Advertisement

ޖަލީލް: ވަކިވެގެން އެ ދިޔައީ ކުޅިވަރުގެ އަގުހުރި ހިދުމަތްތެރިއެއް

22 ޖޫން 2024 - 20:05 0

ނިއު އިން 2007. ވަނަ އަހަރު އެފްއެ ކަޕްގެ ޗެމްޕިއަންކަން ހޯދިއިރު ޓީމުގެ އޮފިޝަލުންނާއި ކުޅުންތެރިންނާ އެކު ޖަލީލް (މ)


ޖަލީލް: ވަކިވެގެން އެ ދިޔައީ ކުޅިވަރުގެ އަގުހުރި ހިދުމަތްތެރިއެއް

22 ޖޫން 2024 - 20:05 0

ހދ. ހަނިމާދޫގައި، މިއަދު ނިޔާވެފައި އޮއްވައި ފެނުނު، އަހުމަދު ޖަލީލް މޫސާ (ޖައްލެ)، 64، އަކީ ރާއްޖޭގެ ކުޅިވަރުގައި ފާހަގަކޮށްލެވޭ ގިނަ ހިދުމަތްތަކެއް އެކި ކުޅިވަރުގައި ކޮށްފައިވާ ފަރާތެކެވެ.

އެ ގޮތުން، ރާއްޖޭގެ އެންމެ ކާމިޔާބު ފުޓްބޯޅަ ކްލަބް، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގައި އޭނާ މުހިންމު މަސައްކަތްތަކެއް ކުރެއްވި އެވެ.

ވިކްޓަރީ ސްޕޯޓްސް ކްލަބަށް 1980 ގެ އަހަރުތަކުގައި ކުޅުނު ޖަލީލް، ވަނީ 1983 ވަނަ އަހަރު ވިކްޓަރީ އަށް ޕްރެޒިޑެންޓްސް ކަޕް ކާމިޔާބު ކޮށްދޭން އެހީތެރިވެދީފަ އެވެ.

ކުޅުމެކޭ އެއްވަރަށް ފަހުން ޖަލީލް ފާހަގަވެފައިވަނީ ފުޓްބޯޅައިގެ ހިންގުމުގެ ދާއިރާގަ އެވެ. މީގެ އިތުރުން ވެސް އެހެން ކުޅިވަރުތަކުގައި ވެސް މުހިންމު މަސައްކަތްތަކެއް ކުރަން ބައިވެރިވެ އުޅުއްވި އެވެ.

ރާއްޖޭގެ ފުޓްބޯޅަ ކްލަބަކުން މިހާތަނަށް ހޯދި އެންމެ ބޮޑު އެއް ކާމިޔާބީ، 2005 ވަނަ އަހަރުގެ އޭއެފްސީ ކަޕުގެ ސެމީ ފައިނަލަށް ނިއު ރޭޑިއަންޓުން ދަތުރުކުރިއިރު ޖަލީލް އަކީ އެ ޓީމުގެ މުހިއްމު އޮފިޝަލެކެވެ.

ޖަލީލް (ކ) އާއި ވިކްޓަރީގެ ކުރީގެ ކޯޗު މައުރޫފް އަހުމަދު (މާއްޓޭ).


އެކި ކުޅިވަރުތަކުގައި ނިއު އިން ބައިވެރިވުމަށް ބާރު އެޅުއްވި ފަރާތެއްގެ ގޮތުގައި ފާހަގަކުރެވުނު ޖަލީލް ވަނީ ނިއު އިން 2007 ވަނަ އަހަރު އެފްއޭ ކަޕް، ދެ ވަނަ ފަހަރަށް މިލްކުކުރިއިރު ވެސް ޓީމުގައި އިސްކޮށް މަސައްކަތްްކޮށްފަ އެވެ. އެ ގޮތުން، 2008 ގެ ނިޔަލަށް ނިއުގައި މަސައްކަތްކުރި އެވެ.

އެ އަށް ފަހު، ހދ. ހަނިމާދޫ އަށް ދިރިއުޅުން ބަދަލުކޮށް، އެ ރަށުގައި އުޅުއްވިއިރު ވެސް ކުޅިވަރާ ވަކިނުވެ އެވެ. އެ ރަށުގެ އެކި ޓީމުތަކަށް ކޯޗުކޮށްދިންއިރު، ހަނިމާދޫ ޓީމަށް އަތޮޅު ފެންވަރުގައި ކޯޗުކޮށްދިންނެވެ. ހަނިމާދޫގައި ކޮންމެ ކުޅިވަރެއްގެ ކަމެއް ރާވައިފިނަމަ އެ ކަމެއްގައި އިސްކޮށް އުޅުއްވަ އެވެ.

އެ ގޮތުން، ހަނިމާދޫ ވޮލީ ޓީމުގައި ވެސް މަސައްކަތްކުރެއްވި ޖަލީލް ވަނީ އެހެން ރަށްރަށަށް ވެސް ކުޅިވަރުގެ ތެރެއިން ހިދުމަތްކޮށްދޭން ލިބުނު ފުުރުސަތުތަކުގައި ބޭނުންހިފައި އެހީތެރިވެދެއްވައިފަ އެވެ.

ޖަލީލް ނިއު ރޭޑިއަންޓްގެ އިވެންޓެއްގެ ތެރެއިން ވާހަކަ ދައްކަވަނީ


ރާއްޖޭގެ އަތޮޅު ފުޓްބޯޅަ ކުރިއެރުވުމަށް އަބަދުވެސް އިސްކަންދެއްވި ޖަލީލް އަކީ ކުޅިވަރުގައި އުޅުއްވި ކޮންމެ ފަރާތެއްގެ ވެސް ގާތް އެކުވެރިއެކެވެ.

ޖަލީލްގެ މި ކުއްލި ވަކިވުމާ އެކު، އޭނާ ރާއްޖޭގެ ކުޅިވަރަށް ކޮށްދެއްވާފައިވާ އަގުހުރި ހިދުމަތްތަކުގެ ހަނދާން ގިނަ ބަޔަކު އަންނަނީ އާ ކުރަމުންނެވެ.

އެ ގޮތުން، ޖަލީލް އަކީ ރާއްޖޭގެ ކުޅިވަރުގެ ލެޖެންޑެއް ކަމަށާއި އެ ފަދަ ހިދުމަތްތެރިންގެ އަގުވަޒަންކުރުން މުހިންމު ކަމަށް ގިނަ ބަޔަކު ފާހަަގަކޮށްފައިވެ އެވެ.