Advertisement

ސިހުރުތަކުގެ ތެރެއިން؛ ނުފެންނަ އަނދުން އެރުވުމާއި، މާނިދި މެތުރުމާއި ފުށްގަނޑު ކެއުން

31 މޭ 2024 - 08:52 1

މަހްފޫޒް ސައީދު

މަހްފޫޒް ސައީދު


ސިހުރުތަކުގެ ތެރެއިން؛ ނުފެންނަ އަނދުން އެރުވުމާއި، މާނިދި މެތުރުމާއި ފުށްގަނޑު ކެއުން

31 މޭ 2024 - 08:52 1

ފަންޑިތަ އާއި ސިހުރުހާހޫރަ އަކީ އޭގައި ހަގީގަތެއްވާ ކަމެއް ކަމާމެދު މުސްލިމުންގެ ހައިސިއްޔަތުން ދެބަސްވެވޭކަށް ނޯންނާނެ އެވެ. އެހެން ނަމަވެސް ކުރެވިދާނޭ ކަމަށް ބައެއް ފަންޑިތަވެރިން ނުވަތަ ސިހުރުވެރިން ބުނެ ދައްކާހާ ކަންކަމަކީ ވުން އެއްގޮތަކަށްވެސް އެކަށީގެންވާ ކަމެއް ނޫންކަން ގައިމެވެ. ވަރަށް ގިނަ ފަހަރު އެއީ މަކަރެވެ.

ދާދި ފަހަކުން، ސިޔާސީ މައްސަލައެއްގައި ވަރަށް ޒުވާން ފަންޑިތަވެރިޔަކު ހައްޔަރުކުރެވުނެވެ. މި މީހަކީ އޭރު ދައުލަތުގެ ނުރަސްމީ ވަޒީފާގައި ހުރި، ދައުލަތުގެ ހަޒާނާއިން މުސާރަ ދޭ ދާއިމީ މުވައްޒަފެކެވެ. ވެރިންގެ ވެރިކަން ހިފަހެއްޓިފައި އޮތީ މިކަހަލަ މުވައްޒަފުންގެ ގާބިލު ކަމުން ކަމަށް އޭރު ބައެއް ވެރިން ދެކެ އުޅުނެވެ. ވަކީލެއްގެ ހައިސިއްޔަތުން އަޅުގަނޑު މުވައްކިލުންނާ ބައްދަލުކުރުމަށް ދޫނިދޫއަށް ދާއިރު އަޅުގަނޑުވެސް މި ބޭކަލަކު ދެކެމެވެ. ވާހަކަވެސް ދެކެވެ އެވެ.

އެއް ދުވަހަކު ދެކެވުނު ވާހަކައެއްގެ ތެރެއިން މި ބޭކަލެއްގެ މޮޅު ފަންޑިތައިގެ ވާހަކައެއް އަޅުގަނޑަށް އަޑުއިވިފައި ވެއެވެ. މި ހަދާ މަންތިރިއަކީ، ޝަރުއީ އެކިއެކި މައްސަލަތަކުގައި ތާށިވެފައި ތިބޭ މީހުން ސަލާމަތްކޮށްދިނުމެވެ. އެކަން ކުރަނީ އެ މައްސަލައެއްގައި ހެކިބަސްދޭ ހެކިންގެ ހަނދާނާ ކުޅެލައިގެންކަމަށް މި ފަންޑިތަވެރިޔާ އޮންނަނީ ބުނެދީފަ އެވެ. މީނާގެ ހިދުމަތަށް އެދިގެނދާ މީހުން ކައިރީގައި މީނާ އެދެނީ ހެކިވެރިންގެ ފުރިހަމަ ނަމާއި ދާއިމީ އެޑްރެހާއި މިހާރު ދިރިއުޅޭ އެޑްރެސް ހޯދައި ދިނުމަށެވެ. ބޮޑަށް ފަންޑިތަ ވައްތަރު ދައްކާލުމަށްޓަކައި ހެކިވެރިޔާގެ މަންމަގެ ނަން ހޯދައި ދިނުމަށްވެސް އެދެ އެވެ. އެ މައުލޫމާތު ގެނެސްދިނުމުން، އެތައް އިރެއް ވަންދެން ތުންތެޅުވުމަށްފަހު އަންގަނީ ތި މައްސަލައިގެ ހާދިސާ ހެކިންގެ ހަނދާނުގައި މިހާރު ނުހުންނާނޭ ކަމަށެވެ. ކަން ވަނީވެސް އެހެންނެވެ. ޝަރީއަތުގެ މަޖިލީހަށް ހެކިބަސްދޭން ހާޒިރުވާ ހެކިންގެ ބަހަކަށް ވަނީ، ތުހުމަތު ކުރެވޭ މީހާވެސް ނުދަންނަ ކަމަށާއި މައްސަލައިގެ ހާދިސާ ވެސް ހަނދާން ނެތް ކަމަށެވެ.

