Advertisement

ކުޑަކުދިންގެ ދުވަހު ރައީސް ގޮވާލެއްވީ އަމިއްލަ ދަރިން ނޫނަސް ދަރިކުލުނާ ލޯތްބާ އެކު މުއާމަލާތް ކުރަން

10 މޭ 2024 - 14:59 0

އަމަން ހަލީމް

އަމަން ހަލީމް

ރައީސް ޑރ. މުހައްމަދު މުއިއްޒު ފ. ދަރަނބޫދޫގައި ކުޑަކުދިންތަކަކާ ސަލާމްކުރައްވަނީ: ރައީސް ވިދާޅުވީ ދީނާއި ގައުމަށް ލޯބިކުރާ ކުދިންތަކެއް ބޮޑުކުރުމަކީ ހުރިހާ އެންމެންގެ ޒިންމާއެއް ކަމަށް -- ފޮޓޯ: ރައީސް އޮފީސް


ކުޑަކުދިންގެ ދުވަހު ރައީސް ގޮވާލެއްވީ އަމިއްލަ ދަރިން ނޫނަސް ދަރިކުލުނާ ލޯތްބާ އެކު މުއާމަލާތް ކުރަން

10 މޭ 2024 - 14:59 0

އުފަން ދަރީން ނޫނަސް، ކޮންމެ ކުޑަކުއްޖަކީ ވެސް ދަރިއެއްކަމުގައި ދެކި ކޮންމެ ކުއްޖަކާ މެދު ވެސް ދަރިކުލުނާ އިމެއްމިނެއް ނެތް ތެދުވެރި ލޯތްބާއެކު މުުއާމަލާތް ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ގޮވާލައްވައިފި އެވެ.

މި އަހަރުގެ ކުޑަކުދިންގެ ދުވަހު ރައީސް ދެއްވި ހިތާބުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލެއްވީ ދީނާއި ގައުމަށް ލޯބިކުރާ ދަރިންތަކެއް ބިނާކުރަން އެންމެން ގުޅިގެން އުފުލަން ޖެހޭ ޒިންމާތަކަށެވެ. ރައީސްގެ މި މެސެޖު ގެނެސްދެއްވީ މުހައްމަދު ޖަމީލުދީދީގެ "ހައްތާވެސް ދަރީންނެވެ" ކުރުވާހަކައަށް ރިއާޔަތްކުރައްވަމުންނެވެ.

އެގޮތުން، ރައީސް ވިދާޅުވީ، މި ވާހަކައިން ލިބިދޭ އެންމެ ބޮޑު އެއް އިބުރަތަކީ ކޮންމެ ކުޑަކުއްޖަކީ ވެސް ދަރިއެއްކަމުގައި ދެކި އޯގާތެރިކަމާއި އެހީތެރިކަމާ ދިރިއުޅުން ފަށައިފި މީހެއްގެ ނަފްސާއި ރޫހަށް ލިބޭނެ ހަމަޖެހުން ކަމަށެވެ. އަދި ކުޑަކުދިންގެ ދުވަސް ފަދަ ދުވަހެއްގައި މި ނުކުތާއަށް ވިސްނައިލުން މުހިންމު ކަމުގައި ރައީސް ވިދާޅުވި އެވެ.

"[ހައްތާވެސް ދަރީންނެވެ] ވާހަކައިން ލިބިދޭ އެންމެ ބޮޑު އެއް އިބުރަތަކީ، އުފަން ދަރީން ނޫނަސް، ކޮންމެ ކުޑަކުއްޖަކީ ވެސް ދަރިއެއްކަމުގައި ދެކި އޯގާތެރިކަމާއި އެހީތެރިކަމާއެކު ދިރިއުޅެން ފަށައިފި މީހެއްގެ ނަފްސާއި ރޫހަށް ލިބޭނެ ހަމަޖެހުން. މިފަދަ ދުވަހެއްގައި މިއީ، ވިސްނައިލުން މުހިންމު ނުކުތާއެއް،" ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ، ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކުގެ ދަށުން ކުޑަކުދިންނަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދޭން ކުރަން ޖެހޭ މަސައްކަތްތައް ސަރުކާރުތަކުން ދަނީ ކުރަމުންނެވެ. މިހެން ނަމަވެސް، ކުޑަކުދިންނަށް ނަމޫނާއަކަށްވެ ހެޔޮމަގު ދައްކައިދިނުމަކީ އެންމެންގެ މައްޗަށް އޮތް ދީނީ، އިންސާނީ، އަދި ގައުމީ މަސްއޫލިއްޔަތެއް ކަމެއް ރައީސް ވިދާޅުވި އެވެ.

"މި ހުރިހާ ކަމަކާއެކު، އަޅުގަނޑުމެން ކޮންމެ ބޮޑު މީހެއްގެ ކޮނޑުގައި އެޅިފައިވާ ވަރަށް މުހިންމު ދީނީ، އިންސާނީ، އަދި ގައުމީ މަސްއޫލިއްޔަތެއް އެބައޮތް. އެއީ، ކުޑަކުދީންނަށް ރައްކައުތެރިކަންދީ، ރީތި ނަމޫނާ ދައްކާ، ހެޔޮމަގަށް އެކުދީންގެ ސުލޫކު ބައްޓަންކުރަން މަގުދައްކައިދިނުމުގައި ހަމަ ކޮންމެ މީހަކު ވެސް ދެމިހުރުން." ރައީސް ވިދާޅުވި އެވެ.

ރައީސްގެ ހިތާބުގައި ފަލަސްތީނުގައި އިޒްރޭލުން ހިންގަމުންދާ ގަތުލްއާންމުގައި މަރުވެފައިވާ ކުޑަކުދިންނާއި ހާލުގައި ޖެހިފައި ތިބި ކުދިންގެ ހަނދާން އާ ކުރަމުން، ޝަހީދުވީ ކުދިންނަށް މާތް ﷲ ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާތޯ ދުއާ ދަންނަވާފައިވެ އެވެ.