Advertisement

ތައުލީމީ ފެންވަރު ހުންނަންޖެހޭ ކަމަށް ބުނާ ޝަތުރުން ޕީއެސްއެމްގެ ނިއުސް ހެޑު އިސްތިސްނާކޮށްފި


ތައުލީމީ ފެންވަރު ހުންނަންޖެހޭ ކަމަށް ބުނާ ޝަތުރުން ޕީއެސްއެމްގެ ނިއުސް ހެޑު އިސްތިސްނާކޮށްފި

ޕަބްލިކް ސާވިސް މީޑިއާގެ ޑިޕާޓްމަންޓުތަކުގެ އިސްވެރިންގެ ހުންނަންޖެހޭ ކަމަށް ބަޔާންކުރާ ތައުލީމީ ޝަރުތުން ޑިރެކްޓާ، ނިއުސް އެންޑް ކަރަންޓް އެފެއާޒްގެ މަގާމު އިސްތިސްނާކޮށްފި އެވެ.

ޕީއެސްއެމްގެ މުވައްޒަފުންގެ މަގާމާއި މުސާރައިގެ އޮނިގަނޑަށް ބަދަލު ގެނައީ މިދިޔަ ހަފުތާގަ އެވެ. އެ ބަދަލާއެލު، ތައުލީމީ އެއްވެސް ސެޓްފިކެޓެއް ނެތް ނަމަވެސް ނޫސްވެރިކަމުގެ ތަޖުރިބާ ލިބިފައިވާ ނަމަ ނިއުސް ހެޑުގެ މަގާމު އަދާ ކުރެވޭނެ އެވެ.

ޕީއެސްއެމްގެ މަގާމާއި މުސާރައިގެ އޮނިގަނޑު އަންގައިދޭ ތާވަލުގައި ބަޔާންކޮށްފައިވާ ޑިޕާޓްމަންޓް ހެޑުގެ ޝަރުތުތަކަކީ މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީސަނަދުގެ އޮނިގަނޑު ލެވެލް ނުވައެއްގެ ސެޓްފިކެޓެއް ހާސިލުކޮށްފައިވުމާއެކު، މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން ފަސް އަހަރުދުވަހު މެނޭޖިރިއަލް ލެވެލްގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާންޖެހެ އެވެ.

ނުވަތަ މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީސަނަދުގެ އޮނިގަނޑު ލެވެލް ހަތެއް ނުވަތަ އަށެއްގެ ސެޓްފިކެޓެއް ހާސިލްކޮށްފައިވުމާއެކު، މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން އަށް އަހަރު ދުވަހު މެނޭޖިރިއަލް ލެވެލްގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާންޖެހެ އެވެ.

ނަމަވެސް، ޑިރެކްޓާ ނިއުސް އެންޑް ކަރަންޓް އެފެއާޒްގެ މަގާމު މަތީގައިވާ ތިން ޝަތުރުން އިސްތިސްނާވާނެ ކަމަށް އާ ގަވާއިދުގައި ވަނީ ކަނޑައަޅާފަ އެވެ.

އެގޮތުން ޑިރެކްޓާ ނިއުސް އެންޑް ކަރަންޓް އެފެއާޒްގެ މަގާމަށް އައްޔަނުކުރާ މީހެއްގެ އާންމު ޝަރުތަކީ، އެޑިޓަރެއްގެ ގޮތުގައި ކަނޑައެޅިފައިވާ އާންމު ޝަރުތު ހަމަވާ މަގާމެއް ނުވަތަ، މަގާމުތަކެއްގައި އަށް އަހަރުދުވަހުގެ މުއްދަތަކަށް މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން ނުވަތަ ނޫސްވެރިކަމުގައި 12 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ކަމުގައި ވަނީ ކަނޑައަޅާފަ އެވެ.

ޕީއެސްއެމްގެ ގަވާއިދަށް ގެނައި ބަދަލާއި ގުޅޭ ގޮތުން "އަދަދު" އިން ސުވާލުކުރުމުން، އެ ކުންފުނީގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެ ބަދަލަކީ ޕީއެސްއެމްގެ ހިންގުން ހަރުދަނާކުރުމަށް އެތެރޭގެ އުސޫލުތައް މުރާޖާކުރުމުގެ ތެރެއިން ގެނެވުނު ބަދަލެއް ކަމަށެވެ. އަދި ގަވާއިދަށް އެ ބަދަލު ގެނެސްފައި ވަނީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ނިންމުމަކުންކަން ފާހަގަކުރެއްވި އެވެ.