ބުރު ސްޕޯޓްސް ކްލަބްގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ
އެފްއޭއެމް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގައި ރޭ ޓީސީ ސްޕޯޓްސް ކްލަބާއި ބުރު ސްޕޯޓްސް ކްލަބް ބައްދަލުުކުރި މެޗު 2-2 އިން އެއްވަރުވެއްޖެ އެވެ.
މި ގްރޫޕްގައި އިއްޔެ ކުޅުނު ދެ މެޗު ވެސް ނިމުނީ އެއްވަރުވެގެންނެވެ. އިއްޔެ ހަވީރު، ސުޕަ ޔުނައިޓެޑް ސްޕޯޓްސް އާއި އޮޑި ސްޕޯޓްސް ކްލަބް ކުޅުނު މެޗު 1-1 އިން ވަނީ އެއްވަރުވެފަ އެވެ. އެހެންކަމުން، ފަހު މެޗުތަކަށް ނުކުންނައިރު، ހަތަރު ޓީމަށް ވެސް ސެމީ ފައިނަލްގެ ޖާގަ ހޯދުމުގެ އަމިއްލަ ބާރު އެބައޮތެވެ.
މި ވަގުތުގެ ތާވަލަށް ބަލާއިރު، ސަސް އެއް ވަނައިގައި އޮތީ ދެ ވަނައިގައި އޮތް ޓީސީއާ އެއްވަރަށް ދެ މެޗުން ހަތަރު ޕޮއިންޓް ހޯދި ނަމަވެސް ލަނޑުގެ ތަފާތުންނެވެ. ތިން ވަނައިގައި އޮތް އޮޑި އާއި ހަތަރެއްގައި އޮތް ބުރު އަށް ވަނީ ޕޮއިންޓެއް ލިބިފަ އެވެ.
ރޭގެ މެޗުގައި ޓީސީން ލީޑުނެގީ 36 ވަނަ މިނިޓްގައި އެ ޓީމުގެ ހުސެއިން ސައްމާހު ޖެހި ގޯލުންނެވެ. މިއީ މެދު ރޮނގުކައިރިން ލިބުނު ހިލޭ ޖެހުމަކުން ސައްމާހު ފޮނުވާލި ބޯޅައެއް ބުރުގެ ކީޕަރު، އަހުމަދު މަހާސިން ހިފަން އުޅުމުގެ ތެރޭގައި އަތުގައި ޖެހިފައި ގޯލަށް ވަން ބޯޅައެކެވެ.
ޓީސީ ޓީމުގެ ސައްމާހު ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ
އޭގެ ދެ މިނިޓް ފަހުން، ހިލޭޖެހުމަކުން އޭރިއާތެރެއަށް ހުރަސްކޮށްލި ބޯޅައަކުން ބުރުގެ އަޒުހަދު މުހައްމަދު ޒާހިދު ބޮލުން ޖެހި ގޯލުން ބުރު ވަނީ ނަތީޖާ ހަމަހަމަކޮށްފަ އެވެ.
ދެ ވަނަ ހާފުގެ ކުޅުން ފެށިގެން 11 ވަނަ މިނިޓްގައި ބުރުން ވަނީ ގޯލެއް ޖަހައި ލީޑުނަގައިފަ އެވެ. މިއީ އޭރިއާބޭރުން ބުުރުގެ ހަސަން ނާއިމް ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިގެން ކާމިޔާބު ކުރި ގޯލެކެވެ. މިއީ މިހާތަނަށް މި ފަހަރުގެ ޔޫތު ޗެމްޕިއަންޝިޕްގައި ފެނުނު އެންމެ މޮޅު އެއް ގޯލެވެ.
ޓީސީން އެއްވަރުކުރި މެޗުގެ 77 ވަނަ މިނިޓްގައި އަބްދުﷲ ފިޒާން ޖެހި ގޯލުންނެވެ. ބުރުގެ ޑިފެންސް ފަަހަތަށް އައި ބޯޅައެއް ހޯދައި ފިޒާން މި ލަނޑު ޖެހީ ކީޕަރު މަހާސިން ކައިިރިން ވެސް ނައްޓާލުމަށް ފަހު އެވެ.
ޔޫތު ޗެމްޕިއަންޝިޕްގައި މިއަދު ކުޅޭނީ ގްރޫޕް ބީގެ ދެ މެޗެވެ. ހަވީރު 16:00 ގައި ކުޅޭ މެޗުގައި ކްލަބް ގްރީން ސްޓްރީޓްސް ބައްދަލުކުރާނީ ޔުނައިޓެޑް ވިކްޓަރީއާ އެވެ. މިރޭ، 21:00 ގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި ކްލަބް އީގަލްސް ވާދަކުރާނެ އެވެ.
Comment