ފަރުދާގެ ފުރަގަހުގައި ހިނގާ ކަމަކީ، މި މޮޅު ފަންޑިތަވެރިޔާ އޭނާގެ ޓީމު ބޭނުންކޮށްގެން، ޝަރީއަތުގެ އަޑުއެހުމުގެ ކުރިން ހެކިންނަށް ބިރު ދެއްކުމެވެ. ހެކިބަސް ދީފިނަމަ އެވެނި މިވެނިހެން ހަދާލާނޭ ކަމެވެ. ފަންޑިތަވެރިޔާ ނަގާ އުޖޫރައިގެ ތެރެއިން ބައެއް ދިނުމުން މިކަން ކޮށްލަދޭ ދެތިން ކުއްޖަކު އޭނާ ގެންގުޅުނެވެ. މިކަން ހިނގަނީ މިހެންކަން އެ ފަންޑިތަވެރިޔާގެ ހިދުމަތް ހޯދާ މީހުންނަށް ނޭނގޭތީ އެމީހުން ތިބެނީ އޭނާގެ މޮޅުކަމާއި، އޭނާ އެ ދެއްކި މުއުޖިޒާތް ފެނި އެކަމުގެ މައްޗަށް ފުރިހަމައަށް އީމާންވެގެންނެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. އޭރު 'މި ރާއްޖޭގެ ކަންކަން އިސްލާހުގެ މަގުން ހިންގުމަށް އެ ކަލާނގެ އިރާދަކުރައްވާފައިވާ ވެރިން' ވެސް ތިއްބެވީ މި ފަންޑިތަވެރިޔާގެ ޖާދޫގައި ރަނގަޅަށް ޖެހިފަ އެވެ.

ސިޔާސީ ކަންކަމުގައި ފަންޑިތަ ހެދުމަކީ އޭގެ ދިގު ތާރީހެއް އޮތް ކަމެކެވެ. ވެރިކަމަށް އައުމަށާއި، މީހަކު ވެރިކަމުން ދުރުކުރުމާއި، ވެރިން ނައްތާލުމާއި، ސިޔާސީ ހައިޖާނު ހިންގުމުގައިވެސް އެތައް ޒާތެއްގެ ސިހުރެއް ހަދައި އުޅުނުކަން މިރާއްޖޭގެ ސިޔާސީ ތާރީހުން އޮތީ ފެންނާށެވެ. މީގެ ތެރެއިން ހަދައިން އުޅުނު މަޝްހޫރު ތިން ސިހުރަކީ، ނުފެންނަ އަނދުން އެރުވުމާއި، މާނިދި މެތުރުމާއި، ފުށްގަނޑު ކެއުމެވެ.

