23 މޭ 2024 - 02:06 0
އެޓަލަންޓާ އިން ތަށްޓާ އެކު އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ
23 މޭ 2024 - 02:06 0
ޑަބްލިން، އަޔަލެންޑް (މެއި 23) - އަޑެމޯލާ ލުކްމަންގެ ހެޓްރިކުން، 3-0 އިން ބަޔާ ލެވަކޫސަން ބަލިކޮށް، އެޓަލަންޓާ އިން ޔުއެފާ ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
މިއީ، އެޓަލަންޓާ އިން ޔޫރަޕްގެ މުބާރާތެއް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. މިއީ 61 އަހަރަށް ފަހު، އެޓަލަންޓާ އިން ތަށްޓެއްގައި އަތްލި ފުރަތަމަ ފަހަރެވެ.
އަނެއްކޮޅުން، މިއީ މި ސީޒަނުގައި ބަޔާ ލެވަކޫސަން މެޗަކުން ބަލިވި ފުރަތަމަ ފަހަރެވެ. ޖަރުމަނު ލީގުގެ ޗެމްޕިއަންކަން، ބަޔާ ލެވަކޫސަނުން ހޯދީ މެޗަކުން ބަލިނުވެ، އެވެ. މިއީ، 52 މެޗުގެ ތެރެއިން އެޓަލަންޓާ ބަލިވި ފުރަތަމަ ފަހަރެވެ.
އެޓަލަންޓާ އިން މިރޭގެ މެޗުގައި، ފުރަތަމަ ލަނޑު ޖެހީ، 12 ވަނަ މިނިޓްގަ އެވެ. ލުކްމަން މި ލަނޑު ޖެހީ އޭރިއާތެރެއަށް ޑާވިޑޭ ޒަޕަކޯސްޓާ ނަގައިދިން ހުރަހަކަށް އަރައި، ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެންނެވެ. މެޗުގެ 26 ވަނަ މިނިޓްގައި، ލުކްމަން ވަނީ އިތުރު ލަނޑެއް ޖަހައިފަ އެވެ. އޭނާ މި ލަނޑު ޖެހީ، އޭރިއާ ރޮނގުމަތިން ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ.
ކުރިން އެވަޓަން އާއި ފުލަމް އަދި އާރްބީ ލައިޕްޒިގަށް ކުޅުނު ލުކްމަން ޔޫރޮޕާ ލީގުގެ ފައިނަލުގައި އެޓަލަންޓާ އަށް ލަނޑު ޖަހައިދިނުމަށް ފަހު އުފާފާޅުކުރަނީ.
ދެ ވަނަ ހާފްގައި ލެވަކޫސަނުން ލަނޑެއް ޖެހޭތޯ ކުރިއަށް ޖެހިގެން ގިނަ އެޓޭކްތަކެއް ކުރި އެވެ. އެކަމަކު، އެޓަލަންޓާ ކޮޅަށް ގޯލެއް ޖެހޭ ގޮތެއްނުވި އެވެ.
ކައުންޓަ އެޓޭކުގައި އެޓަލަންޓާ ފެނުނީ ނުރައްކާތެރިކޮށެވެ. އެ ޓީމުން މެޗުގެ ތިން ވަނަ ލަނޑު ޖެހީ، 75 ވަނަ މިނިޓްގަ އެވެ. އޭރިއާތެރެއަށް ބޯޅަ ހިފައިގެންވަދެ، ލުކްމަން ވަނީ ގޯލުގެ މަތީ ކަނަށް ފޮނުވާލައިފަ އެެވެ. މި ލަނޑާ އެކު، ލުކްމަން އަށް ވަނީ، ހާއްސަ ޝަރަފެއް ލިބިފަ އެވެ. ލުކްމަން އަކީ، ޔޫރޮޕާ ލީގުގެ ފައިނަލެއްގައި ހެޓްރިކް ހެދި، ފުރަތަމަ ކުޅުންތެރިޔާ އެވެ.
އަނެއްކޮޅުން، ޔުއެފާ ކަޕް ރީބްރޭންޑްކޮށް، ޔޫރޮޕާ ލީގަށް ބަދަލުކުރި ފަހުން، އެޓަލަންޓާ އަކީ މި މުބާރާތް ކާމިޔާބުކުރި، އިޓަލީގެ ފުރަތަމަ ޓީމެވެ. އަނެއްކޮޅުން، އެޓަލަންޓާ ކޯޗު، ޖިއަންޕިއޭރޯ ގަސްޕެރީނީ އަކީ މި މުބާރާތް ކާމިޔާބުކުރި އެންމެ ދުވަސްވީ ކޯޗެެވެ. އޭނާގެ އުމުރަކީ 66 އަހަރެވެ.
ޒަބީ އަލޮންސޯގެ ކޯޗުކަމުގައި ކުޅޭ ލެވަކޫސަން އަށް އަދި މި ސީޒަނުގައި އެއް ފައިނަލް އެބައޮތެެވެ. އެއީ މި ހޮނިހިރު ދުވަހު، ކައިސަސްލައުޓެންއާ ދެކޮޅަށް ކުޅޭ މެޗެވެ.
Comment