12 ޖޫން 2024 - 05:58 0
ލީވާން އަލީ ނާސިރު
12 ޖޫން 2024 - 05:58 0
ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ އެންމެ ބޮޑު އެއްބާރު ބަޔާންކޮށްފައިވާ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު "ޑިމޮކްރެޓިކް ވެއްޓަށް ފެއްތުމަށް" ކަމަށް ބުނެ އެ ގާނޫނަށް ބަދަލުތަކެއް ގެންނަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށް ބުނި ވާހަކަ އިއްޔެ ރިޕޯޓުކުރި އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު ގާނޫނު އަސާސީގެ 29 ވަނަ މާއްދާއިން ކަށަވަރުކޮށް ދީފައިވާއިރު، އެކަމަށް ހާއްސަ ގާނޫނެއް އެކުލަވާލައި އަމަލުކުރަން ފެށީ 2014 ވަނަ އަހަރު އެވެ. އެއަށް ފަހު ވޭތުވެދިޔަ 10 އަހަރު ދުވަހު އެ ގާނޫނަށް ވޭތުވެދިޔަ ދެ ސަރުކާރުން ވެސް ބަދަލެއް ނުގެނެ އެވެ. އެފަދަ ބިލެއް ވެސް މަޖިލީހަށް ނުފޮނުވަ އެވެ.
ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު "އަދަދު" ނޫހަށް ވިދާޅުވީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު ބަދަލު ކުރުމުގެ ހަމައެކަނި ބޭނުމަކީ އެ ގާނޫނު ތަންފީޒު ކުރުމުގައި ޑިމޮކްރެޓިކް ވެއްޓަކަށް ފެއްތުން ކަމަށެވެ.
"[ސަރުކާރުން ބިލު ހުށަހަޅަނީ] އެ ގާނޫނު ތަންފީޒުކުރުމުގައި ޑިމޮކްރެޓިކް ވެއްޓަކަށް ފެއްތުމަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށް،" އޭނާ ވިދާޅުވި އެވެ.
އެއީ ކޮން ބަދަލުތަކެއް ކަމެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ.
މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނަށް ބަދަލު ގެންނަކަން ހާމަކުރީ އެ ގާނޫނަށް ރައީސް އޮފީހުން އަމަލުނުކުރާ މައްސަލަ ރަސްމީކޮށް ބަލައި ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކާމެދު ފިޔަވަޅު އަޅަން އިންފޮމޭޝަން ކޮމިޝަނަރު އަހުމަދު އާހިދު ރަޝީދު ނިންމަވާފައި ވަނިކޮށެވެ.
ރައީސް އޮފީހުން މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނަށް އަމަލު ނުކުރާ މައްސަލަ ބަލަން ނިންމާފައިވާ ކަމަށް އާހިދު ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ތުރުކީއަށް ކުރެއްވި ރަސްމީ ދަތުރުގެ ތަފުސީލު ހޯދުމަށް "އަދަދު" އިން ހުށަހެޅުމުން ޖަވާބެއް ނުދިން މައްސަލާގައި މެއި 15، ގައި ބޭއްވި އަޑުއެހުމެއްގަ އެވެ.
"ރައީސުލްޖުމްހުރިއްޔާގެ އޮފީހުން މި ގާނޫނަށް އަމަލުނުކުރެވެނީ ކީއްވެތޯ ބެލުމަށްޓަކައި އަދި އެކަމުގައި ޒިންމާވާންޖެހެނީ ކޮން ފަރާތެއްތޯ ބެލުމުގެ މަސައްކަތް މި މައްސަލާގައި މި ހިނގާފައިވާ ކަންތައްތަކާއެކުގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ކުރިއަށް ގެންދާނެކަން އާންމުކޮށް އަންގަން،" އެ މައްސަލައިގައި މީހަކު ޒިންމާވާންޖެހޭ ނަމަ ފިޔަވަޅު އަޅުއްވާނެ ކަމަށް ވެސް އާހިދު އެދުވަހު ވިދާޅުވި އެވެ.
ރައީސް މުއިއްޒުގެ ސަރުކާރަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބުމާއެކު ހުށަހަޅާ ފުރަތަމަ ބިލުތަކުގެ ތެރޭގައި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު ހިމެނިއިރު، އިންޑިއާއާއެކު ހަދާފައިވާ އެއްބަސްވުންތައް ކުރީ ސަރުކާރުން ހާމަ ނުކުރި މައްސަލައިގައި އެ މަނިކުފާނު ކުރިން ފާޑުވިދާޅުވެފައިވެ އެވެ. އަދި ވެރިކަމަށް ވަޑައިގަތުމަށް ފަހުގައި ވެސް ވިދާޅުވެފައިވަނީ މައުލޫމާތު ހާމަކުރާނެ ކަމަށާއި، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު ބޭނުންކޮށްގެން މައުލޫމާތު ހުށަހަޅަން ނުޖެހޭ މިންވަރަށް ދައުލަތުގެ ހާމަކަން ބޮޑުކުރާނެ ކަމަށެވެ.
ނަމަވެސް، މި ސަރުކާރުގައި އެންމެ ބޮޑަށް މައުލޫމާތު ސިއްރުކޮށް ހިފަހައްޓަނީ ރައީސް އޮފީހުންނެވެ. އިންފޮމޭޝަން ކޮމިޝަނަރު އޮފީހުން ބާއްވާ އަޑުއެހުންތަކުގައި ވެސް ރައީސް އޮފީހުން ބައިވެރިނުވެ އެވެ.
Comment