Advertisement

ސަރުކާރުން ބޭނުންވަނީ މައުލޫމާތު ސިއްރުކޮށް ނޫސްވެރިކަން ވަޅުލަންތަ؟

2 ޖުލައި 2024 - 11:39 3

ހަސަން މުހައްމަދު

ހަސަން މުހައްމަދު

އާޓްވޯކް: އިސްމާއިލް އިމްދާދް / އަދަދު


ސަރުކާރުން ބޭނުންވަނީ މައުލޫމާތު ސިއްރުކޮށް ނޫސްވެރިކަން ވަޅުލަންތަ؟

2 ޖުލައި 2024 - 11:39 3

ނޫސްވެރިކަމާއި ނޫސްވެރިންނަށް ރާއްޖޭގައި އެއްވެސް އިރަކު ފަހި މާހައުލެއް ފަހިވެފައި ނެތެވެ. ފެހި ގާނޫނުއަސާސީއަށް ރާއްޖެ ހިޖުރަ ކުރުމުގެ ކުރިން ރައީސް މައުމޫން އަބްދުލްގައްޔޫމް ހިންގެވި ޑިކްޓޭޓާޝިޕުން ފެށިގެން މިހާތަނަށް ވެސް ކޮންމެ ވެރިކަމެއްގައި ވެސް ނޫސްވެރިން ގޮންޖެހުން ކުރިމަތިވި އެވެ.

އެކަމަކު ކޮންމެ ވެރިޔަކު ވެސް ސަރުކާރާ ހަވާލުވަނީ ނޫސްވެރިންގެ އެހީގައި އަދި ނޫސްވެރިންގެ "ރަހުމަތްތެރިއެއްގެ" ގޮތުގައި ހުންނަވައިގެންނެވެ. މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވެރިކަމަށް ވަޑައިގަތީ އެގޮތަށެވެ.

ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި ވެރިކަމުގެ ހުވާ ނުކުރައްވަނީސް ވެސް ނޫސްވެރިކަމުގެ މިނިވަންކަން ހިމާޔަތް ކުރައްވާނެކަމުގެ ވައުދު އެމަނިކުފާނު ވެވަޑައިގަތެވެ.

"އަޅުގަނޑުމެންގެ ސަރުކާރުގަ މީޑިއާ ވަނީ ހަގީގަތުގައިވެސް ވަރަށް މިނިވަން، އަމިއްލަ އިހްތިޔާރުގައި ކުރިއަރައި، ގެންދަން ބޭނުންވާ އެންމެ ފުޅާމިނެއްގައި ގެންދިއުމުގެ އެއްވެސް ހުރަހެއް ކުރިމަތި ނުކޮށް، އަދި ސަރުކާރުން އަޅުގަނޑު ދޭން ބޭނުންވާ މިންވަރަށް، އަޅުގަނޑު ބޭނުން ވަރަށް ގިނަ ކަންކަން ކޮށްދޭން. ފުރިހަމަ މިންވަރެއްގައި އެެހީތެރިކަން ދީގެން ކުރިއަރާ ދާ ބަޔަަކަށް މީޑިއާ ހަދަން،" އޮކްޓޯބަރު 4، 2023، ގައި މުއިއްޒު ވިދާޅުވި އެވެ.

ނަމަވެސް ވެރިކަމަށް މާ ގިނަ ދުވަސްތަކެއް ނުވެ ނޫސްވެރިކަން އަދި މައުލޫމާތު ހޯދުމުގެ ހައްގަށް ލޯބިކުރާ އެތައް ބަޔަކު ވަނީ ކަންބޮޑުވާންޖެހިފަ އެވެ. އެންމެ ފުރަތަމަ ދިމާވި ކަމަކީ ބަޔަކު ހިންގާ ދެ ވެބްސައިޓެއް ބްލޮކް ކުރި މައްސަލައެކެވެ.

ދެން ފެނުނީ ސަރުކާރަށް ސަނާ ނުކިޔާ ނޫސްތަކަށް އިސްތިހާރު ކަނޑާލުމާއި ރޭވިގެން އެންޓި ކެމްޕެއިނެއް ސޯޝަލް މީޑިއާގައި ހިންގާ ތަނެވެ. ދެން ސަރުކާރުގެ ފަރާތުން ފެނުނީ މައުލޫމާތު ހިފަހައްޓާ މަންޒަރެވެ. ގާނޫނު ފެޔަށް ޖައްސާލައި، ކަންބޮޑުވާ ދަރަޖައަކަށް މައުލޫމާތު ހިފަހައްޓާ މަންޒަރެވެ.

