3 ޖޫން 2024 - 14:18 1
އަހުމަދު އާއިދު
ނޫސްވެރިންގެ ތަމްރީނު ދަތުރެއްގައި ނޫސްވެރިޔަކާއި އެމްއެމްސީ އަދި ބްރޯޑްކޮމްގެ މެންބަރުން ޕާކިސްތާނަށް ފުރައިފި - ފޮޓޯ: އެމްއެމްސީ
3 ޖޫން 2024 - 14:18 1
ތަމްރީނެއްގައި ބައިވެރިވާން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ބައެއް މެންބަރުންނާއެކު ނޫސްވެރިޔަކު ޕާކިސްތާނަށް ފުރައިފި އެވެ.
އެމްއެމްސީ އިން މިއަދު ސޯޝަލް މީޑިއާގައި އާންމުކުރި ތަފުސީލުގައިވާ ގޮތުން މި ތަމްރީނު ކުރިއަށްދާނީ މިއަދުން ފެށިގެން މި މަހުގެ 10 ގެ ނިޔަލަށެވެ. އަދި މިއީ ދިވެހި ނޫސްވެރިން ތަމްރީނު ކުރުމަށް އެ ކައުންސިލުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން ރާއްޖޭގައި ހުންނަ ޕާކިސްތާނުގެ އެމްބަސީއިން ދިން ފުރުސަތެއް ކަމަށް ވެސް ބުނެފައިވެ އެވެ.
މި ތަމްރީނު ޕްރޮގްރާމް ކުރިއަށްދާނީ ޕާކިސްތާނުގެ ވެރިރަށުގައި ހުންނަ އިންފޮމޭޝަން ސާވިސް އެކަޑަމީގަ އެވެ.
ދިވެހި ނޫސްވެރިން ތަމްރީނުކުރަން ލިބުނު މި ފުރުސަތުގައި މީޑިއާ ކައުންސިލްގެ މެންބަރުން ބައިވެރިވީ ނޫސްވެރިންގެ ގޮތުގައި ކަމަށް އެ ކައުންސިލްގެ މީޑިއާ އޮފިޝަލު މިއަދު "އަދަދު" އަށް މައުލޫމާތު ދިނެވެ.
ތަމްރީނަށް ޕާކިސްތާނަށް ދިޔަ އެމްއެމްސީގެ ޓީމުގައި ހިމެނެނީ، ކައުންސިލްގެ ރައީސް އަހުމަދު މުސްތަފާގު، މެންބަރު މޫސާ ރަޝީދު، މެންބަރު މުހައްމަދު ސިމާއު، އަދި މެންބަރު މުހައްމަދު އަފްރާހު އެވެ.
މީގެއިތުރުން، ބްރޯޑްކޮމްގެ ޓީމުގައި އެ ކޮމިޝަނުގެ ރައީސް މަރިޔަމް ވަހީދާ، ކޮމިޝަނާ އަލީ ޔޫސުފް، ކޮމިޝަނާ އައިމިނަތު ނުޒުހާ ހިމެނެ އެވެ. އެ ކޮމިޝަނުން "އަދަދު" އަށް މައުލޫމާތު ދެއްވި ގޮތުގައި ބްރޯޑްކޮމްގެ ޓީމު ޕާކިސްތާނަށް ދިޔައީ ފެކްޓް ފައިންޑިން ދަތުރެއްގަ އެވެ.
މި ދަތުރުގައި ބައިވެރިވި ހަމައެކަނި ނޫސްވެރިޔަކީ، އިބްރާހިމް ސަނީހު އެވެ. އޭނާއަށް ފުރުސަތު ދިނީ މީޑިއާތަކަށް ހުޅުވާލި ފުރުސަތެއްގެ ތެރެއިން ކަމަށް މީޑިއާ ކައުންސިލުން ބުނި ނަމަވެސް އެފަދަ ފުުރުސަތަކަށް ހުޅުވާލި އިއުލާނެއް އެ ކައުންސިލުން ގެޒެޓެއް ނުކުރެ އެވެ. ގެޒެޓު ނުކުރީ އެގޮތަށް އެކަން ކުރަން އަންގާފައި އޮތުމުން ކަމަށް ވެސް އެމްއެމްސީއިން މައުލޫމާތު ދިން އޮފިޝަލު ވިދާޅުވި އެވެ.
ނޫސްތަކަށް ހުޅުވާލި ފުރުސަތުގެ މައުލޫމާތު އީމެއިލް މެދުވެރިކޮށް ފޮނުވި ކަމަށް ވެސް އެމްއެމްސީއިން ބުންޏެވެ.
އެމްއެމްސީއިން މިކަމާ ގުޅިގެން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވަނީ މި ދަތުރުގައި ތަމްރީނުތަކުގެ އިތުރުން ދަތުރުގެ ބައިވެރިން އެ ގައުމުގެ ބްރޯޑްކާސްޓިން މިނިސްޓްރީގެ އިސްވެރިންނާ ބައްދަލުކޮށް ދާއިރާއާ ގުޅުންހުރި ތަންތަނަށް ޒިޔާރަތް ކުރާނެ ކަމަށެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment