14 ޖޫން 2024 - 00:29 0
މާޒިޔާގެ ކުޅުންތެރިން މިއަދުގެ މެޗުގެ ތެރެއިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އިމޭޖަސް.އެމްވީ / ނައުޝަމް ވަހީދު
14 ޖޫން 2024 - 00:29 0
އެފްއޭއެމް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގެ އެންމެ ފަހުގެ ޗެމްޕިއަން، ކްލަބް އީގަލްސް އިން ދެ ގޯލު ޖަހާފައިވަނިކޮށް ފަހަތުން އަރައި 3-2 އިން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން މޮޅުވެއްޖެ އެވެ.
މި ގްރޫޕްގައި މިއަދު ހަވީރު ކުޅުނު މެޗުން ޔުނައިޓެޑް ވިކްޓަރީ އަތުން ކްލަބް ގްރީން ސްޓްރީޓްސް މޮޅުވީ ފަަހަތުން އަރައި 4-1 އިންނެވެ.
ގްރޫޕް ބީގެ ތާވަލަށް ބަލާއިރު، ކޮންމެ ޓީމެއް ވަނީ ދެ މެޗު ކުޅެފަ އެވެ. އެއް ވަނައިގައި އޮތް ގްރީން ސްޓްރީޓްސް އާއި ދެ ވަނައިގައި އޮތް މާޒިޔާ އަށް ވަނީ ހަަތަރު ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް އީގަލްސް އަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ހަތަރު ވަނައިގައި އޮތް، ޔުނައިޓެޑް ވިކްޓަރީ އަށް ޕޮއިންޓެއް ނުލިބެ އެވެ.
އަލްހާ އީދަށް 10 ދުވަހުގެ ބްރޭކެއް ނެގުމަށް ފަހު ޔޫތު ޗެމްޕިއަންޝިޕް ފަށާނީ، މި މަހު 23 ވަނަ ދުވަހު ގްރޫޕް އޭގެ މެޗުތަކުންނެވެ. ގްރޫޕް ބީގެ މެޗުތައް އޮތީ މި މަހު 24 ވަނަ ދުވަހު އެވެ. އެ ދުވަހު ހަވީރު، މާޒިޔާ އިން ކުޅޭނީ ޔުނައިޓެޑް ވިކްޓަރީއާ އެވެ. އެރޭ ކުޅޭ މެޗުގައި، ގްރީން ސްޓްރީޓްސް ބައްދަލުކުރާނީ އީގަލްސްއާ އެވެ. އެ ދެ ޓީމަކީ މި މުބާރާތުގެ ދެ ޗެމްޕިއަނުންނެވެ.
އީގަލްސްގެ އަޝްހަމް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ
ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗުގައި އީގަލްސް އިން ވަނީ 27 ވަނަ މިނިޓްގައި މުހައްމަދު އައިމަން ޖެހި ގޯލުންނެވެ. އަދި އީގަލްސް އިން ފުރަތަމަ ހާފު ނިމުމުގެ ކުރިން ވަނީ އިތުރު ގޯލެއް ޖަހައިފަ އެވެ. އެއީ، މެޗުގެ 35 ވަނަ މިނިޓްގައި އެ ޓީމުގެ ކެޕްޓަން، އަޝްހަމް އިބްރާހިމް އަހުމަދު އެވެ.
މާޒިޔާ މޮޅުވީ ދެ ވަނަ ހާފުގައި ކުޅެން އަރައި، ތަފާތު ރޫހެއްގައި ކުޅެ ތިން ގޯލު ޖަހައިގެންނެވެެ. މި ފަހަރުގެ ޔޫތު ޗެމްޕިއަންޝިޕްގައި މިހާތަނަށް ފެނުނު އެންމެ ފޯރިގަދަ މެޗުގައި، މާޒިޔާ އަށް ގޯލުތައް ޖަހައިދިނީ، އެ ޓީމުގެ ކެޕްޓަން، މުހައްމަދު އަފްޒަލް ދެ ގޯލާއި އަނޫފް އަބްދުﷲ އެވެ.
އަފްޒަލް، ފުރަތަމަ ގޯލު ޖެހީ 66 ވަނަ މިނިޓްގަ އެވެ. އޭގެ 10 މިނިޓް ފަހުން، އޭނާ ވަނީ އިތުރު ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފަ އެެވެ. މާޒިޔާ މޮޅުވި ގޯލު އަނޫފް ކާމިޔާބުކުރީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތް މިނިޓަށް ވެފައި ވަނިކޮށެވެ.
Comment