އެކަންކަން އެހެން ހުއްޓައި، ސަރުކާރުން މިހާރު އުޅެނީ ލެޖިސްލޭޓިވް އެޖެންޑާގައި ހިމަނައިގެން މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ހައްގުގެ ގާނޫނަށް ސިއްރު އިސްލާހުތަކެއް ގެންނާށެވެ. އަދި ނޫސްވެރިންނަށް އަދަބު ދިނުން ވެސް އެއް ފަރާތްނުކޮށް، މުޅިން އަލަށް ނޫސްވެރިކަމުގެ ގާނޫނެއް ވެސް ތައާރަފު ކުރަން ސަރުކާރުން މަސައްކަތް ކުރަނީ އެވެ. ކަންބޮޑުވުންތައް އިންތިހާއަށް ދިޔައީ އެ ދެ ސަބަބާ ހުރެ އެވެ.

މައުލޫމާތު ހިފެހެއްޓުމާއި ޖަވާބުދާރީ ކުރުވަން ހުރަސް އެޅުން

ވެރިކަމަށް ވަޑައިގެންނެވިތާ ފުރަތަމަ ދުވަސްކޮޅު ރައީސް މުއިއްޒު ވިދާޅުވީ މައުލޫމާތެއް ނުލިބިގެން އެއްވެސް ނޫސްވެރިޔަކު، މައުލޫމާތު ހޯދުމުގެ ހައްގުގެ ގާނޫނުގެ ދަށުން ސަރުކާރަށް ހުށަހަޅަންނުޖެހޭނެ ކަމަށެވެ. މައުލޫމާތެއް ނުލިބިއްޖެ ނަމަ ހުދު އެމަނިކުފާނު ވެސް އެކަމަށް އެޓެންޑުވެވަޑައިގަންނަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އެއްވެސް ކަމެއް ފޮރުވައި، ޖަވާބުދާރީ ނުވެވޭ ކަމެއް ނޯންނާނެ. މައުލޫމާތު ހިއްސާ ކުރާނެ. ތިޔަބޭފުޅުން މިސާލަކަށް، އެކަހަލަ ހާލަތެއް ދިމާވެއްޖިއްޔާ، ހަމަ އަޅުގަނޑަށް ވެސް އިޝާރާތެއް ކޮށްލަންވީ. އަޅުގަނޑަށް ޔަގީން [އެފަދަ ހާލަތެއް] ދިމައެއްނުވާނެ،" ޑިސެމްބަރު 5، 2023، ގައި ރައީސް ވިދާޅުވި އެވެ. "ތިޔަބޭފުޅުން އާރުޓީއައިއަށް ލާންޖެހޭ ހިސާބަކަށް ނުދާނެ. އަޅުގަނޑަކަށް ހިއެއްނުވޭ ދާންޖެހޭނެހެނެއް އިނގޭތޯ. ހުރިހާ މައުލޫމާތެއް ލިބެމުންދާނެ. އެއްވެސް ކަމެއްގައި ހިފެހެއްޓުމެއް ނާންނާނެ."

އެކަމަކު ސަރުކާރުން އަދި ރައީސް އޮފީހުން ވެސް މަސައްކަތް ކުރަމުންދަނީ ރައީސް މުއިއްޒުގެ ވައުދާ ހިލާފަށެވެ. ސަރުކާރުގެ ފަރާތުން މައުލޫމާތު ހޯދުމަކީ މިހާރު ފަސޭހަ ކަމެއް ނޫނެވެ. އެކަން އެންމެ ރަނގަޅަށް އެނގޭނެ އެކަކީ، އެންމެ ގިނައިން ސަރުކާރުން މައުލޫމާތު ހޯދަން ހުށަހަޅާ އެކަކު ކަމަށްވާ އެސޯސިއޭޝަން ފޯ ޑިމޮކްރަސީ އިން ދަ މޯލްޑިވްސްގެ ޕްރޮޖެކްޓް ކޯޑިނޭޓަރު އައިމަން ލަތީފެވެ.

"ހަމައެކަނި މި ސަރުކާރެއް ނޫން. މި ގާނޫނު ރާއްޖޭގައި ތަންފީޒު ކުރެވެން ފެށި ހިސާބުން ރައީސް އޮފީހުން އެންމެ އެދެވޭ ގޮތަށް މައުލޫމާތު ދީފައެއް ނެތް. އަމިއްލަ އިސް ނެގުމަށް ވެސް މައުލޫމާތު ހާމަކޮށްފައެއް ނެތް. އެއްވެސް ސަރުކާރަކުން މައުލޫމާތު ހޯދުމަކީ ފަސޭހަ ކަމެއް ނޫން،" މި ނޫހާ ވާހަކަ ދައްކަވަމުން އައިމަން ވިދާޅުވި އެވެ.

