Advertisement

ކޮލަމާފުށިން؛ ހަތްބުރި ކަލޭފާނުގެ ޒިޔާރަތަށް ނަދުރު ބުނުން

16 އޭޕްރީލް 2024 - 07:13 1

މަހްފޫޒް ސައީދު

މަހްފޫޒް ސައީދު


ކޮލަމާފުށިން؛ ހަތްބުރި ކަލޭފާނުގެ ޒިޔާރަތަށް ނަދުރު ބުނުން

16 އޭޕްރީލް 2024 - 07:13 1

ކޮލަމާފުށީގައި ވެސް އާސާރީ ބިނާތަކާއި، ތާރީހީ ސިއްރުތައް އެބަހުއްޓެވެ. އެކަން އެނގެނީ ކޮލަމާފުށި ދަންނަ މީހުންނާ ވާހަކަ ދައްކާލީމަ އެވެ. ރައްކާތެރިކަމާއެކު ބަލަހައްޓަމުންދިޔަ އެތައް ބިނާއެއް ވީރާނާވާން ދޫކޮށްލީ 1980 ގެ ތެރޭގައި، އޭރުގެ ސަރުކާރުގެ އެންގެވުމަކަށެވެ. އެ ތަންތަނާ ގުޅިފައި އޮތް ބިދުއަވެރި އަމަލުތަކާ ގުޅިގެން އޭރުގެ ސަރުކާރަށް ފެނުނު އެންމެ ރަނގަޅު ހައްލަކީ އެތަންތަން ނައްތާލުމެވެ. އެ އާސާރުތަކުގެ އަގު އޭރުގެ ސަރުކާރަށް ނުވިސްނުނީ އެވެ.

ކޮލަމާފުށީގައި ހުރި އާސާރީ ބިނާތަކުގެ ތެރެއިން އެއް ބިނާއަކީ ހަތްބުރިކަލޭފާނު ޒިޔާރަތެވެ. މިހާރު ވީރާނާވެފައިވާ އެ ސަރަހައްދު އަދިވެސް ފެންނާން އެބަހުއްޓެވެ.

މާ އިހުޒަމާނެއްގައި ކޮލަމާފުށްޓަށް އިންސާނެއްގެ ހަށިގަނޑުގެ ބައެއް ލެއްގި އެވެ. މިއީ އޭރުގެ ރާއްޖޭގައި ދިރިއުޅުނު މީހުންނަށް އާދައިގެ ކަމަކަށް ނުވާނެ އެވެ. އެކަމާ ގުޅިގެން ރަށުތެރޭގައި އުފެދުނު ބިރުވެރިކަމާއެކުވެސް، ހިތްވަރުދަގަ ރައްޔިތުން ނުކުމެ ކަށުކަމާކެމީގެ ކަންކަންކޮށް، ރަށަށް ލެއްގި ބައި ރަށުގައި ވަޅުލައިފި އެވެ. އޭގެ ފަހުން ހަބަރު ލިބުނު ގޮތުގައި އަތޮޅުގެ ހަތް ރަށަކަށް އެ ހަށިގަނޑުގެ އެކިބައިތައް ލެއްގި އެވެ. އޭގެ ތެރޭގައި ހުނަދޫއާއި މަހައްދޫއާއި ކުރިކޭމާފުށްޓާއި ދިގެމާފުށި ހިމެނެ އެވެ. އެ ޒިޔާރަތަށް ހަތްބުރި ކަލޭފާނު ޒިޔާރަތޭ ކިޔުނީ އެހެންވެގެންނެވެ.

ރަށުގައި ވަޅުލެވުނު ބައި އެއީ ވަލީވެރިއެއްގެ ހަށިގަނޑުގެ ބައެއް ކަމުގައި ދެކެން ފެށީ ކޮން ޒަމާނެއްގައި ކިހިނެއްވެގެން ކަމެއް އެނގޭ މީހަކު ނެތެވެ. ކޮލަމާފުށީގައި ވަޅުލެވިފައި އޮތީ ވަލީވެރިބޭކަލެއް ކަމަށް ދެކެން ފެށުނީ ކިހިނެއްވެގެންތޯ ސުވާލުކުރުމުން ކޮލަމާފުށީ އެސްޕީވިލާ އަލީ ޒާހިރު ވިދާޅުވީ 'އެއީ ޝައިތާނާގެ ވަސްވާސް ނޫން ކަމަކަށް ނުވާނެ' ކަމަށެވެ. ވަލީވެރިއަކަށްވެގެން އެ ޒިޔާރަތަށް މާބޮޑު ހުރުމަތެއް ދޭންޖެހުނު ސަބަބެއް އެއްގޮތަކަށްވެސް އެނގިވަޑައިނުގަންނަވާކަމަށް އަލީ ޒާހިރު ވިދާޅުވި އެވެ.

އަލީ ޒާހިރުގެ ކުޑައިރުގެ ހަނދާންތައް އާކުރަމުން ވިދާޅުވީ، އޭރު އޭނާ ގުރުއާން ކިޔަވަން ދަނީ ވަލުގެއަށް ކަމަށެވެ. އެ ގެއަށް ދެވޭނީ 'ނެރެބެއާ ކޮޓީ މަގުން' ލާފަ އެވެ. އަލީ ޒާހިރު އެ ވިދާޅުވި މަގަށް ނަން ދެވިފައި އެވަނީ ލ.ފޮނަދޫ މީހަކަށް ނިސްބަތްކޮށެވެ. އޭނާއަށް ކޮލަމާފުށީ މީހުން ކިޔައި އުޅުނީ 'ނެރެބެއާ' ނުވަތަ 'ނުރަބެ' އެވެ. މި ނެރެބެއާ އަކީ މިހާރު ރައީސް އޮފީހުގެ އިސް ވަޒީރު އަބްދުއްރަހީމްގެ މާފަ ކަމަށް އަލީ ޒާހިރު ވިދާޅުވި އެވެ. ގާތްގަނޑަކަށް ތިނެއް ނުވަތަ ހަތަރު އަހަރު ވަންދެން ނެރެބެއާ ކޮލަމާފުށީގައި އުޅުނުއިރު، އެ މަގަކީ އޭނާގެ މަސައްކަތުން ކޮށައި ތައްޔާރުކުރި މަގެކެވެ. އެހެންވެ އެމަގަށް 'ނެރެބެއާ ކޮޓީ މަގާ' ނުވަތަ 'ނުރަބެ ކޮށި މަގު' ގެ ނަމުން ނަން ދެވުނީ އެވެ.

އަލީ ޒާހިރު ވިދާޅުވާ ގޮތުން އޭނާ ހަނދާން ހުންނަން ފެށީއްސުރެ ހަތްބުރިކަލޭފާނު ޒިޔާރަތަކީ ހުރުމަތްތެރި ތަނެކެވެ. މަސްވެރިކަން ރަނގަޅުކުރުމަށާއި، އެ ނޫން ބޭނުންތަކަށް ނަދުރުބުނެ، ކަންވެރިކަން ކުރުމަށް މާ ދުރު ހިސާބުތަކުންވެސް ކޮލަމާފުށްޓަށް މީހުން އައިސް އުޅުނެވެ. މިކަންކަމުގައި އެހީތެރިވެދީ ހަދަނީ ކޮލަމާފުށީގައި އޭރު ވަޒަންވެރިވެގެން އުޅުނު މުލަކު ކުދުބެއްޔާ ކިޔާ މީހެކެވެ. އޭނާ ކައިރިއަށް އެކި ކަންކަމުގެ ފަރުވާއަށް އަންނަ މީހުންގެ ތަކުލީފުތަކަށް ފަރުވާ ދޭން އޭނާ މި ޒިޔާރަތަށް ކިޔަވަން ދެ އެވެ. މިގޮތަށް ދާއިރު އެހީތެރިންގެ ގޮތުގައި ގެންދާނީ އެދުރުގޭގައި ކިޔަވާ ކުދިންގެ ތެރެއިން ފަރިތަކޮށް ގުރުއާން ކިޔަވާ ކުދިންނެވެ. މީގެ ތެރޭގައި އަލީ ޒާހިރު ހިމެނިވަޑައިގަންނަވަ އެވެ.