ނުފެންނަ އަނދުން އެރުވުމަކީ އިންސާނީ ލޯތަކަށް ގެއްލިގެން، އެ ބޭނުންވާ ކަމެއް ކޮށްލުމަށްޓަކައި ކޮށްއުޅޭ ކަމެކެވެ. ރާއްޖޭގެ މަޝްހޫރު ބޮޑުހުޅުގައި، އެކަމުގައި އުޅުނު މީހުން ނުފެންނަ އަނދުން އެރުވިކަން ތަހުގީގަށް ސާބިތުވި އެވެ. ބޮޑުހުޅުގައި ހެދި މިކަހަލަ މޮޅެތި ގިނަ ފަންޑިތަތައް ހެދީ ދެކުނުގެ ފަންޑިތަވެރިންނެވެ. އައްޑޫ ހިތަދޫ ކުުދުއަބޫއާއި، މާލެއަތޮޅު ތުލުސްދޫ ދޮންމުހައްމަދުފުޅަކީ ބޮޑުހުޅުގެ އިސް، އަދި މޮޅު ފަންޑިތަވެރިންގެ ތެރެއިން ފާހަގަކޮށްލެވޭ ދެ ނަމެކެވެ.

ނުފެންނަ އަނދުން އެރުވުމަށް ބޭނުންވާ ތަކެއްޗަކީ، ރަތުރުކު ކާށިބޮނބިގަނޑަކާއި، މަރުވިތާ ހަތް ދުވަސް ނުވާ މައްޔިތެއްގެ މޭގަނޑު ނަގައިގެން ހާނާފައިވާ ތެލާއި، ކަފަ އެވެ. ނުފެންނަ އަނދުން އެރުވުމަށް ތައްޔާރުކުރުމުގައި އެންމެ ބޮޑު ކަމަކީ، މައްޔިތާގެ މޭގަނޑު ނަގައިގެން ތެޔޮ ހޭނުމެވެ. ތެޔޮ ހޭނުމަކީ ތެޔޮ ހުންނަ ތަކެތިން ތެޔޮ ނެރުމެވެ. މައްޔިތާގެ ހަށިގަނޑު ކަފާލައި މޭގަނޑު ނަގައިގެން ކައްކައި އެއިން ތެޔޮހޭނުމަށްފަހު، ލިބޭ ތެޔޮކޮޅުން ބައެއް ރަތުރުކު ކާށިބޮނބިގަނޑުގައި ހާކާނީ އެވެ. ބާކީ ހުރި ތެޔޮކޮޅު ކަފަކޮޅެއްގައި ހޭކުމަށްފަހު އެ ކަފަކޮޅުގައި ނުވަތަ ކަފަބުރުގައި ރޯކޮށް ބޮނބިގަނޑަށް ދެލި އަރާގޮތަށް ހިފަހައްޓާނީ އެވެ. މިއީ 'މިނިއަނދުން އެރުވުމެވެ.' މިކަމުގެ ތެރެއިން ބޭނުންވާ އެއްޗަކީ ރަތުރުކު ބޮނބިގަނޑަށް އަރާ އަނދުނެވެ. އެ އަނދުން އަޅައިގެން ހުންނަ މީހާ ފަތްކޯޅިއަކާ ނިވާވެލިޔަސް އެމީހާ އެހެންމީހުންގެ ލޯތަކަށް ގެއްލޭނޭ ކަމަށް ކިޔައިއުޅެ އެވެ.