އެކަމަކު، މައުލޫމާތު ހިފެހެއްޓުމާއި މައުލޫމާތު ހޯދުމުގެ ހައްގުގެ ގާނޫނަށް އިހުތިރާމް ނުކުރުން ރައީސް މުއިއްޒުގެ ވެރިކަމުގައި އިންތިހާ ކަންބޮޑުވާ ދަރަޖައަކަށް ގޮސްފައިވާ ކަމަށް އައިމަން ގަބޫލު ކުރައްވަ އެވެ.

"މި ދައުރުގައި މައުލޫމާތު ނުދިނުމުގެ އިތުރަށް އަޑުއެހުމަށް ވެސް ނާންނަނީ. ދޭން އެންގީމަ އެ މައުލޫމާތު ވެސް ނުދެނީ، އިސްތިއުނާފު ވެސް ނުކުރަނީ. އެއްވެސް ޖަވާބެއް ވެސް ނުދެނީ. ގާނޫނުގެ އެއްވެސް ހިސާބަކަށް އަޅާލުމެއް މިހާރު ނެތީ،" އޭނާގެ ތަޖުރިބާ ހިއްސާ ކުރައްވަމުން އައިމަން ވިދާޅުވި އެވެ.

މައުލޫމާތު ހޯދުމުގެ ހައްގުގެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން މަސައްކަތް ކުރާތީ ކަންބޮޑުވާންޖެހޭ އެއް ކަމަކީ އެއީ އެވެ. އެހާ ބޮޑަށް މައުލޫމާތު ހިފަހައްޓަން ބޭނުންވާ ސަރުކާރަކުން މި އިސްލާހުތައް ގެންނަން ބޭންވުމެވެ. އަނެއް ކަމަކީ ގެންނަން އުޅޭ އިސްލާހުތައް ސިއްރު ކުރުމެވެ. އެ ގާނޫނަށް ގެންނަން ބޭނުންވާ އިސްލާހުތައް އެއްވެސް ނޫސްވެރިޔަކާ ވެސް އަދި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހާ ވެސް ސަރުކާރުން ހިއްސާއެއް ނުކުރެ އެވެ.

"ސަރުކާރުން ބުނަނީ ތިމަންނަމެންގެ ނެތޭ ވިސްނުމެއް މި ގާނޫނުގައި ހުރި ބާރުތައް ކަނޑާލުމުގެ. އެކްސްޕެކްޓު ކުރެވެނީ ގާނޫނުގެ ބާރުތައް އިތުރަށް ވަރުގަދައެއް ނޫނޭ ކުރާނީ. އެއީ އިދާރާތަކުން ގާނޫނަށް ބޯ ނުލަނބާތީ،" އައިމަން ވިދާޅުވި އެވެ. "[ޓްރާންސްޕޭރަންސީ ނެތުމުން] އަހަންނަށް ނެގޭ މާނައަކީ މިއަށް ގެންނަން އުޅޭ އިސްލާހަކީ މިކަމުގައި އުޅޭ މީހުންނާ މަޝްވަރާ ކޮށްގެން ގެންނަން އުޅޭ އިސްލާހެއް ކަމަށް ނުފެނޭ. މަޝްވަރާނުކޮށް ގެންނަން އުޅޭ އިސްލާހެއް ހިއެއް ނުވޭ ރަނގަޅު އިސްލާހެއް ގެންނަ އުޅޭ ކަމަކަށް."

ނޫސްވެރިކަމުގެ ގާނޫނެއް: ފަހަތަށް އެޅޭ ބޮޑު ފިޔަވަޅެއް

ނޫސްވެރިކަމަކީ ފެހި ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގެކެވެ. އަސާސީ ހައްގަކާ ގުޅޭ ގާނޫނެއް އާންމުކޮށް ހަދަނީ އެ ހައްގެއް ހަނި ކުރަން ބޭނުންވާތީ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

އެކަމަކު ސަރުކާރުން ބުނަނީ، ނޫސްވެރިކަމުގެ ގާނޫނެއް ގެންނަން އުޅެނީ އެއްވެސް ހައްގެއް ހިފަހައްޓަން ނޫން ކަމަށެވެ. ނަމަވެސް ގާނޫނު ވުޖޫދަށް އަންނައިރު، ނޫސްވެރިންނަށް އަދަބު ދިނުމުގެ ވާހަކަ ވެސް އޮވެދާނެ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެ އެވެ.

