Advertisement

ވަޒީފާގެ ބިރު ދައްކަން ގޮވާލި މެންބަރަށް "އަޅާހާ ފިޔަވަޅަކީ" މީޑިއާއަށް ހާމަކުރަން ޖެހޭ މައުލޫމާތެއް ނޫން: ހީނާ

15 އޭޕްރީލް 2024 - 13:46 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ޕީއެންސީގެ ތަރުޖަމާނު ހީނާ ވަލީދު : އޭނާ ވިދާޅުވީ "އަޅާހާ ފިޔަވަޅަކީ" މީޑިއާއަށް ހާމަކުރަން ޖެހޭ ކަމެއް ނޫން - ފޮޓޯ: އިޔާދު / އަދަދު


ވަޒީފާގެ ބިރު ދައްކަން ގޮވާލި މެންބަރަށް "އަޅާހާ ފިޔަވަޅަކީ" މީޑިއާއަށް ހާމަކުރަން ޖެހޭ މައުލޫމާތެއް ނޫން: ހީނާ

15 އޭޕްރީލް 2024 - 13:46 1

މިފްކޯއިން ޅ. ފެލިވަރުގައި ހިންގާ މަސް ފެކްޓްރީގައި މަސައްކަތް ކުރާ އިދިކޮޅު ފަރާތްތަކަށް ވަޒީފާގެ ބިރު ދައްކަން ގޮވާލި މެންބަރަށް އަޅާހާ ފިޔަވަޅަކީ މީޑިއާތަކަށް ހާމަކުރަން ޖެހޭ މައުލޫމާތެއް ނޫން ކަމަށް އެ ޕާޓީގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެ އެވެ.

ފެލިވަރު މުވައްޒަފުންނަށް ބިރު ދައްކަން، ހިންނަވަރުގައި ބޭއްވި ޖަލްސާގައި ޕީއެންސީގެ ޕޯޑިއަމްގައި ވާހަކަ ދައްކަމުން އެ ޕާޓީގެ މެންބަރު އަހުމަދު އަބްދުއްރަހުމާން (ހަންޓާ އަހުމަދު) ގޮވާލީ މިދިޔަ ހުކުރު ދުވަހެވެ. މި މައްސަލަ މިހާރު ދަނީ އީސީއިން ވެސް ބަލަމުންނެވެ.

އަހުމަދާއެމު އެއްވެސް ފިޔަވަޅެއް އަޅާފައިވޭތޯ މިއަދު ސުވާލުކުރުމުން، ހީނާ ފުރަތަމަ ވިދާޅުވީ ހިންނަވަރުގައި ވާހަކަ ދެއްކީ ޕާޓީގެ އާންމު މެންބަރެއް ކަމަށާއި "އެ އޮންނަ އުސޫލުގެ ތެރެއިން އެކަމަށް ވަނީ އެޓެންޑުވެފަ" ކަމަށެވެ.

އޭނާއަށް އެޅީ ކޮން ފިޔަވަޅެއްތޯ ތަކުރާރުކޮށް އެހުމުން ހީނާ ވިދާޅުވީ އެއީ ކޮންމެހެން މީޑިއާއަށް ހާމަކުރަން ޖެހޭ މައުލޫމާތެއް ނޫން ކަމަށެވެ.

"ދެން އަޅާހާ ފިޔަވަޅަކީ ހުރިހާ ކަންކަން މީޑިއާއަށް ހާމަކުރަން ޖެހޭ ކަމެއް ނޫން، މީޑިއާތަކަށް ހާމަކުރަން ޖެހޭ ކަމެއް ވާނަމަ އެކަން ޕާޓީއިން ހާމަ ކުރާނެ،" ޕީއެންސީގެ މީޑިއާ ގްރޫޕުގައި ހީނާ ލިޔުއްވާފައިވެ އެވެ.

ހުކުރު ދުވަހުގެ ރޭގެ ޖަލްސާގައި އަހުމަދު ބުނީ ފެލިވަރުގައި މަސައްކަތްކުރާ އިދިކޮޅު ފަރާތްތަކަށް ސަރުކާރުން ގުޅައިގެން އެއްބާރުލުން ދިނުމަށް އަންގަން ޖެހޭ ކަމަށާއި އެއްބާރުލުން ނުދީފިނަމަ ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.

ވަޒީފާގެ ބިރު ނުދައްކައިފި ނަމަ ހިންނަވަރު ދާއިރާގެ ގޮނޑި ކާމިޔާބުކުރަން އުނދަގޫވާނެ ކަމަށާއި މިނިސްޓަރުގެ އަރިހުން އެދެނީ ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ދަންނަވައިގެން ނަމަވެސް ފެލިވަރުގައި މަސައްކަތް ކުރާ މީހުން ކޮންޓްރޯލް ކުރެވޭނެ ބާރެއް ކެންޑިޑޭޓަށް ދިނުމަށް ކަމަށް އަހުމަދު ބުންޏެވެ.

މިކަމާ ގުޅިގެން އީސީގެ ސެކްރެޓަރީ ޖެނެރަލް އަދި މެންބަރު ހަސަން ޒަކަރިއްޔާ މިއަދު މި ނޫހާ ވާހަކަ ދައްކަވަމުން ވިދާޅުވީ އިންތިހާބާ ދިމާކޮށް ވަޒީފާގެ ބިރުދެއްކި އެ މައްސަލަ އީސީއަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އާންމު ފަރާތަކުން ހުށަހެޅި އެ މައްސަލަ މިހާރު ބަލަން ފަށާފައިވާ ކަމަށާއި މައްސަލަ ބެލުމަށްފަހު ފިޔަވަޅު އަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިފަދަ މައްސަލަތަކުގައި އަމަލު ކުރާ ގޮތަކީ, މައްސަލަ ބެލުމަށްފަހު ސާބިތުވާ ނަމަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައި, ދައުވާ ކުރުމެވެ.