތާޒު ޖޯކު ކޮބާ ހެއްޔެވެ؟ ބުންޏެވެ. ބަލަ މި ކިޔައިދިނީ ނޫންހެއްޔޭ... އުސްތާޒުގެ އުސްތާޒަކު ބުންޏޭ.... މާބޮޑަށް އައިސްކްރީމް ކާހިތްވަންޏާ.....އައިސްކްރީމް ބާދިލީއެއް ކައިރީގައި ބަހައްޓައިގެން..... ކާލާށޭ! ތިޔައީ ދެން ޖޯކެއް ނޫނެއްނޫންހެއްޔޭ ބުނެ، އުސްތާޒަށް އެ ވާހަކައަކީ ޖޯކަކަށްވުން ޖޯކުވެގެން އެންމެން ހޭންފަށައިފި އެވެ. އުސްތާޒު ގާތަށް އައީ ރުޅި އެވެ. ބުންޏެވެ. އުސްތާޒުގެ، އުސްތާޒުގެ ގައުމުގައި މިއީ ވަރަށް މަޖާ ޖޯކެކެވެ. އުސްތާޒުގެ ކޯފާވުމާއި، އަމުދުން އުސްތާޒުގެ ދިފާއުވެސް އަޅުގަނޑުމެންނަށްވީ އިތުރު ޖޯކަކަށެވެ. އެދުވަހުގެ ކިލާސްގަޑި ނިމޭންދެން އުސްތާޒު ހުރީ މޫނު ކުނިކޮށްގެންނެވެ. އަޅުގަނޑުމެން ނުހޭން ހިތްވަރުކުރަމުން ބަނޑަށްހެމުން ކިލާސް ނިންމާލީ އެވެ.

ދިވެހިބަހުގެ ރަދީފުގައި އޮންނަ ގޮތުން 'ޖޯކު' ގެ މާނައަކީ 'ހިނިއަންނަ ޒާތުގެ ވާހަކަ' އެވެ. އާންމު ގޮތެއްގައި ޖޯކުގައި މީހާ ހެއްވާލާ ޖުމުލަ ނުވަތަ ޕަންޗްލައިންއަށް ވާނީ ޖޯކުގެ އެންމެ ފަހު ޖުމުލަ ނުވަތަ ފަހު ދެ ޖުމުލަ އެވެ.

ޖޯކު ކިޔުމާއި މީހުން ހެއްވުމަކީ ފަންނުތަކުގެ ތެރެއިންވެސް ޒަމާންވީ ފަންނެކެވެ. މިހާރު ބެލެވިފައި އޮތްގޮތުން، އެންމެ ގަދީމީ ޖޯކަކަށް ފެންނާންއޮތީ މީލާދުގެ 19 ގަރުނު ކުރިން މެސަޕޮޓޭމިއަން ހަޟާރަތުގެ ލިޔުންތަކުން ފެންނާން އޮތް ޖޯކެކެވެ. އެ ހަޟާރަތު ދިރާސާކުރާ މީހުން ފާހަގަކޮށްފައިވާ ގޮތުގައި، އެ ޒަމާނުގެ ގިނަ ޖޯކުތައް ހުރީ ޖިންސީ ގުޅުމުގެ މައްޗަށާއި، ފާހާނާކުރުމާއި އިންސާނީ ހަށިގަނޑުގެ މިފަދަ ތަބީއީ ބޭނުންތަކުގެ މައްޗަށެވެ. އެއީ އެ ޒަމާނުގައި އެހާ މަޖާކަމަކަށް ވާންވީ ކީއްވެތޯ ފަދަ ފުން ދިރާސާތައް ކުރެވި އެމައުލޫމާތު އެނގެންނެތީ އެފަދަ ލިޔުންތައް ހުރީ ރައްކާކުރެވުމުގެ ބޭނުމުގައި ލިޔެވިފައި ކަމަށް ނުވާތީ އެވެ. ބަޔަކު ކިޔައި އުޅެނިކޮށް، ލިޔާންކިޔާން އެނގޭ ސޮރަކު މަޖާވެގެން ހިލަކޮޅެއްގައި ލިޔެލާފައި އޮންނަނީ ކަމަށްވެދާނެ އެވެ.

ދެން ފެންނާން އޮތް އެންމެ ގަދީމީ ޖޯކަކީ މީލާދުގެ 16 ގަރުނު ކުރިން، އޭރު މިސްރުގެ ފިރުއައުނު ނެފަރޫއަށް ނިސްބަތްކޮށް ލިޔެފައިވާ ޖޯކެކެވެ. ޖޯކުގައި ކިޔަނީ.. 'މިސްރުގެ ފިރުއައުނަކު މުނިފޫހިފިލުވައިދޭނީ ކިހިނެއް ހެއްޔެވެ؟ އޭގެ ޖަވާބަކީ، މަސްހިފާ ދަލުން ފަހާފައި ހުރި ހެދުން ލައްވާފައި ތިބި ބައިވަރު އަންހެން ކުދިން ނީލަ ކޯރުގެ ތެރެއަށް ދޫކޮށްލުމަށްފަހު މަަސް ބާނަން ދިއުމަށް ފިރުއައުނަށް ދަންނަވާށެވެ. އެކަމުން އޭނާ މުނިފޫހި ފިލާނެ އެވެ.' މިއީ އޭރުގެ ފިރުއައުނުންގެ އަމަލުތައް ހުރިގޮތުގެ މައްޗަށް ޖަހައި އުޅުނު ޖޯކެވެ.