މިއީ ބޮޑުހުޅުޖެހި މީހުން މިކަން ކުޅަ ގޮތެވެ. އޭގެ މާ ފަހުން، އަމީންދީދީ އަވަހާރަކޮށްލަން ސިހުރުހެދި ހަކީމްދީދީއާއި އޭނާގެ ބައިވެރިން، މި ސިހުރު ހެދީ އެހެން ގޮތަކަށެވެ. އެއީ ސިލޯނުން ގެނެސްފައިހުރި މެޓާތަކެއް ކުނޑިކޮށްގެން، އެ މެޓާތަކަށް އެ ތެޔޮއަޅައިގެން ގުޅަ ހަދައިގެން ކެެއުމެވެ. ކާންޖެހޭނީ ވެސް ވަކި ގޮތަކަށެވެ. ލައިގެން ހުރި ޖަނގިޔާ ފިޔަވައި ހުރިހައި އަންނައުނެއް ބޭލުމަށްފަހު ބިންމަތީގައި ބަނޑުޖަހައިގެން އޮވެ ބިންމަތީގައި ދެމެމުން ގޮސް، މެޓާ ކާންދޭ މީހާއާ ހަމައަށް ދެވުމުން އޭނާ ސަމްސަލުން އަނގަޔަށް ލައްވައި ދިނުމުންނެވެ. އެފަހަރުގެ ސިހުރު ފަޅާއެރީ އެކަމުގައި އުޅުނު ބައެއް މީހުންނަށް އެ އެއްޗެއް ނުކެވުނީމަ އެވެ.

މާނިދި މެތުރުމަކީ ދިވެހި ބަހުގެ ރަދީފުގައި ބުނެދީފައި އޮތް ގޮތުން، ނިދައިފައިތިބޭމީހުން ހޭލިޔަނުދީ ގަދަނިދީގައި ބައިތިއްބުމަށް ހަދާ ފަންޑިތައެކެވެ. މާނިދި މަތުރަނީ، ދުންއަރުވައިގެންނެވެ. ހަތްދުވަސް ނުވާ މަހާނައެއްގެ ވެއްޔާއި، ރުކުގެ ބޮންތީގެ ބުޑުދޮށުގައި އޮޅިފައި ހުންނަ އިލާ ހޯދައި، އެންދެރި މުށެއް ހުރި ކޮށާވަޅިއަކުން އިލާކޮށައި މަހާނަ ވެއްޔާއި، އިލާ އެއްކޮށް މުޖުމަރާއަށް އަޅައި، މުޅި ގޭތެރެއަށް ދުން ބުރުވާނީ އެވެ.

މިއީ ބާރުގަދަ ސިހުރެކެވެ. މި ސިހުރުގެ ބާރުގައި ގެއެއްގެ އެންމެން ނުވަތަ މުޅި ރަށެއްވެސް ނިންދަވާލުމަކީ ވަރަށްވެސް ފަސޭހަ ކަމެކެވެ. މި ސިހުރުގެ އަސަރުގައި ޖެހި ނިދާފައި ތިބޭ މީހުންގެ ގައިގައި މީހަކު އަތް ނުލާހާ ހިނދަކު ކިތަންމެ އަޑުގަދަ ވިޔަސް އެމީހުންނެއް ނުހޭލާނެ އެވެ. އެހެންވީމާ، ވައްކަންކުރުމާއި، ހުޅު ރޯކުރުމާއި، ސިއްރުން ބަލާފާސްކުރުން ފަދަ ހުރިހާ ކަމަކަށްވެސް މިއީ މުޖައްރިބު ސިހުރެކެވެ. ނިދީގައި އޮންނަ މީހާއަށް ހޭލެވޭނީ ބަޔަކު ކުރާކަމެއް ކޮށް ނިމޭ ފަހުންނެވެ. ބޮޑު ހުޅުގެ ހާދިސާގައި، ބިދޭސީންގެ ފިހާރަތަކުގައި ރޯކޮށްލީ މުޅި ސަރަހައްދަށް މާނިދި މަތުރާފައި ކަމަށް ވެއެވެ. ބިދޭސީ ފިހާރަތައް އެންދުމުގެ ފުރަތަމަ ރޭ ސިލޯނުގެ ކަރީމްޖީ ޖައުފަރުޖީގެ ފިހާރައިން ފެށި ހުޅުގަނޑު ނިވުނީ 5 ފިހާރަ ހުލިކޮށް، އާދަމްޖީ ލުގުމާނުޖީގެ ފިހާރަވެސް އަންދާލާފަ އެވެ. ރޯކުރުމުގެ ކުރިން ފިހާރަތައް ލޫޓުވިކަމަށްވެސް އިނގިރޭސީންގެ ކެޕްޓަން ލޮއިޑްގެ ތަހުގީގަށް ސާބިތުވި އެވެ. މިހުރިހާ ކަމެއް ހިނގިއިރު ބަޔަކަށް އެ ސަރަހައްދަށް ނާދެވުނީ މާނިދި މަތުރާފައި ހުރުމުގެ ސަބަބުންނެވެ.

