26 މޭ 2024 - 23:53 0
26 މޭ 2024 - 23:53 0
ޗެންނާއި، އިންޑިއާ (މެއި 26) - ފައިނަލުގައި ސަންރައިޒާސް ހައިދަރުއާބާދު އަތުން އަށް ވިކެޓުން މޮޅުވެ، ކަލްކަތާ ނައިޓް ރައިޑާސް އިން އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
މިއީ، ކަލްކަތާ އިން އައިޕީއެލް ކާމިޔާބުކުރި ތިން ވަނަ ފަހަރެވެ. އެ ޓީމުން އެންމެ ފުރަތަމަ އައިޕީއެލް ކާމިޔާބުކުރީ 2012 ވަނަ އަހަރުގެ ފައިނަލުގައި ޗެންނާއި ސުޕަ ކިންގްސްގެ އަތުން ފަސް ވިކެޓުން މޮޅުވެގެންނެވެ. ދެ ވަނަ ފަހަރަށް ތަށި އުފުލާލީ، 2014 ވަނަ އަހަރު ޕަންޖާބް ކިންގްސް އަތުން ތިން ވިކެޓުން މޮޅުވެގެންނެވެ.
ގާތްގަނޑަކަށް ނުވަ އަހަރަށް ފަހު، ކަލްކަތާ އިން އައިޕީއެލްގެ ތަށި މި ފަހަރު ކާމިޔާބުކުރިއިރު، މިއީ އެ ޓީމަށް އެންމެ ކާމިޔާބު ފަަހަރެވެ. ޖުމްލަ އެކު، 16 މެޗު ކުޅުނުއިރު ބަލިވީ އެންމެ ތިން މެޗުންނެވެ.
ޗިދަމްބަރަމް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގައި، ޓޮސް ދިމާވުމުން ހައިދަރުއާބާދުން ނިންމީ ކުޅެން އަރާށެވެ. އެ ޓީމަށް 18.3 އޯވަރު ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 113 ލަނޑެވެ. އެ ޓީމަށް އެންމެ ގިނަ ލަނޑު ހަދައިދިނީ ޓީމުގެ ކެޕްޓަން، ޕެޓް ކަމިންސް އެވެ. ކަމިންސް ވަނީ 19 ބޯޅައިން 24 ލަނޑު ހަދައިފަ އެވެ. ދެން، އެންމެ ގިނަ ލަނޑު ހެދި ކުޅުންތެރިޔާ، އައިޑެން މަކްރަމް އަށް ހެދުނީ، 23 ބޯޅައިން 20 ލަނޑެވެ.
މި އިނިންގްސްގައި ކަލްކަތާގެ އަންދްރޭ ރަސަލް ވަނީ ތިން ވިކެޓް ނަގައިފަ އެެވެ.
ޖަވާބުގައި ކުޅެން އަރައި، ކަލްކަތާ އިން ވަނީ، 10.3 އޯވަރުގެ ތެރޭގައި ދެ ކުޅުންތެރިން ނުބައިވިއިރު، 114 ލަނޑު ހަދައި މެޗުން މޮޅުވެފަ އެވެ. އެ ޓީމުން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ، ނުބައިނުވެ، 26 ބޯޅައިން 52 ލަނޑު ހެދި ވެންކަޓޭޝް އައްޔަރު (ވެންކީ) އާއި 32 ބޯޅައިން 39 ލަނޑު ހެދިތަނާ ނުބައިވި، ރަހުމާނުﷲ ގުރްބާޒް އެވެ.
އައިޕީއެލްގެ ޗެމްޕިއަންކަން 2016 ވަނަ އަހަރު ހޯދި، ހައިދަރުއާބާދު މި ވަނީ، ޖެހިޖެހިގެން ދެ ފައިނަލުން ބަލިވެފަ އެވެ. އެ ޓީމު ވަނީ 2018 ވަނަ އަހަރުގެ ފައިނަލުގައި، ޗެންނާއި އަތުން ބަލިވެފަ އެވެ.
Comment