Advertisement

ކުށުގެ ޒިންމާ އުފުލާ އުމުރު ދަށްކުރުމަށް ވުރެ މާހައުލު ބަދަލުކުރުން މާ ރަނގަޅު: ޕީޖީ ޝަމީމް

20 ޖޫން 2024 - 10:39 2

ޕްރޮސެކިޔުޓާ ޖެނެރަލް ހުސެއިން ޝަމީމް: ޝަމީމް ވިދާޅުވީ ޖަލަށް ލައިގެން މައްސަލަތަކަށް ހައްލެއް ނުލިބޭ ކަމަށް -- އަދަދު ފައިލް ފޮޓޯ


ކުށުގެ ޒިންމާ އުފުލާ އުމުރު ދަށްކުރުމަށް ވުރެ މާހައުލު ބަދަލުކުރުން މާ ރަނގަޅު: ޕީޖީ ޝަމީމް

20 ޖޫން 2024 - 10:39 2

ކުށްކުރާ ކުޑަކުދިންގެ މައްސަލައިގެ ހައްލަކީ އުމުރު ދަށްކުރުން ނޫން ކަމަށާއި އޭގެ ބަދަލުގައި އެ ކުދިންގެ މާހައުލު ބަދަލުކުރަން އިންވެސްޓުކުރަން މާ ރަނގަޅު ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ޕީޖީ ޝަމީމުގެ ބްލޮގުގައި "ކުށްކުރާ ކުޑަކުދިން – ހައްލަކީ އުމުރު ދަށްކުރުމެއް ނޫން، މާހައުލު ބަދަލުކުރުން" ސުރުހީގައި ޝާއިއުކޮށްފައިވާ ލިޔުމެއްގައި އޭނާ ވަނީ ކުށްކުރާ ކުޑަކުދިންގެ މައްސަލައަކީ ޖިނާއީ އަދުލުގެ ނިޒާމުގައި ހައްލެއް ހޯދިފައި ނުވާ މައްސަލައެއް ކަމަށް އިއުތިރާފުވެވަޑައިގެންފަ އެވެ.

ނަމަވެސް ޝަމީމް ވަނީ މިހާރު ގާނޫނުގައި އޮތް އުމުރު ދަށްކުރުމަކީ ހައްލެއް ނޫން ކަމަށް އޭނާއަށް ގަބޫލުކުރެއްވެވޭ ތަފުސީލީ ސަބަބުތަކާއެކު ވިދާޅުވެދެއްވާފަ އެވެ.

ހަމައެހެންމެ، ސަރުކާރާއި ފުލުހުން ދެކޭ ގޮތަށް ކުށުގެ ޒިންމާ އުފުލަންޖެހޭ އުމުރު މިހާރު އޮތް ގޮތަށް 15 އަހަރުން، 12 އަހަރަށް ނުވަތަ 10 އަހަރަށް ހަގުުކުރުމުން މައްސަލައަށް ހައްލެއް ނުލިބޭ ކަމަށް އޭނާ ލިޔުއްވާފައިވެ އެވެ. މީގެ ކުރިން ވެސް ޕީޖީ ޝަމީމް ވަނީ މިކަމާ ދެކޮޅަށް ވާހަކަ ދައްކަވާފަ އެވެ.

އޭގެ ބަދަލުގައި އެ ކުދިން އުޅޭ މާހައުލު ބަދަލުކުރަން މަސައްކަތް ކުރަން މާ ރަނގަޅު ކަމަށް ބަޔާންކުރައްވާ ޝަމީމް ވިދާޅުވީ ރާއްޖޭގައި ކުދިން ކުށްކުރަނީ އެ ކުދިންގެ މާހައުލުން އެކަމަށް ހިތްވަރު ލިބޭތީ ކަމަށާއި އެފަދަ މާހައުލެއްގައި ނެތް ކުއްޖަކު ކުށެއް ކޮށްގެން ޖިނާއީ އަދުލުގެ ނިޒާމުގެ ސަމާލުކަމަށް އައިސްފައި ނުވާ ކަމަށް ވިދާޅުވެފަ އެވެ.

