Advertisement

އިންޓަޕޯލް ރެޑް ނޯޓިސް ނެރުނު މީހަކަށް "ނޭނގި" ސިޔާސީ މަގާމެއް ދިނުމަށް ފަހު ވަކިކޮށްފި

23 މޭ 2024 - 15:01 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ވަގު ޓީޓީ ފޮނުވައިގެން މުދާ ގަތް މައްސަލައިގައި ދައުވާކުރި ހުސައިން ޝިފާއު: އޭނާއަށް ވަނީ ސިޔާސީ މަގާމެއް ދީފަ -


އިންޓަޕޯލް ރެޑް ނޯޓިސް ނެރުނު މީހަކަށް "ނޭނގި" ސިޔާސީ މަގާމެއް ދިނުމަށް ފަހު ވަކިކޮށްފި

23 މޭ 2024 - 15:01 0

ފޭކް ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ދައްކައިގެން ބޭރު ކުންފުނިތަކުން މުދާ ގަނެ ރާއްޖެ އެތެރެކޮށް ވިޔަފާރިކުރުމުގައި ހަރަކާތްތެރިވަމުން ދިޔަ މައްސަލާގައި ދައުލަތުން ދައުވާ ކޮށްފައިވާ، މއ. ހަނީސަކްލް-1، ހުސައިން ޝިފާއު އެގްރިކަލްޗާ މިނިސްޓްރީގެ ސިޔާސީ މަގާމަކަށް އައްޔަން ކުރުމަށް ފަހު ވަކިކޮށްފި އެވެ.

ސަރުކާރުގެ އިސް އޮފިޝަލަކު "އަދަދު" އަށް ކަށަވަރުކޮށްދެއްވި ގޮތުގައި ޝިފާއު އައްޔަނުކުރީ މިނިސްޓްރީ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރަކަށް މީގެ ހަތަރު ދުވަސް ކުރިންނެވެ.

އޭނާގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރެވިފައި އޮއްވައި މަގާމު ދިނުމަށް ފަހު މިހާރު ވަނީ ވަކިކޮށްފަ އެވެ.

ބައެއް މީޑިއާތަކަށް ސަރުކާރުން ބުނެފައިވާ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައިގެ މައުލޫމާތު ސަރުކާރަށް ލިބިފައި ނެތެވެ. އެހެން ނަމަވެސް, މިކަމާ ގުޅޭ ހަބަރުތައް ރާއްޖޭގެ ގިނަ މީޑިއާތަކުން ކަވަރުކޮށް އިންޓަޕޯލް ނޯޓިސް ނެރުމުން އެ މައުލޫމާތު ވެސް މީޑިއާގައި ދައުރުވި އެވެ.

އޭގެ އިތުރުން, އިންޓަޕޯލް ރެޑް ނޯޓިސްއަކީ ސަރުކާރުގެ އިދާރާތަކުން އެދިގެން ނެރޭ ނޯޓިހެއް ކަމަށްވާއިރު މިކަމުގެ މައުލޫމާތު ސަރުކާރުގައި ހުންނާނެ އެވެ. އެކަމުގެ ލިޔެކިޔުންތައް ސަރުކާރުގެ އެކި އިދާރާތަކުގައި ހުންނާނެ އެވެ.

އުމުރުން 37 އަހަރުގެ ޝިފާއު، ފޭކް ޓީޓީ ދައްކައިގެން ރާއްޖެ އެތެރެކޮށް ވިޔަފާރިކުރަމުން ދިޔައީ މޭވާ އާއި ތަކުރާރީ އެވެ. އޭނާގެ މައްޗަށް ދައުލަތުން ވަނީ އެނގި ހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ ނުވަ ދައުވާ، އާއި މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ހަތް ދައުވާ އަދި މަނީ ލޯންޑްރިންގެ ކުށުގެ ހަތް ދައުވާ އުފުލައިފަ އެވެ.

އެ މައްސަލާގައި ހިމެނޭ ފައިސާގެ ޖުމުލަ އަދަދު 123،844.54 އެމެރިކާ ޑޮލަރަކަށް އަރަ އެވެ. އެއީ 1،909،682ރ. އެވެ. އެ ފައިސާ ދައުލަތަށް ނެގުމަށް ޕީޖީ އޮފީހުން ކޯޓަށް ހުށަހެޅި މައްސަލާގައި އެދިފައިވެ އެވެ.

ޕީޖީ އޮފީހުން މި ނޫހަށް މައުލޫމާތު ދިން ގޮތުގައި ޝިފާއުގެ މައްޗަށް ދައުލަތުން ކުރި އެއްވެސް ދައުވާއެއް މިހާތަނަށް އަނބުރާ ގެންގޮސްފައެއް ނުވެ އެވެ. އެ މައްސަލާގެ އަޑުއެހުމެއްވެސް ބާއްވާފައެއް ނުވެ އެވެ.

މި މައްސަލާ މާޗު މަހުގެ ކުރީކޮޅު އޭނާ ހައްޔަރުކުރި ނަމަވެސް ކްރިމިނަލް ކޯޓުން އޭނާ ފުރަތަމަ ދޫކޮށްލީ މެއި 25، ގަ އެވެ. ދޫކޮށްލުމާއެކު ޝިފާއު ވަނީ ރާއްޖެ ދޫކޮށް ފިލާފަ އެވެ. އޭނާ ހޯދަން އިންޓަޕޯލް އިން ރެޑް ނޯޓިސް ނެރިފައިވަނިކޮށް އަމިއްލައަށް ރާއްޖެ އައިސް ފުލުހުންނާ ހަވާލުވި އެވެ.

އެންމެ ފަހުން އޭނާ ދޫކޮށްލީ ޕާސްޕޯޓު ހިފަހައްޓާ މާލެ ސަރަހައްދުގައި ރަށު ބަންދުގައި ހުރުމަށް ޝަރުތުކޮށްފަ އެވެ.