މި ސިހުރުތަކުގެ ތެރެއިން އެންމެ ނުރައްކާތެރި ސިހުރަކީ ފުށްގަނޑު ކެއުމެވެ. މިއީ އިންސާނަކު މަރާލުމަށްޓަކައި ހަދާ ސިހުރެކެވެ. މި ސިހުރަށް ތައްޔާރުކުރުމަށް ގޮދަންފުށް މޮޑޭއިރު، އާންމުކޮށް އެ އަޅާ ތެލުގެ ބަދަލުގައި ފުށް މޮޑޭނީ މިނިތެޔޮ އަޅައިގެންނެވެ. އެއީ މަރުވިތާ ހަތް ދުވަސް ނުވާ މައްޔިތެއްގެ މަހާނަކޮނެގެން ނަގައިގެން އޭނާގެ ހަށިގަނޑު ކަފައި މޭ ނަގައިގެން އެ މޭގަނޑުން ތެޔޮ ހާނައިގެން ތައްޔާރުކޮށްފައި ތެލެވެ.

ފުށްގަނޑު މޮޑުމަށްފަހު މަރާލަން ބޭނުންވާ މީހެއްގެ ސޫރައަށް އެ ފުށްގަނޑު ގެނެސް މިނިތެލުގައި ފުށްގަނޑު ތެލުލާނީ އެވެ. އޭގެ ފަހުން އެކަހެރި ހިސާބަކަށް ގޮސް، އެ ފުށްގަނޑު އެލުވާފައި ބޭއްވުމަށްފަހު، މި ސިހުރު ހަދަން ދާ ބަޔަކު ދެކަމު ހާޖަތަށްގޮސް ގައިން ތާހިރުނުވެ އަދި ބަރަހަނާ ހާލުގައި ތިބެ، ހަތަރެސްފައި ބިންމަތީގައި ޖަހައިގެން އައިސް ފުށްގަނޑުގައި އަތްނުލައި ކައި ހުސްކޮށްލަން ޖެހެ އެވެ. އެއްކޮށް ކާލެވިއްޖެނަމަ ސިހުރު ހެދުނުމީހާ މަރުވާނެ އެވެ. ހުސްކޮށް ނުލެވިއްޖެނަމަ އެ ކަމެއް ކާމިޔާބެއް ނުވާނެ އެވެ. ފުށްގަނޑު އެއްކޮށް ކާލެވެންދެން އަނގައިން ބުނެގެންވެސް ނުވާނެ އެވެ.

ބޮޑުހުޅުގެ ދުވަސްވަރު ކުޑަބަންޑާރައިން އަވަހާރަކޮށްލުމަށްޓަކައި ފުށްގަނޑު ކެއި މީހުންގެ ތެރެއިން ސައިކުރާކޮޔަށް އޭނާގެ ބައި ހުސްކޮށެއް ނުލެވުނެވެ. ވާހަކަ ނުދައްކާން ބުނެފައި އޮއްވާ "ދެން ނުކެވޭނެ" އޭ ބުނެ ވާހަކަވެސް ދައްކައިފި އެވެ. އެހެންވެ ކުޑަބަންޑާރައިންނަށް ފުރިހަމައަށް އެ ސިހުރެއް ނުޖެހުނެވެ. އެހެންނަމަވެސް ވަރަށް ބޮޑަށް އާލާސްކަންފުޅު ޖެހުނުކަމަށް ވެއެވެ.

