Advertisement

ސަރުކާރުން ބޭނުންވި ސާފު މެޖޯރިޓީ ދީފި، ދެން ބަހަނާއެއް ނެތް

21 އޭޕްރީލް 2024 - 21:41 0

އަމަން ހަލީމް

އަމަން ހަލީމް


ސަރުކާރުން ބޭނުންވި ސާފު މެޖޯރިޓީ ދީފި، ދެން ބަހަނާއެއް ނެތް

21 އޭޕްރީލް 2024 - 21:41 0

"ރައްޔިތުންނަށް ބޭނުންވަނީ ރައްޔިތުންގެ ތަރައްގީ ލިބިގެންދާން. ރައްޔިތުންގެ އުންމީދުތަކުގައި ކުލަޖެހިގެން ދާން. ހަގީގަތް އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ. އެހެންވީމާ، ތަރައްގީ ލިބިގެން ގޮސް، އަޅުގަނޑުމެންގެ ގައުމުގައި ރައްޔިތުން އެދޭފަދަ ހަމަޖެހުން ގާއިމުވެގެންދާން ރައްޔިތުން ބޭނުންވާނީ. މިކަމަށް ދެއްވޭނެ އެއްބާރުލުމެއް ކަމުގައި ވާނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މިކަންކަމަށް އެއްބާރުލުން ދޭނެ މެންބަރުންތަކެއް މަޖިލީހުގައި ތިބުން."

މިއީ މަޖިލިސް އިންތިހާބުގައި ވޯޓު ލާން ހަފުތާއަކަށް ވެފައި ވަނިކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފ. ނިލަންދޫ ރައްޔިތުންނާ މުހާތަބު ކުރައްވާ ވިދާޅުވި ވާހަކައެކެވެ. މުޅި ކެމްޕެއިނުގެ ތެރެއިން ވެސް ރައީސް އާއި މި ސަރުކާރުން ރައްޔިތުންނަށް ވިއްކި މެސެޖަކީ މިއީ އެވެ. ސަރުކާރުގެ ތަސައްވުރު ހަގީގަތަކަށް ހަދައި ދޭން މަޖިލިސް ބޭނުންވާ ކަމަށެވެ.

ރައްޔިތުންގެ އަޑު އިއްވައިފި އެވެ. އެހީ ރައީސް އާއި ސަރުކާރުގެ އަޑެވެ. އެ އަޑު އަހައި ރައްޔިތުން މިވަނީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 93 ގޮނޑީގެ ތެރެއިން ޕީއެންސީ އާއި ސަރުކާރުގެ ކެންޑިޑޭޓުންނަށް މެޖޯރިޓީ ގޮނޑި ދީފަ އެވެ. މިއީ ފެހި ގާނޫނު އަސާސީ ވުޖޫދުވެ، މިހާރު އޮތް ގޮތަށް މަޖިލިސް އެކުލަވާލެވުނު ފަހުން އެއް ޕާޓީއަކަށް ލިބުނު އެންމެ ބޮޑު މެޖޯރިޓީ އެވެ. ގާނޫނު އަސާސީއަށް ބޭނުންވާ ބަދަލެއް ފަސޭހައިން ގެނެވޭ ވަރުގެ ބޮޑު މެޖޯރިޓީއެކެވެ.

މިއީ ބޮޑު މޮޅެކެވެ. ސަރުކާރުގެ މެނިފެސްޓޯއަށް ރައްޔިތުން އާނ ބަސް ބުނެ، ސަރުކާރަށް ރައްޔިތުންގެ ފުރިހަމަ އިތުބާރު އޮތް ކަމުގެ ފެހި ސިންގަނަލެކެވެ. ދިވެހީންގެ ރާއްޖެއަށް ގެންގުޅޭ ތަސްވުރު ރައްޔިތުން ގަބޫލުކޮށް، ސަރުކާރާއި ގުޅިގެން ރައްޔިތުން ކުރިއަށް ދާން ބޭނުންވާ ކަމާ މެދު އެއްވެސް ދެބަސްވުމެއް ނެތެވެ. ރައްޔިތުންގެ މިކުރި އިތުބާރާއެކީ، ސަރުކާރުން ހެޔޮ ވެރިކަމެއް ކޮށްދިނުމުގެ ޒިންމާ ބޮޑުވެއްޖެ އެވެ.

ސަރުކާރުން ރައްޔިތުން ގާތު ބުނީ ބޭނުންވާ ދުވެލީގައި ކަންކަން ކުރަން އޮތް ހުރަހަކީ އެއްބާރުލުން ދޭނެ މަޖިލީހެއް ނެތުން ކަމަށެވެ. ރައްޔިތުން މިވަނީ ސަރުކާރަށް އެ ހުރަސް ނައްތާލަދީފަ އެވެ. ގާނޫނު އަސާސީ އާއީ ގާނޫނުތައް ބަދަލުކުރާން ޖެހުނަސް އެއޮތީ އެ ފުރުސަތު ތައްމިނަށް ދީފަ އެވެ. ޒިންމާ ބޮޑީ މިހެންވެ އެވެ.

ސަރުކާރަށް މި ލިބުނު ބާރާއެކީ އެހެން ކަމެއް ވެސް ހަނދާން ކުރަން ޖެހެ އެވެ. ސުޕަ މެޖޯރިޓީއަކީ ކުރިން ވެސް ރައްޔިތުން ކޮށްފައިވާ ތަޖުރިބާއެކެވެ. މިފަހަރުގެ އިންތިހާބުގެ ނަތީޖާއިން ހާމަވަނީ ރައްޔިތުންނަށް އެންމެ ފަހުން ދިން ސުޕަ މެޖޯރިޓީގެ ތަޖުރިބާ ފޮނި ނޫން ކަމެވެ. ސަބަބު ކިޔައިދޭނަމެވެ.

މި ނިމެމުންދާ މަޖިލީހަކީ ސަރުކާރު ހިންގަން އޮތް އެމްޑީޕީއަށް ސުޕަ މެޖޯރިޓީ ރައްޔިތުންގެ ދިން މަޖިލީހެކެވެ. އެ މަޖިލީހުގައި ކަން ހިނގައި ދިޔަ ގޮތުގެ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތެވެ. އެ މަޖިލީހާ މެދު ރައްޔިތުން ހިތްހަމަނުޖެހޭކަން ނިމުނު ރިޔާސީ އިންތިހާބުގެ ނަތީޖާއިން ހީވީ ނަމަ، މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުން އެކަން ކަށަވަރުވެއްޖެ އެވެ.

ސަރުކާރަށް ވެރިކަމުގެ ނިޒާމުގެ ތެރޭގައި އޮތް ދެ ބާރާއި އެކީ ތިންވަނަ ބާރު ކަމުގައިވާ ޖުޑީޝަރީއާ މެދު ގޮތް ނިންމުމުގެ ބާރު ވެސް ލިބުނީ އެވެ. ގައުމުގެ ހުރިހާ ކަމެއްގައި ގޮތް ނިންމުމުގެ ފުރިހަމަ އާރާއިބާރު، ރައީސް ބޭނުންފުޅުވީ ގޮތަށް، ރައްޔިތުން ދީފި އެވެ. ރައްޔިތުން މިދިން އިތުބާރާ އެކީ ދެން ސަރުކާރަކަށް ދެއްކޭނެ އެއްވެސް ބަހަނާއެއް ނެތެވެ. ބަހަނާ ދެއްކިޔަސް، ރައްޔިތުން އެ އަޑު ނާހާނެ ކަން ވެސް ވަރަށް ސާފެވެ.