20 ޖޫން 2024 - 12:42 0
ނިމާ ހަސަން
އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު; މުޅި އައްޑޫ ސިޓީއަށް ބޭނުންވާ ކަރަންޓު ސޯލާއިން އުފައްދަން ކައުންސިލުން ވަނީ އަމާޒުހިފާފައި -- ފޮޓޯ: އަދަދު
20 ޖޫން 2024 - 12:42 0
މުުޅި އައްޑޫ ސިޓީއަށް ބޭނުންވާ ކަރަންޓު ސޯލާއިން އުފައްދަން އެ ސިޓީގެ ކައުންސިލުން އަމާޒުހިފައިފި އެވެ.
ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވަނީ, އެ ސިޓީގައި ސޯލާއިން ކަރަންޓު އުފެއްދުމަށް ކުރަމުންދާ މަސައްކަތްތަކާއި އެކަމަށް ކުރިއަށްދާ މަޝްރޫއުގެ ތަފްސީލުތައް ހާމަކުރައްވާފަ އެވެ.
ނިޒާރު ވިދާޅުވީ ރާއްޖޭގައި ހިންގާ އެންމެ ބޮޑު ސޯލާ ޕްރޮޖެކްޓު, އެސްޕަޔާގެ ދަށުން 4.5 މެގަވޮޓް ސޯލާ ހަރުކުރުމުގެ އަމަލީ މަސައްކަތް އައްޑޫގެ ހިތަދޫ އަދި މަރަދޫފޭދޫގައި ކުރަމުންދާ ކަމަށެވެ.
"މި ޕްރޮޖެކްޓް ނިމިގެންދާއިރުގައި އައްޑޫގައި 11 ވަރަކަށް މެގަވޮޓްގެ ސޯލާ ހުންނާނެ, މިހާރު އައްޑޫގެ ކޮންސަމްޕްޝަން މިއުޅެނީ ވެސް 11-12 މެގްވޮޓް, އެހެންވީމަ އައްޑޫގައި މިހާރު މިވަގުތަށް އުފައްދާ ކަރަންޓާ އެއްވަރަށް ސޯލާގެ ހަކަތައިން ކަރަންޓު ލިބޭނެ ކަމަށް ފާހަގަކުރެވޭ," ނިޒާރު ވިދާޅުވި އެވެ.
ސޯލާ ބޭނުން ކުރުމުގައި ބެޓަރި ނިޒާމެއް ނެތުމުން ސޯލާ ހަކަތަ ބޭނުންކުރެވެނީ ހަމައެކަނި ދުވާލުކަން ފާހަގަ ކުރައްވާ ނިޒާރު ވިދާޅުވީ އެސްޕަޔާ މަޝްރޫގެ ތެރެއިން އެ ނިޒާމު ގާއިމު ކުރުމަށް ފެނަކައާ ހަވާލުކުރަން ހަމަޖެހިފައިވާ ކަމަށެވެ.
މީގެ އިތުރުން ރާއްޖޭގައި ހިންގާ އިޔާދަކުރަނިވި ހަކަތައިގެ އެންމެ ބިޔަ މަޝްރޫއު ކަމަށްވާ، ފްލޯޓިން ސޯލާގެ މަޝްރޫއުގެ ވެސް މުހިންމު ބައިތަކެއް އައްޑޫއަށް ވަނީ އަމާޒުކޮށްފަ އެވެ. އެ މަޝްރޫއުގެ ވެސް މުހިންމު މަސައްކަތްތަކެއް މިހާރު ނިމިފައިވާކަން މޭޔަރު ނިޒާރު ފާހަގަކުރެއްވި އެވެ.
"މިކަންކަން ނިމިގެން އައިމަ އައްޑޫއަކީ ހަމައެކަނި ޑީސަލްއަށް ބަރޯސާނުވާ ސޯލާއިން ވެސް ބޮޑު އަދަދަކަށް ކަރަންޓު އުފައްދާނެ ސިޓީއަކަށް ވެގެންދާނެ, އަޅުގަނޑުމެންގެ ޓާގެޓަކީ ގްރީން ސިޓީއެއްގެ ގޮތުގައި އައްޑޫ ނަން ކުރުމަށް މަސައްކަތް ކުރުން, ކުރިއަށް އޮތް ދެތިން އަހަރު ތެރޭ ހުރިހާ ކަމެއް ކޮމްޕްލީޓް ކުރެވިގެންދާނެ ކަމަށް ގަބޫލު ކުރެވޭ," އޭނާ ވިދާޅުވި އެވެ.
ނިޒާރު ވިދާޅުވީ މިވަގުތު ވެސް އައްޑޫގައި ގާތްގަނޑަކަށް 1.2 މެގްވޮޓްގެ އިއާދަ ކުރުވަނިވި ހަކަތަ ސޯލާއިން އުފައްދަން އިންސްޓޯލް ކުރެވިފައި ހުރި ކަމަށާއި, ހޯމް ސޯލާ ޕްރޮޖެކްޓްތަކުން އައްޑޫ އެކި ސަރަހައްދުތަކުގައި ހުރި ގޭގޭގައި 1 މެގަވޯޓާ ހަމައަށް ސޯލާ ހަރުކޮށްފައިވާ ކަމަށެވެ. އަދި ކައުންސިލުގެ ހުރިހާ އޮފީހެއްގައި ވެސް ސޯލާ ހަރުކޮށްފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
މިސްކިތްތަކުގައި ވެސް ސޯލާ ހަރުކުރުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކޮށް ނިޒާރު ވިދާޅުވީ އައްޑޫގައި 70 ވަރަކަށް މިސްކިތް ހުރިއިރު, އެތަންތަނަށް ކަރަންޓު ދިނުމަށް ކައުންސިލުން ބޮޑު ހޭދައެއް ކުރަން ޖެހިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެ މައްސަލައަށް ހައްލު ގެނެވޭނީ ސޯލާ ހަރުކޮށްގެން ކަމަށްވާތީ, އެ މަސައްކަތް ކައުންސިލުގެ ކުންފުންޏާ ހަވާލުކޮށްފައިވާ ކަމަށެވެ.
Comment