"އަޅުގަނޑު މިކަން ކުރާއިރުގައި ބްރޯޑްކާސްޓިން ކޮމިޝަން. މީޑިއާ ކައުންސިލް އަދި ނޫސްވެރިންނާ ވެސް މަަޝްވަރާ ކުރުމަށްފަހު މިކަން ކުރާނީ. އެހެންވީމަ ތީގަ އަދަބެއް ހިމެނޭނެތޯ ނުވަތަ ނޫންތޯ، މިސާލަކަށް ހަމަ ތިބޭފުޅުންގެ ތެރެއިން ބައެއް ބޭފުޅުން ބޭނުންވެދާނެ އަދަބު ހިމަނަން. އެހެންވީމާ އަޅުގަނޑަކަށް ނުދެންނެވޭނެ ނޫންތޯ އަޅުގަނޑު އަދަބެއް ނުހިމަނާނަމެކޭ،" ޖޫން 13، ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އުޝާމް ވިދާޅުވި އެވެ.

ނޫސްވެރިންގެ ބޭނުންވެއްޖެ ނަމަ ނޫސްވެރިންނަށް ފިޔަވަޅު އެޅުން ވެސް ގާނޫނުގައި އޮވެދާނެ ކަމަށް ބަންޑާރަ ނައިބު ވިދާޅުވުމުން ކަމުގެ ތަޖުރިބާކާރުން ކަންބޮޑުވެ އެވެ. އެއް ކަމަކީ މިހާރު ނޫސްވެރިކަމުގެ ދާއިރާ އޮތް ހާލަތެވެ. ރާއްޖޭގައި ގަވާއިދުން ނުލިޔާ ދުއިސައްތަ އެތައް ނޫހެއް ރަޖިސްޓްރީކޮށްފައިވާއިރު އޭގެ ތެރެއިން ބައެއް ނޫސްތަކަކީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ހިންގާ ނޫސް ކަމަށް ބައެއް ތަޖުރިބާކާރުން ބުނެ އެވެ.

"ޕްރޮފެޝަނަލްކޮށް ހައެއްކަ ނޫސް މި ހިންގަނީ. ގިނައިން މި ހިންގަނީ ވަކި ގޮތަކަށް ހިންގާ، ބައެއްގެ ބާރުގެ ދަށުގައި އޮތް ނޫސްތައް. އެހެންވީމަ، އެ ނޫސްތައް ބޭނުންވާނީ ނޫސްވެރިކަން ރަނގަޅު ގޮތުގައި ކުރާ ބަޔަކަށް އަދަބު ވެސް ދޭން،" ނޫސްވެރިކަމުގެ 20 އަހަރުގެ ތަޖުރިބާ ހުރި ބޮޑު ނޫހެއްގެ އެޑިޓަރަކު މި ނޫހާ ވާހަކަ ދައްކަމުން ބުންޏެވެ.

ނޫސްވެރިކަމުގެ ގާނޫނެއް ހަދަން މަސައްކަތް ކުރަނީ ނޫސްވެރިކަން ހިމާޔަތް ކުރަން ނޫން ކަމަށް އޭނާ ދެކެ އެވެ. އޭގެ އެއް ސަބަބަކީ، ނޫސްވެރިންނަށް ދެވޭނެ އަދަބުތައް މިހާރު ވެސް އެހެން ގާނޫނުތަކުގައި ބަޔާންކޮށްފައި އޮތުމެވެ. އަބުރު ރައްކާތެރިކޮށްދިނުމުގެ ގާނޫނަކީ އޭގެ ތެރެއިން އެއް ގާނޫނެވެ.

"ރައްކާތެރިކަމާއި ޝަރަފުވެރިކަމާއެކު ނޫސްވެރިކަން ބޭއްވުމުގެ ނިޔަތެއް އޮތްހެން ހިއެއް ނުވޭ،" އޭނާ ބުންޏެވެ.

ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ހިމަނައިގެން ނޫސްވެރިކަމަށް ގާނޫނެއް ހެދުމާ ދެކޮޅު އަނެއް ބޭފުޅަކީ "ދައުރު" ނޫހުގެ މެނޭޖިން އެޑިޓަރު އަހުމަދު ޒާހިރު (ހިރިގާ) އެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި "ނޫސްވެރިކަމާ ބެހޭ ގާނޫނެއް އެއީ އޮންނަންޖެހޭނެ އެއްޗެއް" ވެސް ނޫނެވެ.