"ވީމާ، ކުޑަކުދިން ކުށްކުރުމުން ދުރުހެލިކުރުމަށްޓަކައި ކުރަންވީ އެއްކަމަކީ ކުށުގެ ނުރައްކަލަށް ހުށަހެޅިފައިވާ ކުދިން ތިބި މާހައުލު ބަދަލުކުރެވޭތޯ ބެލުން،" ޝަމީމް ލިޔުއްވާފައިވެ އެވެ.

މިކަން ކުރުމުގެ ބާރު ގާނޫނު ތަންފީޒުކުރާ މީހުންނަށް އެބައޮތް ކަމަށް ޝަމީމް ވިދާޅުވި އެވެ. ނަމަވެސް މިއީ ކެތްތެރިކަމާއި ސާބިތުކަމާއެކީ ދައުލަތުގެ ވަސީލަތްތަށްވެސް އެކަމަށް ހޭދަކޮށްގެން ކުރެވޭނެ މަސައްކަތެއް ކަމަށް އޭނާ ލިޔުއްވާފައިވެ އެވެ.

"އެ ކުއްޖާގެ މައިންބަފައިންގެ ވަޒީފާއެއް ނެތްނަމަ، ވަޒީފާއެއް ހޯދައިދޭންވީ. ތައުލީމީ ދާއިރާއިން އެ ކުދިންނަށް އިތުރު ހާއްސަ ފުރުސަތުތައް ވެސް ލިބޭނޭގޮތް ހަދަންވީ. ޔުނިވަސިޓީތަކާއި ވޮކޭޝަނަލް ތަމްރީން ޕްރޮގްރާމްތަކުގައި އެ ކުދިން ބައިވެރިކޮށް، ނުރަނގަޅު ރަހުމަތްތެރިންނާއެކު ހޭދަކުރަން ލިބޭ ވަގުތު މަދުކުރެވޭތޯ ބަލަންވީ." ޝަމީމް ވިދާޅުވި އެވެ.

"އެއާއެކު، އެ ކުއްޖާއާ އެއްކޮށް އުޅޭ އެހެން ކުދިން ވެސް، މަޑުމަޑުން މި ޕްރޮގްރާމްތަކުގައި ބައިވެރިކުރަންވީ. އެ ކުއްޖާގެ ވަށައިގެންވާ މާޙައުލު އެއްކޮށް ބަދަލުކުރެވޭތޯ ބަލަންވީ،"

ޝަމީމް އިތުރަށް ވިދާޅުވީ މިއީ ކުޑަ ނޫން މަސައްކަތެއް ކަމަށެވެ. އެކަމަކު ބައެއް ފަހަރު ކުދިންގެ މާހައުލު ބަދަލުކުރުމަށްކުރާ އިންވެސްޓްމަންޓަކީ ކުއްޖަކު ޖަލުގައި ބަންދުކުރުމަށް ހިނގާ ހަރަދަށްވުރެ ކުޑަ، އޭގެ ނަތީޖާ މާ ރަނގަޅުވާނެ އިންވެސްޓްމަންޓެއްކަމަށް އޭނާއަށް ފެނިވަޑައިގަންނަވާ ކަމަށެވެ.

ކުށުގެ ޒިންމާ އުފުލަން ޖެހޭ އުމުރު ދަށްކުރުމާ ދެކޮޅަށް މީގެ ކުރިން މަދަނީ ޖަމިއްޔާތަކުން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

ނަމަވެސް ބެލެވެނީ ސަރުކާރުން ބޭނުންވާ ގޮތަށް، ސަރުކާރު ހިންގާ ޕާޓީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން އުމުރު ދަށްކުރާނެ ކަަމަށެވެ. އެއީ ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި އިސްލާހުކުރަން ހުށަހަޅާފައިވާ ގާނޫނުތަކުގެ ތެރޭގައި ކުޑަކުދިންގެ އަދުލުގެ ގާނޫނު ވެސް ހިމެނޭތީ އެވެ.