މި މުލަކު ކުދުބެއްޔާ ޒިޔާރަތަށް ކިޔަވަންދާއިރު އަލީ ޒާހިރު ކަހަލަ ދެތިން ކުއްޖަކު ގެންދާނެ އެވެ. ގެންދާ ކުދިންގެ ތެރެއިން ބައެއް ކުދިން މީނާގެ ފަހަތުގައި ކިޔަވަން ތިބޭއިރު، ބައެއް ކުދިން ސިއްރުސިއްރުން ގޮސް ޒިޔާރަތުގެ ފަހަތަށް ވަދެ، ހިތްތަލަ ގަހު މަދު ނަގައިގެން، އޭގައި އަލިފާން ރޯކޮށްގެން ދައްކާނެ އެވެ. އެކުދިން ފިލައި ތިބޭތީ ފެންނާނީ 'އަލިގުޅަ' އެކަންޏެވެ. އެ އަލިގުޅަ ފެނުމާއެކު މުލަކު ކުދުބެއްޔާ ކިޔެވުން ހަލުވިކޮށް އޭނާ ގެންގުޅޭ ރުމާ އެ އަލިގުޅައާ ދިމާލަށް ވިހުރުވާލާނެ އެވެ. އެއާއެކު އެ އަލިފާންކޮޅު ނިވުމުން ކުދުބެއްޔާ ހީކުރާނީ އޭނާގެ ކިޔަވައި ބިރދައްކާލުމުން 'އަލިގުޅަ' ފިލީ ކަމަށެވެ. އަސްލު ވީ ގޮތް އެނގޭނީ އަލީ ޒާހިރުއާއި އޭނާއާއެކު އެތަނަށް ގޮސް އުޅުނު ލާނެތް ކުދިންކޮޅަށް އެކަންޏެވެ.

އެ ޒިޔާރަތުގެ ހުރުމަތާއި ހަގީގަތަކީ އޭރުވެސް އަލީ ޒާހިރުމެން ޖީލުގެ ޅަކުދިންނަށް ވަންހަނާވެފައި އޮތް ކަމެއް ނޫނެވެ. އެ ޒިޔާރަތަށް ނަދުރު ބުނެ އުޅުނީ އެ ޒަމާނުގެ ހަރު މީހުންނެވެ. އަލީ ޒާހިރު ވިދާޅުވާ ގޮތުން، ރައީސް އިބްރާހީމް ނާސިރުގެ ދައުރުގެ ފަހުކޮޅަށް އެޅިއިރު އެ ޒިޔާރަތަށް ނަދުރުބުނުން އެކީއެކަށްހެން އޮތީ ހުއްޓިފަ އެވެ. އޭރު ދިޔައީ އެ ހޭލުންތެރިކަން އުފެދެމުންނެވެ. އެ ޒިޔާރަތަކީ މާބޮޑު ދަންނަ ބޭކަލެއްގެ ޒިޔާރަތެއް ކަމުގައި ދެކިގެން އޭރުގެ ޒުވާނުންނެއް ނޫޅެ އެވެ.

ހަތްބުރި ކަލޭފާނު ޒިޔާރަތުގެ އިތުރުންވެސް އިތުރު ޒިޔާރަތްތައް ކޮލަމާފުށީގައި ހުއްޓެވެ. ކޮލަމާފުށީ ރައްޔިތުންގެ އިންޖީނުގެ ހުރި ބިމުގައިވެސް ޒިޔާރަތެއް ހުއްޓެވެ. މިހާރު އެ ހުރި ޓްރާންސްފޯމަރުތައް ބަހައްޓާފައި އެހުރީ އެ ޒިޔާރަތް ހުރި ތަނުގަ އެވެ.

ހަތްބުރި ކަލޭފާނު ޒިޔާރަތުން މިހާރު ފެންނާން ހުރީ ޒިޔާރަތުގެ ފާރުން ބައެއް އެކަންޏެވެ. އެހެންނަމަވެސް އެ ސަރަހައްދަކީ ކޮބައިކަން އެނގެން އެބައޮތެވެ. އެ ޒިޔާރަތް އިހުގައި ހުރި ގޮތް އޮޅުން ފިލުވައިގެން ތާރީހީ ހަނދާނެއްގެ ގޮތުގައި އެތަން އަލުން ބިނާކޮށް ބެލެހެއްޓުމަކީ މިހާރުވެސް ކުރެވިދާނެ ކަމެކެވެ. ދިރުވަން ބޭނުންވަނީ އެތަނާ ގުޅިފައި އޮތް ބިދުއަވެރި އާދައެއް ނޫނެވެ. ކޮލަމާފުށީގެ ތާރީހެވެ. އަދި އެތަނާ ގުޅިފައިހުރި ވާހަކަތަކާއި ހަނދާންތަކެވެ.