Advertisement

ައައިޕީއެލް: ބަޓްލާގެ ސައްތައާ އެކު ރާޖަސްތާނުން ކަލްކަތާ ބަލިކޮށްފި

17 އޭޕްރީލް 2024 - 08:16 0


ައައިޕީއެލް: ބަޓްލާގެ ސައްތައާ އެކު ރާޖަސްތާނުން ކަލްކަތާ ބަލިކޮށްފި

17 އޭޕްރީލް 2024 - 08:16 0

ކަލްކަތާ، އިންޑިއާ (އޭޕްރީލް 17) - ފަހު ބޯޅައިން ލަނޑު ހަދައި، ޖޯޝް ބަޓްލާގެ ސައްތައާ އެކު، ރާޖަސްތާން ރޯޔަލްސް އިން އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގައި ރޭ ދެ ވިކެޓުން، ކަލްކަތާ ނައިޓް ރައިޑާސް ބަލިކޮށްފި އެވެ.

މި މޮޅާ އެކު، އައިޕީއެލްގެ ތާވަލު ކުރީގައި ރާޖަސްތާން މި ވަގުތު އޮތީ ހަތަރު ޕޮއިންޓުގެ ލީޑަކާ އެކު އެވެ. ދެ ވަނައިގައި އޮތް ކަލްކަތާ އާއި ތިން ވަނައިގައި އޮތް ޗެންނައި ސުޕަ ކިންގްސް އަދި ހަތަރެއްގައި އޮތް ސަންރައިޒާސް ހަައިދަރުއާބާދަށް ވަނީ އަށް ޕޮއިންޓް ލިބިފަ އެވެ. ތިން ޓީމު ރޭންކިން ކަނޑައަޅާފައިވަނީ ނެޓް ރަން ރޭޓަށް ބަލައިގެންނެވެ.

އެޑެން ގާޑެންސްގައި ރޭ ކުޅުނު މެޗުގައި ރާޖަސްތާނަށް ޓޮސް ދިމާވުމުން އެ ޓީމުން ނިންމީ ފީލްޑް ކުރާށެެވެ. ކަލްކަތާ އިން ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި ހަ ކުޅުންތެރިން ނުބައިވެގެން 223 ލަނޑު ހެދި އެވެ.

މި ފަހަރުގެ މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ކަލްކަތާގެ ސުނިލް ނާރައިން ވަނީ ސައްތައެއް ހަދައިފަ އެެވެ. އެ ގޮތުން، ނާރައިން ވަނީ 56 ބޯޅައިން 109 ލަނޑު އެއްކޮށްފަ އެވެ. އޭނާގެ ވިކެޓް ނެގީ، ޓްރެންޓް ބޯލްޓް އެވެ.

މި އިނިންގްސްގައި، ރާޖަސްތާންގެ އަވޭޝް ހާން އާއި ކުލްދީޕް ސެން ވަނީ ކޮންމެ ކުޅުންތެރިއަކު ދެ ވިކެޓް ނަގައިފަ އެވެ.

ޖަވާބުގައި ކުޅެން އަރައި، ރާޖަސްތާން މޮޅުވީ 20 އޯވަރުގެ ތެރޭގައި އަށް ކުޅުންތެރިން ނުބައިވިއިރު، 224 ލަނޑު ހަދައިގެންނެވެ. އެންމެ ރަނގަޅު ކުޅުމެއް ދެއްކީ ނުބައިނުވެ، 60 ބޯޅައިން 107 ލަނޑު ހެދި، އިންގްލެންޑްގެ ޓެސްޓް ޓީމު ކެޕްޓަން ބަޓްލާ އެވެ. ރާޖަސްތާން މޮޅުވީ ފަހު ބޯޅައިގައި ބަޓްލާ އެއްކުރި ލަނޑުންނެވެ.

އައިޕީއެލްގައި މިރޭ އޮތީ ގުުޖުރާތު ޓައިޓަންސް އާއި ދިއްލީ ކެޕިޓަލްސް ބައްދަލުކުރާ މެޗެވެ.