"ނޫސްވެރިކަމާ ބެހޭ ގާނޫނެއް އެއީ އޮންނަންޖެހޭ އެއްޗެއް ނޫން. ތަހުޒީބުވެފަ އޮތް މުޖްތަމައުގައި އެގޮތަށް ހަދާ އެއްޗެއް ނޫން. ނޫސްވެރިކަމާ ގުޅޭ ހައްގުތަކަކީ އާރްޓީއައި، ކޮޕީރައިޓް، ޕްރައިވެސީ އެކްޓް ފަދަ ގާނޫނުތަކުން ލިބޭ އެއްޗެއް އެއީ. އަހަރެން ދެކޭ ގޮތުގައި ނޫސްވެރިކަމަށް ވަކިން ގާނޫނެއް ހެދުމަކީ ފަހަތަށް އެޅޭ ފިޔަވަޅެއް،" މި ނޫހާ ވާހަކަ ދައްކަވަމުން ޒާހިރު ވިދާޅުވި އެވެ.

ނޫސްވެރިން ޖަވާބުދާރީ ކުރުވުމާއި ނޫސްވެރިންނަށް ފިޔަވަޅު އެޅުން މިހާރު ވެސް ގާނޫނުތަކުގައި ބަޔާންކޮށްފައި އޮއްވައި، ނޫސްވެރިކަމުގެ ގާނޫނެއް އަލަށް ވުޖޫދު ކުރާއިރު އަދަބުގެ ވާހަކަ ބަންޑާރަ ނައިބު ދެއްކެވުމުން ވެސް ޒާހިރު އެކަމާ ކަންބޮޑުވުން ފާޅު ކުރި އެވެ.

"ނޫސްވެރިންނަކީ މިހާރު ވެސް ގާނޫނަށް ވުރެ މަތިން އޮޕަރޭޓު ކުރާ ބައެއް ނޫން. ނޫސްވެރިންނަށް ވެސް ފިޔަވަޅު އެޅޭ މިހާރު ވެސް. މިސްއިންފޮމޭޝަން ފަތުރާ ނަމަ ނުވަތަ ދޮގު ހަދަންޏާ މީީޑިއާ ކައުންސިލުގެ ގާނޫނަށް ޖާގަ ލިބޭ ފިޔަވަޅު އަޅަން. އެ މައުލޫމާތެއް ރަނގަޅު ކުރާށޭ ކައުންސިލަށް އެންގިދާނެ. ރަނގަޅު ނުކުރަންޏާ މީޑިއާ ކައުންސިލުން ނެރޭނެ ސްޓޭޓްމަންޓެއް. އޭގެ އިތުރުން އަބުރު ރައްކާތެރި ކުރެވޭނެ ގޮތްތައް ވެސް ގާނޫނުތަކުގައި އެބަ އޮތް،" ނޫސްވެރިކަމުގެ ދާއިރާގައި 35 އަހަރު މަސައްކަތް ކުރައްވާފައިވާ ޒާހިރު ވިދާޅުވި އެވެ.

--

މައުލޫމާތު ހޯދުމުގެ ހައްގުގެ ގާނޫނަށް އިސްލާހު ގެނެސް، ނޫސްވެރިކަމަށް ގާނޫނެއް ހަދަން ސަރުކާރުން މަސައްކަތް ކުރަނީ ހެޔޮ ނިޔަތެއްގައިކަން ގަބޫލު ކުރަން ދައްޗެވެ. ރަނގަޅު ނިޔަތެއްގައި އެ މަސައްކަތް ކުރާ ނަމަ މައުލޫމާތު ހޯދުމުގެ ގާނޫނަށް ގެންނަން ބޭނުންވާ އިސްލާހުތަކާއި ނޫސްވެރިކަމުގެ ގާނޫނު އޮންނާނެ ގޮތް މިހާރު އޮންނާނީ ސާފުކޮށްދީފަ އެވެ.

ގެންނަން އުޅޭ އިސްލާހާއި ވުޖޫދު ކުރަން މި އުޅޭ ގާނޫނަށް އިތުބާރު ނުކުރެވޭ އަނެއް ސަބަބަކީ މި ސަރުކާރު ވެރިކަމުގައި މި ހޭދަވި މަދު ދުވަސްކޮޅުގެ ތެރޭގައި ނޫސްވެރިކަމާއި މައުލޫމާތި ހޯދުމަށް މުޅިން ވެސް ގޮންހެޖުން ކުރިމަތިވުމެވެ.