Advertisement

މަތީ ތައުލީމަށް އޮތް ލޯބި އިތުރުވިއަސް އަހުލާގުން އެ ކަމެއް ނުފެނޭ: ފަނޑިޔާރު މަހާޒު

8 ޖޫން 2024 - 13:00 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

އައިޔޫއެމްގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި މަހާޒު ވާހަކަ ދައްކަވަނީ


މަތީ ތައުލީމަށް އޮތް ލޯބި އިތުރުވިއަސް އަހުލާގުން އެ ކަމެއް ނުފެނޭ: ފަނޑިޔާރު މަހާޒު

8 ޖޫން 2024 - 13:00 0

ދިވެހި މުޖުތަމައުގައި މަތީ ތައުލީމަށް އޮތް ލޯތްބާއި އަހަމިއްޔަތުކަން އިތުރުވަމުން އަންނަ ކަން ތަފާސްހިސާބުތަކުން ފެނުނު ނަމަވެސް އޭގެ އަސަރު އަހުލާގުން ނުފެންނަ ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު ވިދާޅުވެއްޖެ އެވެ.

އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) ދަރިވަރުންގެ ތެރެއިން މި އަހަރު މަތީ ތައުލީމު ފުރިހަމަކުރި ދަރިވަރުންގެ ދަސްވެނިވުމުގެ ރަސްމިްޔާތުގައި ފަނޑިޔާރު މަހާޒު ވިދާޅުވީ އެ ޔުނިވާސިޓީން މަތީ ތައުލީމު ފުރިހަމަކުރާ ދަރިވަރުންގެ ކިބައިން އެންމެ ބޮޑަށް ފެންނަންވީ އިސްލާމީވަންތަކަމާއި އަހުލާގެވެ.

"ދަސްވެނީންގެ ހައިސިއްޔަތުން އަޅުގަނޑުމެން އިސްލާމީވަންތަކަން ދެކެ ފަހުވެރިވެ އުފާ ކުރަން ޖެހޭނޭ، މި އިސްލާމީވަންތަކަން ދަމަހައްޓާނީ ކިހިނަކުންތޯ، އުފާކުރާނީ ކިހިނަކުންތޯ، އަޅުގަނޑުމެން މި އިސްލާމީވަންތަކަން ދަމަހައްޓާނީ އަޅުގަނޑުމެންގެ އަހުލާގުން،" މަހާޒު ވިދާޅުވި އެވެ.

އެއީ އެ ޔުނިވާސިޓީގެ ކޮންމެ ފެކަލްޓީއަކުން ދަސްވެނިވިގެން ނުކުންނަ މީހަކަސް އެ ސިފަ ފުރިހަމަ ވާން ޖެހޭނެ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.

"މި ޔުނިވާސިޓީގެ ކޮންމެ ފެކަލްޓީއަކުން، ކޮންމެ ކުއްލިއްޔާއަކުން އަޅުގަނޑުމެން ގްރެޖުއޭޓް ވީ ނަމަވެސް މި ސިފަ ކޮންމެ ދަރިވަރަކު ވެސް އެއް ގޮތް ވާން ޖެހޭ، އިސްލާމީވަންތަކަން ފެންނަން ޖެހޭ، ދީނާ ދެކޮޅު އެންމެހާ ކަންކަމަށް ނޫނެކޭ ބުނަން ޖެހޭނެ،" މަހާޒު ވިދާޅުވި އެވެ.

ދީނީ އަދި އިޖުތިމާއީ ކަމަކާ ގުޅިގެން ބަސް ބުނަން ޖެހިއްޖެ ހިނދެއްގައި އެ ކަމުގައި ވެސް އަހުލާގެއް ބަހައްޓަން ވާނެ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ. އެ ގޮތަށް އެ ބުނަންވީ ބަހާއި އެ ބަސް ބުނަންވީ ވަގުތު އަދި ހާލަތު އިހުތިޔާރު ކުރަން ޖެހޭނީ އިސްލާމީ މިންގަނޑުގެ ތެރޭގައި ކަމަށް ވިދާޅުވި އެވެ.

ފަނޑިޔާރު ދެން އިޝާރާތް ކުރެއްވީ މަތީ ތައުލީމު ހާސިލުކުރާ ދަރިވަރުންގެ އަދަދުގެ ތަފާސްހިސާބަށެވެ. އެ ގޮތުން ކޮންމެ އަހަރަކު ދަސްވެނިވޭ ދަރިވަރުންގެ އަދަދު އެވެރެޖުކޮށް 15،000 އާއި 5،000 އާ ދެމެދު ހުރި ކަން ފާހަގަ ކުރެއްވި އެވެ. އަދި 2019 ވަނަ އަހަރު މަތީ ތައުލީމު ހާސިލުކުރުމުގައި އުޅުނު ދަރިވަރުންގެ އަދަދު 26،000 ގައި އުޅުނު އިރު މިހާރު 30،000 އަށް ވުރެ މަތި ކަން ފާހަގަ ކުރެއްވި އެވެ.

މި ތަފާސްހިސާބުތަކުން ދައްކައިދެނީ މަތީ ތައުލީމަށް އޮތް އަހަމިއްޔަތުކަން ދިވެހި މުޖުތަމައުގައި އިތުރުވަމުންދާ ކަން ކަމަށް ފަނޑިޔާރު ވިދާޅވި އެވެ.

މި އަދަދުތަކާ މެދު އަޅުގަނޑުމެން ވިސްނާލައިފިނަމަ އެބަ ސާފުވޭ އަޅުގަނޑުމެންގެ ތެރޭގައި މަތީ ތައުލީމަށް ލޯބިކުރާ މީހުންގެ އަދަދު ދަނީ މަތިވަމުން ކަން. މަތީ ތައުލީމަށް ދެވޭ އަހަންމިއްޔަތުކަން އެބަ އޮތޭ އަޅުގަނޑުމެންގެ ތެރޭގައި،" ފަނޑިޔާރު ވިދާޅުވި އެވެ.

އެކަމަކު އެކަކު އަނެކަކަށް އިހުތިރާމު ކުރުމާއި އަބުރަށް ކަމޭހިތުމާއި ބަސް ބުނުމުގެ އަހުލާގާ ހިސާބުން ބެލިޔަސް އަހުލާގު ދަށް ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ. މަތީ ތައުލީމު ހާސިލުކޮށް ނިންމި ދަރިވަރުންނަށް ފަނޑިޔާރު ކުރެއްވި އިލްތިމާސަކީ މުޖުތަމައުގެ އެ އާދަ ބަދަލު ކުރުމަށް މަސައްކަތް ކުރުމެވެ.

"އެ ބަޔެއްގެ ހާލަތެއް ބަދަލު ނުކުރެވޭނެއޭ، އެ ބަޔަކު އެ ކަމަށް މަސައްކަތް ނުކޮށްފިހާ ހިނދަކު،" ފަނޑިޔާރު މަހާޒު ވިދާޅުވި އެވެ.

އަޅުގަނޑުމެން ބަސް ބުނުމުގެ ތެރޭގައި އަޅުގަނޑުމެން ބުނާ ބަހަކުން އަނެކާގެ ހިތަށް ކުރަނީ ކޮން އަސަރެއްތޯ ނުބަލާ ބަސް ބުނުމުގެ އާދަ ވެސް ބަހައްޓައިގެން ނުވާނެ ކަމަށް ފަނޑިޔާރު މަހާޒު ވިދާޅުވި އެވެ.

"އަނެކާގެ ހިތުގައި އެ އުޅޭ ވޭން، އަޅުގަނޑުމެންނަށް އިހުސާސް ކުރެވޭތޯ. ކިހާ ދުވަހަކަށް އެ ލަކުނުތައް ހިތުގައި ހުންނާނެ ކަން އަޅުގަނޑުމެންގެ ވިސްނަމުތޯ،" ފަނޑިޔާރު މަހާޒު ވިދާޅުވި އެވެ.