Advertisement

ބިދޭސީންގެ މައްސަލައަށް، މިނިސްޓަރުގެ ހައްލުގައި މީހަކު މަދުކުރުމެއް ނެތް

30 އޭޕްރީލް 2024 - 14:32 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ހޯމް މިނިސްޓަރު އަލީ އިހުސާން: މި ސަރުކާރުގެ ސިޔާސަތަކީ ވެސް ރެގިއުލަރައިޒް ކުރުން ކަން ހާމަކުރެއްވި --- ފޮޓޯ: ހޯމް މިނިސްޓްރީ


ބިދޭސީންގެ މައްސަލައަށް، މިނިސްޓަރުގެ ހައްލުގައި މީހަކު މަދުކުރުމެއް ނެތް

30 އޭޕްރީލް 2024 - 14:32 0

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ރެގިއުލަރައިޒް ކުރަން ކުރާ މަސައްކަތުގައި، ގާނޫނީ އިމުގެ ތެރެއަށް އައުމުގެ ފުރުސަތު، ހުރިހާ އެންމެނަށް ވެސް ދޭނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ރޭ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ ސުވާލުތަކަށް ވަޒީރުން ޖަވާބުދެއްވަން ކުރިއަށް ގެންދާ "އަހާ" ސިލްސިލާގެ ތެރެއިން ރޭ ބޭއްވި ފޯރަމް ގައި މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ ވަރަށް ބޮޑަށް ގަވައިދާ ހިލާފުވެފައި ތިބޭ ބިދޭސީންނަށް ވެސް ގަވައިދުގެ ތެރެއަށް އަންނަން "ފުުރުސަތެއް" ދޭނެ ކަމަށެވެ. ޑީޕޯޓް ކުރާނީ އޭނާ ވިދާޅުވި ގޮތުގައި އެ ފުރުސަތު ވެސް ބޭނުންކުރަން ދެކޮޅުހަދާ މީހުންނެވެ.

"ތިން ވަނަ ފޭސްއަކީ އެެއްވެސް ގޮތަކަށް އައިޑީ ނުކުރެވޭ މީހުން، ނުވަތަ ވަރަށް ބޮޑަށް ގާނޫނާ ހިލާފުވެފައި، މާނައަކީ ފިލައިގެން އުޅެނީ، ރަސްމީ ކުންފުންޏެއްގައި މަސައްކަތެއް ނުކުރޭ، ޓެކްސެއް ނުވަތަ އޭނާގެ ފަރާތުން ދައުލަތަށް ދައްކަން ޖެހޭ އެއްވެސް އެއްޗެއް ނުދައްކާ، ފައިސާއާ އެއްޗިހި ގަވައިދާ ހިލާފަށް ބޭރުކުރަނީ، މިކަހަލަ މަސައްކަތްކުރާ މީހުން[ނަށް] އަޅުގަނޑުމެން ފުރުސަތެއް ދޭނަން އޭނާއަށް ގަވައިދުގެ ތެރެއަށް އަންނަން،" އިހުސާން ވިދާޅުވި އެވެ.

އެފަދަ އެއްވެސް ފުރުސަތެއް ނުދީ ދައުލަތުގެ ބެލުމުގެ ދަށަށް ނަގާނީ މިނިސްޓަރު ވިދާޅުވި އެއީ ކާކުކަން ދެނެ ނުގަނެވޭ މީހުންނެވެ. އެމީހުން ދެނެގަތުމުގެ މަސައްކަތް ކުރާނީ ދައުލަތުގެ ބެލުމުގެ ދަށުގައި ބައިތިއްބައިގެންނެވެ.

"ދައުލަތުގެ ބެލުމުގެ ދަށަށް ނަގާގައި އެމީހުން، އެ ގައުމަކާ ގުޅޭ އެމްބަސީއަކާ ގުޅިގެން، އައިޑީ ކުރުމުގެ މަސައްކަތްކުރާނީ. ކޮށްފައި ވީ އެންމެ އަވަހަކަށް ޓްރެވެލް ޑޮކިއުމެންޓެއް، ވަގުތީ އެއްޗެއް ނަމަވެސް ހަދާފައި އެމީހަކު ރާއްޖޭން ބޭރަށް ފޮނުވާނީ،" އިހުސާން ވިދާޅުވި އެވެ.

ބިދޭސީ ލޭބަރުންގެ މައުލޫމާތު އެއްކޮށް، އަދަދު ދެނެގަތުމުގެ މައްސަކަތް މެއި 02، ގައި ފަށާނެ ކަމަށެވެ. އޭނާ ވިދާޅު ގޮތުގައި އެ މަސައްކަތް ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ކުރިއަށް ގެންދާނެ ކަމަށް ވެސް މިނިސްޓަރު ރޭ ވިދާޅުވި އެވެ.

އަންސްކިލްޑް ބިދޭސީ ލޭބަރުން ރާއްޖޭގައި ތިބި ސީދާ އަދަދު ސަރުކާރަށް އަދި ނޭނގޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިހާރު ކުރަމުން މިދާ މަސައްކަތަކީ މިހާރުން ފެށިގެން އެއް އަހަރު ތެރޭގައި، މިހާރު އެ މަސައްކަތް އެއް އަހަރު ގުނަން އަޅުގަނޑުމެން ފަށައިފިން އޮލްރެޑީ. އަދި އެ މަސައްކަތާ ގުޅޭ ބައެއް މަސައްކަތްތައް ވެސް ކުރެވިފައި ވަނީ. މިކުރާ މަސައްކަތަކީ ރާއްޖޭގައި ތިބި ހުރިހާ ބިދޭސީން، ހާއްސަކޮށް އަންސްކިލްޑް ލޭބާ މިކިޔާ ކެޓަގަރީގައި ތިބި ހުރިހާ ބިދޭސީންގެ ދިހަ އިނގިލީގެ ނިޝާން ނަގާފައި، އެމީހުންގެ ފޮޓޯއެއް ނަގާފައި އަޅުގަނޑުމެންގެ އަތުގައި މިހާރު ހުރި ވޯކްޕާމިޓް ރެކޯޑްތަކާ އެމީހުންނާ ދިމާކުރަނީ،" އިހުސާން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އެގޮތަށް މީހުން ހޯދުމަށް ފަހު، ރެކޯޑް ބަލަހައްޓާ ނިޒާމުގެ ތެރެއަށް ވެއްދުމުގެ މަސައްކަތް އެެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާނެ އެވެ. އެގޮތަށް ދެނެގަންނަ އިރު އެމީހުން ތިބި ތަންތަން ވެސް ދެނެގަންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.