ކަރުދާހުގައި ލިޔެ އުޅުން އާންމުވުމާ ހަމައަށް ޖޯކަކީ ލިޔެ ރައްކާކުރެވިގެން ގެންގުޅެވޭ އެއްޗަކަށް ނުވެ އެވެ. ލިޔާން ލިބޭ މަދު ވަސީލަތްތަކުން ލިޔެ އުޅެނީ ޖޯކަށްވުރެ ބޮޑަށް، އިލްމީ ލިޔުންތަކާއި ހިނގަމުންދާ ހާދިސާތަކެވެ. އެހެންވެ، އެންމެ އެވޭލާ ޒަމާނުގެ ޖޯކުތައް ރައްކާކުރެވިފައި ނެތީ އެވެ.

އެންމެ ފުރަތަމަ ޖޯކު ފޮތެއް ލިޔެވުނީ މީލާދީން 5 ވަނަ ގަރުނުގައި ގުރީކުގަ އެވެ. އެފޮތަށް ގުރީކު ބަހުން ކިޔާ ނަމުގެ ދިވެހި ތަރުޖަމާއަކަށް 'ހުނުމުގެ ލޯބި' ފުދޭނެ އެވެ. އެފޮތުގައި ޖުމުލަ 265 ޖޯކު ލިޔެފައި ވެއެވެ. ފޮތުގެ މުސައްނިފަކީ ކާކުކަން ކަށަވަރުވާކަށް ނެތެވެ.

މިފޮތުގެ އެއް ޖޯކުގައި ކިޔަ އެވެ. އެދުރަކު ކަނބުރުވެރިޔަކު ކައިރީގައި ބުންޏެވެ. ފުޅިބައްތިއެއް ތައްޔާރުކޮށްދޭށެވެ. ކަނބުރުވެރިޔާ ބުންޏެވެ. ކިހާވަރެއްގެ އެއްޗެއް ހެއްޔެވެ. އެދުރު އޭނާގެ ދެއަތް ހުޅުވާލަމުން ބުންޏެވެ. އަށެއްކަ މީހަކަށް ފުދޭވަރުގެ މިހާވަރުގެ އެއްޗެކެވެ.

މިއީ ޖޯކަކަށްވީ ކިހިނެއްތޯ އެއީ މިކަހަލަ ކަންކަމާ ވިސްނާ މީހުން މިހާރުވެސް ކުރާ ބަހުސެކެވެ. މީލާދީން 15 ވަނަ ގަރުނުގައި ދިރިއުޅުނު އިޓަލީގެ ލިޔުންތެރިއެއް އަދި ޝާއިރެއް ކަމަށްވާ ޖިއޮވާނީ ޕޮންޓާނޯ މިކަމަށްދޭ ޒުވާބަކީ، އެ ޖޯކުގައި އެދުރު އެ ކުރި ކަމަކީ ކަނބުރުކަލޭގެ ހޭރުވުމެވެ. އޭރުގެ އެދުރުންނަކީ މިކަހަލަ ބަޔަކޯލަ އެވެ. އެމީހުން ވިސްނާ ގޮތާއި، ކުރާ ކަންކަމާއި ބުނާ ބަސްތައް ދޭހަ ނުވުންވެސް އޭގެ ޒާތުގައި ޖޯކަކަށް ވަނީ ކަމަށް ޖިއޮވާނީ ދެކުނެވެ. އެހެން ނަމަވެސް 2013 ވަނަ އަހަރު، އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ރީޑިންގެ ޕްރޮފެސަރު މާރިޔާ ފެލީޒް މި ޖޯކު ދިރާސާކުރުމަށްފަހު ނިންމި ނިންމުން ތަފާތެވެ. އޭނާގެ ތަރުޖަމާގައި ބުނާ ގޮތުން ގުރީކު ބަހުގައި ފުޅިބައްތިއަށް ކިޔާ ނަމަކީ ހަމަ އެބަހުގައި މަހަކަށްވެސް ކިޔާ ނަމެކެވެ. އެދުރު ބޭނުންވީ އޭނާގެ އަށް އެކުވެރިން ކާލަން މަހެއް ތައްޔާރުކޮށްދޭނޭ މީހެކެވެ. އެ ވާހަކަ އޭނާ ކަނބުރު ކައިރީގައި ބުނުމާއި، އޭގެ މާނައަކީ ފުޅިބައްތިއެއް ހެދުންކަމަށް ކަނބުރަށް ހީވުމަކީ ޖޯކަކަށްވީ އެވެ. ކޮންމެއަކަސް، މީލާދުން 5 ވަނަ ގަރުނުގައި ލިޔެފައި އޮތް ފޮތެއްގައި އޮތް ޖޯކެއް ޖޯކަކަށްވީ ގޮތާމެދު ކުރެވެންފެށި ބަހުސް، 21 ވަނަ ގަރުނުގައިވެސް އަދިވެސް ކުރިއަށް ދަނީ އެވެ.

