Advertisement

ނިއުޕޯޓް ހިންގި ބިން ސަރުކާރުން އަތުލީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން ވެސް ހުކުމްކޮށްފި

24 އޭޕްރީލް 2024 - 15:06 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ލޮނިޒިޔާރަތްކޮޅު ޕާކު ތަރައްގީކުރުމުގެ ކުރިން ނިއުޕޯޓާއި ބްރިޖް ވިއުވިން ޕްލެޓްފޯމް. ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑަކީ ޕީޕީއެމްގެ ސެނެޓަރު ޒާހިދު ރަމީޒުގެ ވިޔަފާރިއެއް --- ފޮޓޯ: މޯލްޑިވްސް އިންޑެޕެންޑެންޓް


ނިއުޕޯޓް ހިންގި ބިން ސަރުކާރުން އަތުލީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން ވެސް ހުކުމްކޮށްފި

24 އޭޕްރީލް 2024 - 15:06 0

ލޮނުޒިޔާރަތްކޮޅުގައި ހަދާފައިވާ ޗައިނާ/މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް ބަލާ ޕްލެޓްފޯމާއި އެތަނުގައި ހުރި ނިއުޕޯޓު ރެސްޓޯރަންޓު ހިންގާ ތަން ސަރުކާރުން އަތުލާފައިވަނީ ރަނގަޅަށް ސުޕްރީމް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

ކުރީގެ ރައީސް އަބްދުالله ޔާމީންގެ ސަރުކާރުގެ ހައުސިން މިނިސްޓްރީން ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑާއެކު ސޮއިކުރި އެއްބަސްވުމެއްގެ ދަށުން އެ ތަނުގައި ފުޑް ކޯޓަކާއި ބްރިޖު ބަލާނެ ތަނެއް އަޅަން ހަވާލުކުރީ ސެޕްޓެމްބަރު 2016، ގަ އެވެ. އޭރު ހައުސިން މިނިސްޓަރަކަށް ހުންނެވީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.

އެކަމަކު މިދިޔަ އެމްޑީޕީ ސަރުކާރުން ވަނީ އެ ބިމުގެ ކުލި ނުދައްކާތީ އެއްބަސްވުން ބާތިލުކޮށް ތަން ހަވާލުކުރަން އެ ކުންފުންޏަށް އަންގާފަ އެވެ. އެއީ މާޗު 11، 2019 ގަ އެވެ. މި މައްސަލައިގައި ސްޓްރާޑާގެ ފަރާތުން އެއްބާރުލުން ނުލިބިގެން ހައުސިން މިނިސްޓްރީން ސިވިލް ކޯޓަށް ދިޔުމުން އެ ކޯޓުން މައްސަލަ ނިންމީ މިނިސްޓްރީ ކޮޅަށެވެ.

ސިވިލް ކޯޓުން ސެޕްޓެމްބަރު 26، 2019 ގައި ހުކުމް ކުރީ އެ ބިން 15 ދުވަހުގެ ތެރޭގައި ދައުލަތަށް ހަވާލުކުރުމަށާއި އެ ބިން ހަވާލުކުރާ ދުވަހާ ހަމައަށް ބަދަލެއްގެ ގޮތުގައި އިތުރަށް އަރަމުންދާ ކުއްޔާއި ޖޫރިމަނާގެ ފައިސާގެ ގޮތުގައި 1،149،271ރ. 30 ދުވަހުގެ ތެރޭގައި ދެއްކުމަށެވެ.

ސިވިލް ކޯޓުގެ އަމުރު ސްޓްރާޑާއިން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން އޮކްޓޫބަރު 2021, ގައި އެ ކޯޓުން ހުކުމް ކުރީ ދަށު ކޯޓުގެ ހުކުމް ދަމަހައްޓާށެވެ.

މިއަދު ސުޕްރީމް ކޯޓުން ވެސް ހުކުމް ކުރީ ހައި ކޯޓުން ކޮށްފައިވާ ހުކުމަށް ތާއިދުކޮށް އެ ނިންމުމަށް ބަދަލު ގެންނަން ނުޖެހޭ ކަމަށެވެ. އެގޮތަށް ނިންމެވީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އަގުލަބިއްޔަތުންނެވެ.

މައްސަލަ ބެއްލެވި ބެންޗުގެ ރިޔާސަތުގައި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު އިންނެވިއިރު ދެން ތިއްބެވީ ފަނޑިޔާރު އަލީ ރަޝީދު ހުސައިންގެ އިތުރުން ފަނޑިޔާރު މުހައްމަދު އިބްރާހިމް އެވެ.

ހައިކޯޓުގެ ހުކުމަށް ތިން މަސް ދުވަސް ފާއިތުވިފަހުން، ހައުސިން މިނިސްޓްރީން ތަން ހުސްކުރަން ސްޓްރާޑާއަށް އެންގީ ޖެނުއަރީ 17, 2022 ގަ އެވެ. އެފަހަރު ދިން 25 ދުވަހުގެ މުއްދަތު ހަމަވެފައިވާއިރު އަދިވެސް އެތަން ހުސްކޮށްފައި ނުވެ އެވެ.