Advertisement

ދެކުނު އޭޝިއާ ބޮޑީބިލްޑިން ފެޑެރޭޝަން ރައީސަކަށް ރާއްޖޭގެ އިއްބެ

7 ޖޫން 2024 - 21:01 0

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

ބޮޑީބިލްޑިން އެސޯސިއޭޝަންގެ ރައީސް އިއްބެ: އޭނާ ވަނީ ދެކުނު އޭޝިއާގެ ބޮޑީބިލްޑިންގެ މައި ޖަމިއްޔާގެ ރައީސަކަށް އިންތިހާބުވެފައި.--- ފޮޓޯ: އަދަދު


ދެކުނު އޭޝިއާ ބޮޑީބިލްޑިން ފެޑެރޭޝަން ރައީސަކަށް ރާއްޖޭގެ އިއްބެ

7 ޖޫން 2024 - 21:01 0

ދެކުނު އޭޝިއާގެ ބޮޑީބިލްޑިން ޖަމިއްޔާ، ސައުތު އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ފެޑެރޭޝަން (އެސްއޭޕީބީއެފް)ގެ ރައީސަކަށް ރާއްޖޭގެ ބޮޑީބިލްޑިން އެސޯސިއޭޝަން (ބީބީއޭއެމް)ގެ ރައީސް، އިބްރާހިމް ހަމީދު (އިއްބެ) އިންތިހާބުކޮށްފި އެވެ.

އިއްބެ، މި މަގާމަށް އިންތިހާބުކޮށްފައިވަނީ، މިއަދު ރާއްޖޭގައި ބޭއްވި ދެކުނު އޭޝިއާ ބޮޑީބިލްޑިން ފެޑެރޭޝަންގެ އަހަރީ ބައްދަލުވުމުގެ ތެރެއިންނެވެ.

މި ބައްދަލުވުން ރާއްޖޭގައި ބޭއްވީ، މިހާރު ރާއްޖޭގައި ކުރިއަށްދާ، 14 ވަނަ ސައުތު އޭޝިއަން ބޮޑީބިލްޑިން ޗެމްޕިއަންޝިޕްގެ ތެރެއިންނެވެ.

މި ބައްދަލުވުމުގައި، ބޮޑީބިލްޑިންގެ ދުނިޔޭގައި އިސް ސަހުސިއްޔަތެއް ކަމަށްވާ، ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ފެޑެރޭޝަން (ޑަބްލިއުބީޕީއެފް) އާއި އޭޝިއާ ބޮޑީބިޑިން ފެޑެރޭޝަނު (އޭބީބީއެފް)ގެ ރައީސް ސިންގަޕޫރުގެ ދަތުކު ޕޯލް ޗުއާ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މިއަދު ކުރިއަށްދިޔަ ބައްދަލުވުމުގެ ތެރެއިން އިއްބެ (ކ) އާއި ޕޯލް ޗުއާ.--- ފޮޓޯ: ބީބީއޭއެމް


ރާއްޖޭގެ ބޮޑީބިލްޑިން އެސޯސިއޭޝަންގެ ރައީސްގެ މަގާމު ތިން ވަނަ ދައުރަކަށް ފުރުއްވަމުން އަންނަ އިއްބެ، އަކީ ޕޯލް ޗުއާގެ އަރިސް ފަރާތެކެވެ.

އޭޝިއާގެ ބޮޑީބިލްޑިން ފެޑެރޭޝަންގެ އެގްޒެކްޓިވް ވައިސް ޕްރެޒިޑެންޓްގެ މަގާމު ވެސް ފުރުއްވި، އިއްބެ ވަނީ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު، ދުނިޔޭގެ ބޮޑީބިލްޑިން ފެޑެރޭޝަނުގެ ނައިބު ރައީސްގެ މަގާމަށް އިންތިހާބުވެވަޑައިގެންފަ އެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ ހިންގާ ކޮމިޓީގެ ވެސް މެމްބަރުކަން ކުރައްވަމުން އަންނަ އިއްބެ އަކީ ދުނިޔޭގެ ލެވަލްގެ ބޮޑީބިލްޑިން ޖަޖެއް ވެސް މެ އެވެ. އެ ގޮތުން، އިއްބެ ވަނީ އެންމެ ފަހުން، ވިއެޓްނާމްގެ ހަނޯއިގައި ކުރިއަށްދިޔަ 31 ވަނަ ސައުތު އީސްޓް އޭޝިއަން ގޭމްސް - "ސީ ގޭމްސް" ގައި ވެސް އިއްބެ ވަނީ ޖަޖެއްގެ ގޮތުގައި ހަރަކާތްތެރިވެފަ އެވެ.

އިއްބެ އަކީ މި ވަގުތު ސަރަހައްދެއްގެ ކުޅިވަރު ފެޑެރޭޝަންގެ ރައީސެއްގެ މަގާމުގައި ހުންނެވި ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަނެއްގެ ދެ ވަނަ ރައީސް އެވެ. ސައުތު އޭޝިއާގެ ބާސްކެޓްބޯޅަ ފެޑެރޭޝަން (ސާބާ) ރައީސަކަށް ހުންނެވީ ރާއްޖޭގެ ބާސްކެޓްބޯޅަ އެސޯސިއޭޝަން (އެމްބީއޭ)ގެ ރައީސް، އަހުމަދު އާދަމް (އެޑަމް) އެވެ.