ޖޯކު ކިޔައިދިނުމަކީ ވަކި ފަންނަކަށްވެ، އެ ފަންނުގެވެސް މާހިރުން އުފެދި އެއާމެދު އިލްމީ ދިރާސާތައްވެސް މިހާރު ކުރެވެނީ އެވެ. ބަހާއި އަދަބިއްޔާތާއި ހުށަހަޅައި ދިނުމުގެ ހުނަރުވެސް އޭގެ ތެރޭގައި ހިމެނިގެން މެނުވީ ޖޯކެއް ޖޯކަކަށް ނުވެ އެވެ. އަދި އެއްބަހުން އޮންނަ ޖޯކެއް އަނެއް ބަހަށް ތަރުޖަމާ ކުރެވޭއިރު، ކުރެވޭ ތަރުޖަމާގައި ޖޯކު ގެއްލެ އެވެ. މިހާރު 'ހީލަބަލާ' އޭ ކިޔައިގެން އެއްކޮށްފައި ހުންނަ ޖޯކު ފޮތް ކިޔައި ހިނި އަންނަ ގޮތް ނުވަނީ އެއީ އެހެން ބަހަކުން ހުރި ޖޯކުތަކެއްގެ ތަރުޖަމާއަށްވާތީ އެވެ.

ޖޯކެއްގައި ނަމަ ޝަރުތުތަކެއް ފުރިހަމަވުމަށް މި ފަންނުގެ މާހިރުން ލާޒިމުކުރެ އެވެ. ފުރަތަމަ ކަމަކީ ޖޯކުގެ ފެށުމުގައި ދޭ ތައާރަފެވެ. ދެވަނަ ކަމަށް ހުށަހަޅައި ދޭ ވާހަކަ އެވެ. ތިންވަނަ ކަމަކީ ވާހަކައިގެ 'ހޭންޖެހޭ ތަންކޮޅު' ނުވަތަ ޕަންޗްލައިން އެވެ. މިއީ ސޯޝަލްއެނަލިސްޓް ހާރވޭސެކްސް ލާޒިމުކުރާ ކަންކަމެވެ. މިޝަރުތުތަކުގެ އިތުރަށް، އެ ވާހަކަ ކިޔައިދޭ މަހައްލާއި، ވާހަކަ ނިސްބަތްވާ އޯޑިއަންސްއަކީ ވެސް ޖޯކެއްގެ ޝަރުތެކެވެ. މިސާލަކަށް ޑޮކްޓަރުންގެ މެދުގައި ކިޔައިއުޅޭ ޖޯކެއްނަމަ އެ ޖޯކެއް ފަހުމުވާނީ އެ މައުލޫމާތު ހުރި މީހުންނަށް އެކަންޏެވެ. އާންމު މީހަކަށް އެކަހަލަ ޖޯކެއް ފަހުމެއް ނުވާނެ އެވެ. އެހެންވީމާ އެ އުނިވަނީ އެ ޖޯކުގެ އެއް އުންސުރެވެ. އެއީ ޖޯކުގެ އޯޑިއަންސް އެވެ.

ހާސްކަން ބޮޑު މި ދުނިޔޭގައި ހިނިތުންވެ ހީނލެވޭނޭ ސަބަބާއި ފުރުސަތަކަށް ކޮންމެ މީހަކުވެސް ބޭނުންވާނެ އެވެ. ހުނުމަކީ ވިސްނާންޖެހޭ ވިސްނުންތަކާއި ކުރާންޖެހޭ ފިކުރުތަކުން ހިނދުކޮޅަކަށް ނަމަވެސް ސިކުނޑި މިންޖުކޮށްދޭ ކަމެއްކަމަށް ސިއްހީ މާހިރުންވެސް ބުނެ އެވެ. ޖޯކަކުން އެ ހަމަޖެހުން ލިބޭނަމަ އެއީ ހަރަދުކުޑަ ފަރުވާއެއް ނޫންހެއްޔެވެ؟ ސަރުކާރަކުން މިކަމާމެދު ފިކުރުކޮށް ބަލައި ހިތްވަރެއްކޮށްލައިފިނަމަ ޅެންފަރުވާއާ އެކުއެކީހެން ޖޯކުފަރުވާވެސް ތައާރަފުކުރެވިގެން ހިނގައިދާނެ އެވެ.