Advertisement

ވީޑިއޯ މެދުވެރިކޮށް ރައީސްއަށް ސުވާލު ފޮނުވޭނެ ނިޒާމެއް ގާއިމް ކުރަނީ

6 މޭ 2024 - 16:57 0

ނިމާ ހަސަން

ނިމާ ހަސަން

ރައީސްގެ ޖަވާބު ޕްރޮގްރާމުގައި މީހަކު ސުވާލުކުރާ ވީޑިއޯ ރައީސް ބައްލަވަނީ


ވީޑިއޯ މެދުވެރިކޮށް ރައީސްއަށް ސުވާލު ފޮނުވޭނެ ނިޒާމެއް ގާއިމް ކުރަނީ

6 މޭ 2024 - 16:57 0

ވީޑިއޯ މެދުވެރިކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ސުވާލު ފޮނުވޭނެ ނިޒާމެއް ގާއިމް ކުރަން ސަރުކާރުން ނިންމައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ އާންމު ރައްޔިތުން ރައީސްއާ ކުރަން ބޭނުންވާ ސުވާލުތައް ކުރުމުގެ ހަމަހަމަ ފުރުސަތުތަކެއް ދިނުމުގެ ގޮތުން, އާންމު ރައްޔިތުން ވީޑިއޯ މެދުވެރިކޮށް ރައީސްއާ ކުރަން ބޭނުންވާ ސުވާލުތައް އެ އޮފީހަށް ފޮނުވޭނެ ހާއްސަ ނިޒާމެއް ގާއިމް ކުރަމުންދާ ކަމަށެވެ.

"ހަމަހަމަ ފުރުސަތުތައް ހުރިހާ ފަރާތްތަކަށް ފޯރުކޮށްދިނުމުގެ ގޮތުންނާއި އަދި ވީހާވެސް ގިނަ ފަރާތްތަކަށް ރައީސްއާ ސުވާލު ކުރުމުގެ ފުރުސަތު ތަނަވަސް ކޮށްދިނުމުގެ ގޮތުން މިހާރު މި މަސައްކަތްކުރަނީ ސުވާލުތައް ވެސް އަދި ވީޑިއޯ މެދުވެރިކޮށްވެސް ރައީސް އޮފީހަށް ކޮންމެ ބޭފުޅަކަށް ވެސް ފޮނުވޭނެ ނިޒާމެއް ގާއިމު ކުރުމަށްޓަކައި," ހީނާ ވިދާޅުވި އެވެ.

އާންމު ރައްޔިތުން ރައީސްއާ ސުވާލު ކުރުމަށްފަހު, އެ ސުވާލުގެ ޖަވާބު އާންމުކުރަން ރައީސް އޮފީހުން "ރައީސްގެ ޖަވާބު" ކުރިއަށް ގެންދިޔައީ ހީނާ ވިދާޅުވި ގޮތުގައި ކެމެރާމަނަކު މަގުމައްޗަށް ނިކުމެ އަދި ރަށްރަށަށް ކުރާ ދަތުރުތަކުގެ ތެރެއިންނެވެ. އެކަމަށް އިތުރު ނިޒާމެއް ގާއިމުކުރަން ނިންމީ, އެއީ ހަމަހަމަ ނިޒާމެއް ނޫން ކަމަށް ބުނެ އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ހީނާ ވަނީ, މައުލޫމާތު ފޯރުކޮށްދިނުމުގެ ގޮތުން ރައީސް އޮފީހުން ކުރަމުންދާ ބައެއް އިތުރު މަސައްކަތްތައް ހާމަކުރައްވާފަ އެވެ.

ހީނާ ވިދާޅުވީ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުންތަކާ ގުޅިގެން ނިންމާ ނިންމުންތައް ލިބޭނެ ނިޒާމެއް ފަހިވެފައި ނުވާ ކަމަށެވެ.

"ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ލައިވްކޮށްލާނަން, ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓާ ލިންކްވާ ގޮތަށް ކެބިނެޓްގެ ނިންމުންތައް, ރައީސް މުއިއްޒުގެ ވެރިކަމުގައި ކޮންމެ ކެބިނެޓެއްގެ ނިންމުންތައް ނޫސްވެރިންނަށް ފެންނާނެ ގޮތަށް ނިންމުންތަކާ ގުޅޭ މައުލޫމާތު ލިބޭނެ ނިޒާމެއް،" އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ސަރުކާރުގެ އޮފީސްތަކުން އަދި ކުންފުނިތައް ބައިވެރިވާ ގޮތަށް ހިންގާ ހުރިހާ ކަމެއްގެ ފޮޓޯ އާއި ހަބަރާއި މައުލޫމާތު އެއްތަނަކުން ފެންނާނެ ނިޒާމެއް ވެސް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންދާ ކަަމަށް ހީނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ މަސައްކަތް މި މަހުގެ ތެރޭގައި ނިމޭނެ އެވެ.