Advertisement

ރާއްޖެ އާއި އިންޑިއާއާ ދެމެދު ރަސްމީ މަޝްވަރާތައް ބާއްވައިފި

އިންޑިއާ އާއި ރާއްޖެއާ ދެމެދު ރަސްމީ މަޝްވަރާތައް ބޭއްވުން -- ފޮޓޯ: ފޮރިން މިނިސްޓްރީ


ރާއްޖެ އާއި އިންޑިއާއާ ދެމެދު ރަސްމީ މަޝްވަރާތައް ބާއްވައިފި

ރާއްޖެ އާއި އިންޑިއާއާ ދެމެދު ރަސްމީ މަޝްވަރާތައް މިއަދު ބާއްވައިފި އެވެ.

ރަސްމީ ދަތުރެއްގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު އިންޑިއާއަށް ވަޑައިގެން ރަސްމީ މަޝްވަރާތައް ބާއްވާފައި ވަނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރުއާ އެކުގަ އެވެ.

މި ބައްދަލުވުމުގައި އުމުރާނީ ތަރައްގީގެ ޕްރޮޖެކްޓުތަކާއި ކެޕޭސިޓީ ބިލްޑް ކުރުމުގެ ދާއިރާއިން ދެ ގައުމު އިތުރަށް ގުޅިގެން މަސައްކަތް ކުރުމަށް ވަނީ މަޝްވަރާ ކޮށްފަ އެވެ.

މިއީ މި ސަރުކާރުގެ ފޮރިން މިނިސްޓަރުގެ ގޮތުގައި ޒަމީރު އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުކަމަށްވާއިރު، މި ދަތުރުގައި ދެ ގައުމުގެ ގުޅުމާއި، އެކި ދާއިރާތަކުން ގުޅުން ބަދަހި ކުރުމަށް މަޝްވަރާ ކުރާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.

އިންޑިއާއަށް ޒަމީރު ވަޑައިގެންފައި މިވަނީ ރާއްޖެއާއި އިންޑިއާއާއެކު އޮތް ގުޅުމަށް މި ސަރުކާރު އައި ފަހުން ގޯސްވެފައި ވަނިކޮށެވެ.

މިގޮތުން ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުންތަކެއް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ބަދު ބަސްތަކެއް ބުނި މައްސަލައެއް ފެންމަތިވެ، އެބޭފުޅުން މިހާރު ވެސް ތިބީ ސަސްޕެންޑު ކޮށްފަ އެވެ.

މީގެއިތުރުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ނުސީދާކޮށް އިންޑިއާއަށް އަމާޒުކޮށް ބައެއް ބަހުގެ ހަމަލާތައް ދީފަ އެވެ. އަދި ވެރިކަމާ ހަވާލުވިފަހުން ރައީސް މުއިއްޒު އިންޑިއާއަށް ވަޑައިގެންފައެއް ނުވެ އެވެ.