Advertisement

އަންދާލާނެ ކަމަށް ބުނެ ޗެނަލް 13 އަށް ވެސް އިންޒާރު ދީފި!

30 އޭޕްރީލް 2024 - 18:00 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން


އަންދާލާނެ ކަމަށް ބުނެ ޗެނަލް 13 އަށް ވެސް އިންޒާރު ދީފި!

30 އޭޕްރީލް 2024 - 18:00 0

ފިތުނަ އުފައްދާ ހުރިހާ ވަސީލަތެއް އަންދައި އަޅިއަށް ހަދާލަންޖެހޭ ކަމަށާއި އެންމެ ފުރަތަމަ އަންދާލަންޖެހެނީ ޗެނަލް 13 ކަމަށް ބުނެ ސޯޝަލް މީޑިއާގައި މީހަކު އިންޒާރު ދީފި އެވެ.

ޗެނަލް13 އަށް އިންޒާރު ދީފައި ވަނީ ރާއްޖެ ޓީވީގައި ހުޅުޖަހާނެ ކަމަށް ބުނެ އާދީއްތަ ދުވަހު މީހަކު ދިން އިންޒާރުގެ ހަބަރު ތޭރައޮންލައިންގައި ޝާއިއު ކުރުމުން، އެ ހަބަރުގެ ފޭސްބުކް ޕޯސްޓަށް ކުރި ކޮމެންޓެއްގަ އެވެ.

އެހެން މީހެއްގެ ފޮޓޯއެއް ލައިގެން، ކާކުކަން ނޭނގޭ ގޮތަށް ހިންގާ އެކައުންޓަކުން ކުރި އެ ކޮމެންޓުގައި ބުނެފައި ވަނީ މީޑިއާ މެދުވެރިކޮށް މީހުންގެ ސިކުނޑިއާ ކުޅުމުގެ ފުރުސަތު މިހާރު ނޯންނާނެ ކަމަށާއި ބަޔަކު ނައްތާލަން ޖެހިއްޖެ ނަމަ އެކަން ވެސް ކުރާނެ ކަމަށެވެ.

"އަހަރުމެން ދީނަށާއި މުޖުތަމައު ފަސާދަކޮށް ފިތުނަ ކޮންމެ އެއްޗަކީ ނައްތާލަންޖެހޭ އެއްޗެއް، ބަޔަކު ނައްތާލަން ޖެހިއްޖެއްޔާ ބަޔަކު، މި ނޫން ގޮތަކަށް ފިތުނައިގެ އަލިފާން ނުނިވޭނެ،" އެ ކޮމެންޓުގައި ލިޔެފައިވެ އެވެ.

ޗެނަލް 13 އަށް އިންޒާރުދީ ލިޔެފައިވާ އެ ކޮމެންޓުގައި ވަނީ ރާއްޖެ ޓީވީގައި ހުޅުޖަހަން ދިން އިންޒާރަށް ވެސް ތާއީދުކޮށް އެއީ ބަރާބަރު ކަމެއް ކަމަށް ބުނެފަ އެވެ. އަދި ރާއްޖެޓީވީއަށް އިންޒާރުދިން ހަބަރު ގެނެސްދިނުން އެއީ ރާއްޖެޓީވީއާ މެދު ހަމްދަރުދީ އުފެއްދުން ކަމަށް ވެސް އެ ކޮމެންޓުގައި ލިޔެފައިވެ އެވެ.

އެންމެ ފުރަތަމަ ނައްތާލަންޖެހެނީ ޗެނަލް 13 ކަމަށް ބުނެ އެ އެކައުންޓުން އިންޒާރު ދީފައި ވަނީ ހަމަ އެ ޕޯސްޓަށް ކުރި ދެވަނަ ކޮމެންޓުގަ އެވެ.

ހުޅުޖަހާނެ ކަމަށް ބުނެ ރާއްޖެ ޓީވީ އާއި ޗެނަލް 13 އަށް ބަޔަކު އިންޒާރު ދިންއިރު، މީގެ ކުރިން ރައީސް ވަހީދު ވެރިކަމުގެ ފަހުކޮޅު ވަނީ ރާއްޖެ ޓީވީގައި ހުޅުޖަހައި އަންދާލައިފަ އެވެ.

މީގެ 10 އަހަރު ކުރިން، އޮކްޓޯބަރު، 2013، ގައި ރާއްޖެ ޓީވީގައި ހުޅުޖެހުމުން އެ ސްޓޭޝަން އޭރު ހިންގި ބީކޭޓީ ބިލްޑިންއަށާއި ރާއްޖެ ޓީވީގެ ގިނަ ސާމާނުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި ރާއްޖެ ޓީވީގެ ހިދުމަތް ވަގުތީ ގޮތުން މެދުކަނޑައިލަން ޖެހުނެވެ.

އެ ސްޓޭޝަނުގައި އެފަހަރު ރޯކޮށްލީ ވެސް އެތައްފަހަރަކު އިންޒާރު ދިނުމަށްފަހު ކަމަށް ރާއްޖެ ޓީވީގައި މަސައްކަތް ކުރި މުވައްޒަފުން އޭރު ބުނެފައިވެ އެވެ.