އަމީންދީދީ އަވަހާރަކޮށްލާން ފުށްގަނޑު ހެދި އަލީ ތަކުރުފާނަށްވެސް ވީ އެވަރެވެ. ފުށްގަނޑު މޮޑެ، އަމީންދީދީގެ ފޮޓޯފުޅަކަށް ބަލައިގެން އެ ފުށްގަނޑަށް ސޫރަ ގެނެސް ކާލަން އުޅެނިކޮށް ވިލިނގިލީ މޫސާފުތާއަށް އެތަނަށް އާދެވި، 'ވެރިމީހާ ހަދައިގެން ކަނީ ކީއްވެހޭ' ކިޔައި ހަރުއަޑުން ގޮވަންފެށުމުން އަލީތަކުރުފާނަށް އެކަން ކުރެވޭ ގޮތް ނުވީ އެވެ. އަވަހާރަ ނުވިޔަސް ސިހުރުގެ އަސަރު އަމީންދީދީއަށްވެސް ކުރެއްވި ކަމަށް ވެއެވެ. އަމީންދީދީ ވިލިނގިލީ ދޮންއަހައްމަދުގެ ގެޔަށް ވަޑައިގެން 'ސިހުރުގެ ބަފާ އެއޮތީ' ކަމަށް ވިދާޅުވެ، އެތެރެއަށް ވަދެވަޑައިގެން ދޮންއަހައްމަދުގެ އެނދުން ނަންގަވައި ބޭންދުމަށްފަހު 'މިއީ ރާއްޖޭގެ ވެރިމީހާއޭ. ކަލޭގެ ދަރިފުޅު އަހަރެންގެ ކަރުގައި ހިފީމާ އަހަރެން މަރުނުވީ ކިރިޔާ' އޭ ވިދާޅުވި ކަމަށް މި ހާދިސާގައި ބައިވެރިވެގެން އަދަބު ލިބުނު ހިލިހިލާގޭ ރެކިފުތާ ކިޔައިދީފައި އޮވެ އެވެ.

އެންމެ އިހު ޒަމާނުއްސުރެ، ސިހުރުވެރިންނަކީ ރާއްޖޭގެ ސިޔާސީ ކަންކަމުގައި މުހިންމު ދައުރެއް އަދާކުރާ ބައެކެވެ. ޝަރުއީ ގޮތުން ހުއްދަ ފަންޑިތައާއި، ހަރާން ކުރެއްވި ސިހުރަކީވެސް ސިޔާސީ ކުޅިފަސް ހޯދުމަށް މުހިންމު ދެ ހަތިޔާރެވެ. ރާއްޖޭގެ ވަރަށް ގިނަ ވެރިން މި ދެ ހަތިޔާރުގެ ބޭނުން ހިއްޕަވައި އުޅުއްވި އެވެ.

ޒަމާނާއެކު ބަދަލުވީ ސިހުރުވެރިންނާއި ސިހުރު ހަދާ ގޮތެވެ. މިހާރު ނުފެންނަ އަނދުން އަޅަނީކީ ނޫނެވެ. އަޅުވަނީ އެވެ. މާނިދި މެތުރުމަކީވެސް ކުރާކަމެއް ތޯއްޗެކެވެ. އަޅުގަނޑުމެންގެ ދައުލަތުގެ މުއައްސަސާތަކަށް ވަރަށް ގިނަ ކަންކަން ނުފެނި 'ނިދާފައި' މި ތިބެނީ މާނިދިމަތުރާތީކަމަށް ނުވާނޭތޯ އެވެ.

މައުލޫމާތު

  • އަލީ ހުސައިން، ދުށްތަނާއި އިވުނުއަޑުގެ ހަނދާންހުރިބައި 3
  • އަބްދުލްހަކީމް ހުސައިން މަނިކު، ބޮޑުހުޅުގެ ތާރީހު
  • މުހައްމަދު ނަސީރު، އއ.މާޅޮސް، އިނގިރޭސީންގެ ހިމާޔަތަށް ދިއުން އަދި ބޮޑުހުޅުޖެހުން