Advertisement

ނަތީޖާ އަށް ބަލަންޏާ އެންމެ މޮޅު ޓީމަކީ ރެއާލް މެޑްރިޑް: މެސީ

7 ޖޫން 2024 - 21:22 0


ނަތީޖާ އަށް ބަލަންޏާ އެންމެ މޮޅު ޓީމަކީ ރެއާލް މެޑްރިޑް: މެސީ

7 ޖޫން 2024 - 21:22 0

ފްލޮރިޑާ، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 7) - ނަތީޖާ ނެރުމަށް ބަލަންޏާ ދުނިޔޭގެ އެންމެ މޮޅު ޓީމަކީ ރެއާލް މެޑްރިޑް ކަމަށް ބާސެލޯނާގެ ކުރީގެ ތަރި، ލިއޮނަލް މެސީ ބުނެފި އެވެ.

އެމެރިކާ ލީގުގެ އިންޓަ މިއާމީ އަށް ކުޅެމުން އަންނަ މެސީ، 36، ވަނީ ދުނިޔޭގެ ފުޓްބޯޅައާ ބެހޭގޮތުން، އިންފޯބައެ އަށް ދިން އިންޓަވިއުގައި ވާހަކަ ދައްކައިފަ އެވެ. އެ ގޮތުން، އަމާޒުވި ސުވާލަކަށް ޖަވާބު ދެމުން މެސީ ވަނީ މި ވަގުތު އެންމެ މޮޅު ޓީމުތަކުގެ ވާހަކަ ވެސް ހިއްސާކޮށްފަ އެވެ.

"ނަތީޖާ ނެރުމަށް ބަލާކަަމަށްވަންޏާ ރެއާލް މެޑްރިޑް އެންމެ މޮޅު ޓީމަކީ، އެއީ އެ މީހުން އެ ވަނީ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން އަނެއްކާ ވެސް ހޯދައިފައި. ދެން، ކުޅެމުން އަންނަ ލެވަލަށް ބަލާކަމަށްވަންޏާ ޕެޕް (ގާޑިއޯލާ)ގެ މެންޗެސްޓާ ސިޓީއޭ ބުނެވޭނީ." މެސީ ބުންޏެވެ.

މެސީ ބުނީ، ގާޑިއޯލާ އޭނާގެ ޓީމު ކުޅުވަން ބޭނުންވާ ސްޓައިލަށް ދަނޑުމަތީގައި އެކަން ކުރާ ކަމަށެވެ. އެއީ އެންމެ ބޮޑު ތަފާތު ކަމަށާއި އަމިއްލަ އަށް އެކަން ބާސެލޯނާގައި ތަޖުރިބާކުރެވިފައި ހުރެ، މި ވަގުތު ސިޓީން އެ ދައްކާ ކުޅުމަށް ބަލާއިރު، ގާޑިއޯލާ އަށް ތައުރީފު ހައްގުވާ ކަމަށް މެސީ ވަނީ ބުނެފަ އެެވެ.

މި މަހު 20 ވަނަ ދުވަހު އެމެރިކާގައި ފަށާ ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތަށް އާޖެންޓީނާ އިން ނުކުންނާނީ ފޭވަރިޓުގެ ގޮތުގައިތޯ ސުވާލުކުރުމުން މެސީ ބުނީ، ދެކުނު އެމެރިކާ ސަރަހައްދުގެ ކޮންމެ މުބާރާތަކަށް ނުކުންނައިރު، ފޭވަރިޓުންގެ ގޮތުގައި ގުނަނީ ބްރެޒިލާއި އާޖެންޓީނާ ކަމަށެވެ.

ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދުމާ އެކު، ކެރިއަރުގައި އޮތް ޕްރެޝަރު ތެރެއިން ބޮޑު ބަޔަކަށް ލުޔެއް ލިބުނު ކަމަށާއި އެހެން ނަމަވެސް މިހާރު ވެސް އަމާޒަކީ ކުރިމަތިލާ ކޮންމެ މުބާރާތެއްގެ ޗެމްޕިއަންކަން ހޯދުމަށް ކަމަށް މެސީ ވަނީ ބުނެފަ އެވެ.