Advertisement

ތިނަދޫ ދެކުނު ދާއިރާގެ އިންތިހާބީ މެންބަރު އަލްސަންވެސް ޕީއެންސީއަށް ސޮއިކޮށްފި

23 މޭ 2024 - 17:37 1

އަހުމަދު އާއިދު

އަހުމަދު އާއިދު

އަލްސަން ޕީއެންސީއަށް ސޮއިކުރައްވާ، ފޯމު ރައީސް މުއިއްޒުއަށް އަރުވަނީ - ފޮޓޯ: ޕީއެންސީ


ތިނަދޫ ދެކުނު ދާއިރާގެ އިންތިހާބީ މެންބަރު އަލްސަންވެސް ޕީއެންސީއަށް ސޮއިކޮށްފި

23 މޭ 2024 - 17:37 1

މި މަހު 28 ގައި ހުވާކުރާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވައި އިންތިހާބުވި، މުހައްމަދު އަލްސަން އަހުމަދު ވެސް ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީއަށް ސޮއިކުރައްވައިފި އެވެ.

ޕީއެންސީ އަދި ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، އަލްސަން ޕީއެންސީއާ ގުޅުނީ މިއަދު ކަމަށެވެ. އޭނާ ވަނީ ޕީއެންސީގެ މެމްބާޝިޕް ފޯމު ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް އަރުވާ ޕީއެންސީގެ އިންތިހާބީ ޕީޖީގެ އިސްވެރިންނާ ބައްދަލުކުރައްވާފަ އެވެ.

މި ބައްދަލުވުން ކުރިއަށް ގޮސްފައިވަނީ މުލީއާގޭގަ އެވެ.

ހީނާ ހިއްސާކުރެއްވި ފޮޓޯތަކުން ފެންނަ ގޮތުގައި ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ނަން ހުށަހަޅުއްވާ ފޮނަދޫ ދާއިރާގެ އިންތިހާބީ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އަދި ނައިބު ރައީސް ކަމަށް ނަން ހުށަހަޅުއްވާ ދިއްގަރު ދާއިރާގެ އިންތިހާބީ މެމްބަރު އަހުމަދު ނާޒިމްވެސް އަލްސަންއާ ބައްދަލުކުރެއްވި އެވެ.

އަލްސަންއާއެކު ޕީއެންސީގެ ޕީޖީ ގްރޫޕުގެ ޖުމްލަ މެންބަރުންގެ އަދަދު ވަނީ 75 އަށް އަރާފަ އެވެ.

އެޕްރީލް 21، ގައި ބޭއްވި މަޖިލިސް އިންތިހާބުގައި ޕީއެންސީއިން 66 ގޮނޑި ކާމިޔާބު ކުރި އިރު، އަމިއްލަ ގޮތުން ވާދަކޮށް އިންތިހާބު ކާމިޔާބު ކުރި އަށް މެންބަރަކު ވަނީ ޕީއެންސީއާ ގުޅިފަ އެވެ. އޭގެ ތެރޭގައި ސަރުކާރުގެ ތާއީދު އޮވެގެން ވާދަކުރި މީހުން ވެސް ހިމެނެ އެވެ.

ހަމައެހެންމެ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް އާއި އެމްއެންޕީގެ ލީޑަރު މުހައްމަދު ނާޒިމްގެ އިތުރުން އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދުގެ އިތުރުން އެ ޕާޓީއަށް ނިސްބަތްވާ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވެސް މަސައްކަތް ކުރައްވަނީ ސަރުކާރާ އެކީގަ އެވެ.

މިއާއެކު 20 ވަނަ މަޖިލީހުގައި ސަރުކާރުން ބޭނުންވާ ގޮތަށް ވޯޓު ދޭން މަޖިލީހުގައި ތިބޭނެ މެމްބަރުންގެ އަދަދު ވަނީ 79 އަށް އަރަ އެވެ. މިއީ މިދިޔަ މަޖިލީހުގައި އެމްޑީޕީއަށް ލިބުނު ވަރަށް ވުރެ ވެސް ބޮޑު އަގުލަބިއްޔަތެކެވެ.