އިއްޔެގެ އިވެންޓުން ރަން މެޑަލް ހޯދުމަށް ފަހު އަޒްނީން.--- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ
ދެކުނު އޭޝިއާގެ ބޮޑީބިލްޑިން ޗެމްޕިއަންޝިޕްގެ ފިރިހެނުންގެ 170 ސެންޓްމީޓަރު ސްޕޯޓްސް ފިޒީކް ކެޓަަގަރީން ޖެހިޖެހިގެން ތިން ފަހަރަށް ރަން މެޑަލް ހޯދައި، ރާއްޖޭގެ އެތުލީޓް، އަޒްނީން ރަޝާދު ރެކޯޑެއް ގާއިމްކޮށްފި އެވެ.
މިދިޔަ އަހަރުގެ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް އިން ހޮވި އެންމެ މޮޅު އެތުލީޓަކަށް ހޮވުނު އަޒްނީން ވަނީ 2022 ވަނަ އަހަރު ނޭޕާލްގައި ބޭއްވި ދެކުނު އޭޝިއާގެ މުބާރާތާއި މިދިޔަ އަހަރު މާލޭގައި ހޯސްޓްކުރި މުބާރާތުގައި ވެސް 170 ސެންޓްމީޓަރު ބައިން ރަން މެޑަލް ހޯދައިފަ އެވެ. މިއީ ރާއްޖޭގެ އެތުލީޓަކު ސަރަހައްދީ މުބާރާތަކުން ޖެހިޖެހިގެން ތިން ފަހަރު ރަން މެޑަލް ހޯދި ފުރަތަމަ ފަހަރެވެ.
އަޒްނީން ވަނީ ވޯލްޑް ޗެމްޕިއަންޝިޕްގެ މި ކެޓަގަރީން ވެސް އެންމެ ފަހުން ދެ ފަހަރު ރަން މެޑަލް ހޯދައިފަ އެވެ. އަދި އޭޝިއާ މުބާރާތުގެ މި ކެޓަގަރީން އެންމެ ފަހުން ދެ ފަހަރު ރަން މެޑަލް ހޯދީ އަޒްނީން އެވެ.
އިއްޔެ ރާއްޖޭގައި ފެށި، ދެކުނު އޭޝިއާގެ ބޮޑީބިލްޑިން މުބާރާތުގައި ރާއްޖޭގެ އިތުރު ހަތް އެތުލީޓަކު މެޑަލް ހޯދި އެެވެ.
އެއީ 55 ކިލޯގެ ބައިން ދެ ވަނަ ހޯދި ޝާހީން އިބްރާހިމް ދީދީ، 60 ކިލޯގެ ބައިން ދެ ވަނަ ހޯދި ޝާލު އިބްރާހިމް، 160 ސެންޓްމީޓަރު އެތުލެޓިކް ފިޒީކް ބައިން ދެ ވަނަ ހޯދި ހުސެއިން ރިޔާޒްގެ އިތުރުން، 167 ސެންޓްމީޓަރު ބައިން ރަން މެޑަލް ހޯދި ފަތުހުﷲ މުހައްމަދު އާއި ދެ ވަނަ އަށް ދިޔަ މަހުމޫދު ޒިޔާދު އެވެ.
މީގެ އިތުރުން، އެތުލެޓިކް ފިޒީކްގެ 175 ސެންޓްމީޓަރު ބައިން ރާއްޖޭގެ އަބްދުﷲ އަހުސަން ރަން މެޑަލް ހޯދިއިރު، ދެ ވަނަ އަށް ދިޔައީ، އިބްރާހިމް ނަބީލް އެވެ.
Comment