Advertisement

ޝަރީއަތް ލަސްވާ މައްސަލަ ރައީސް މުއިއްޒު ހުށަނާޅުއްވަނީ ކީއްވެތޯ ޔާމީން ސުވާލު އުފައްދަވަައިފި

15 އޭޕްރީލް 2024 - 09:59 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލުކުރި ދުވަހު އޭރުގެ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެމަނިކުފާނުގެ އަރިހުގައި. ފޮޓޯ:މުހައްމަދު ޝާބިން/އަދަދު


ޝަރީއަތް ލަސްވާ މައްސަލަ ރައީސް މުއިއްޒު ހުށަނާޅުއްވަނީ ކީއްވެތޯ ޔާމީން ސުވާލު އުފައްދަވަައިފި

15 އޭޕްރީލް 2024 - 09:59 0

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް ހައިކޯޓުގައި އިސްތިއުނާފުކުރުމުން ފެށި ޝަރީއަތް ނުނިމި ލަސްވާ މައްސަލަ، ރައީސް ޑރ. މުހައްމަދު މުއިއްޒު، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށާއި ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހުށަނާޅުއްވަނީ ކީއްވެތޯ ޔާމީނު ރޭ ވިދާޅުވެއްޖެ އެވެ.

މަނީލޯންޑާ ކުރުމާއި ރިޝްވަތު ހިފުމުގެ ކުށުގައި ޔާމީނަށް އިއްވާފައިވާ ޖަލުހުުކުމް ހައިކޯޓުގައި އިސްތިއުނާފުކުރުމުން ފެށި ޝަަރީއަތުގެ ހުރިހާ އަޑުއެހުމެއް އޮތީ ނިމިފަ އެވެ. އެހެން ނަަމަވެސް އެ މައްސަލައިގެ ހުކުމް ކުރުން ލަސްވާތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި މުހައްމަދު އަސްލަމް ވަނީ އެ މައްސަލަ ޖޭއެސްސީއަށް ހުށަހަޅުއްވައިފަ އެވެ.

ޔާމީނުގެ އާ ޕާޓީ ޕީއެންއެފުން ރޭ ބޭއްވި ޖަލްސާގެ އޯޑިއަންސްގައި އިންނަވައިގެން ސުވާލުކުރައްވަމުން ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ޕާޓީގައި ތިއްބެވި ލީޑަރުން މަޖިލީހުގެ ރައީސް އަސްލަމަށް ރައްދު ދެއްވީމާ އުފާކުރައްވާ ކަމަށެެވެ.

"އެކަމަކު އަޅުގަނޑު ހިތަށް އަރަނީ ރައީސް މުއިއްޒު ވިދާޅުވެފައޭ އޮތީ، ތިމަންނަ ހުވާކުރާ ރަސްމިއްޔާތަށް ދާނީ ރައީސް ޔާމީނު ގޮވައިގެންނޭ، މިހާރު ވިދާޅުވަމުން އެ ގެންދަވަނީ އަދުލު އިންސާފުގެ ދާއިރާގައި އޮތް މައްސަލައެކޭ، ލަސްވަނީއޭ ލަސްވަނީއޭ،" ޔާމީނު ވިދާޅުވި އެވެ.

ލަސްވަނީ ކީއްވެކަން އެނގިވަޑަައިގަންނަވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. ލަސްވާ މައްސަލަ ސަރުކާރުން ޖޭއެސްސީއަށް ހުށަނާޅަނީ ކީއްވެތޯ ކުރެއްވި ސުވާލު އެމަނިކުފާނު އަމާޒުކުރެއްވީ ރައީސްގެ އިތުރުން ހުރިހާ ސަޕޯޓަރުންނަށެވެ.

"އަޅުގަނޑު ދިވެހި ރައްޔިތުންނާ އަދި ޕީޕީއެމް/ޕީއެންސީގައި ތިއްބެވި ބޭފުޅުންނަށާ އަދި ހާއްސަކޮށް ރާއްޖޭގެ މިވަގުތުގެ ރައީސުލް ޖުމްހޫރިއްޔާ އެއީ އަޅުގަނޑުމެންގެ ފިކުރުގައި ގެނައި ރައީސަކަށް ވާތީ ދަންނަވައިލަން ބޭނުންވަނީ، އެންމެ ރަނގަޅޭ، ޖުޑީޝަރީގައި މައްސަލަ ލަސްވާތީ އަސްލަމް އެބަ ހުށަހަޅައޭ، ޖޭއެސްސީއަށާ މަޖިލީހުގެ ޖުޑީޝަލް ކޮމިޓީއަށް، ދިވެހިރާއްޖޭގެ ސަރުކާރުގެ ފަރާތުން، މިކަން ލަސްވެގެން ދާއިރު، އަޅުގަނޑަށް އެހާ، ހެޔޮ އެދިވަޑައިގަންނަވަންޏާ ރައްޔިތުންނަށް ވިދާޅުވެބައްލަވާށޭ ރައީސް މުއިއްޒުގެ ފަރާތުން ކީއްވެގެންތޯއޭ ޖޭސްއެސީއަށް ހުށަނޭޅިގެން ތިޔަ އުޅުއްވަނީ؟" ޔާމީން ސުވާލު ކުރެއްވި އެވެ.

ޔާމީންގެ ޝަރީއަތް ލަސްވާތީ ޖޭއެސްސީއަށް އަސްލަމް ހުށަހެޅުއްވި މައްސަލައިގެ ލިޔުމުގައި ވިދާޅުވެފައި ވަނީ "ރައީސް ޔާމީންގެ އިސްތިއުނާފުގެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް ނިމި ހަތަރު މަސް ވީއިރު ވެސް، ހުކުމް ނީއްވި ލަސްވަމުން ދާތީ، މިހެން މިދިމާވަނީ، ފަނޑިޔާރުންގެ މައްޗަށް އެއްވެސް ކަހަލަ ނުފޫޒެއް އޮވެގެން، ސުލޫކީ މިންގަނޑު ނުހިފެހެއްޓިގެންތޯ ޖޭއެސްސީ އިން ބައްލަވައި ދެއްވުމަށް ހުށަހަޅަން" ކަމަށެވެ.

މި މައްސަލަ ލިބިފައިވާ ކަމަށް ޖޭއެސްސީގެ ސެކްރެޓަރީ ޖެނެރަލް އާމިނަތު ނަދާ ވިދާޅުވި އެވެ. އެ ކޮމިޝަންގެ ބައްދަލުވުމަށް އެ މައްސަލަ އެޖެންޑާ ކުރާނީ، މައްސަލަ ބަލާ ކޮމިޓީން ރިވިއު ކުރުމަށް ފަހު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.