Advertisement

ލެވަކޫސަނުން ތާރީހުގައި ލިޔެވޭ ކާމިޔާބު ހޯދުމާ ގާތުގައި

14 އޭޕްރީލް 2024 - 12:43 0


ލެވަކޫސަނުން ތާރީހުގައި ލިޔެވޭ ކާމިޔާބު ހޯދުމާ ގާތުގައި

14 އޭޕްރީލް 2024 - 12:43 0

ބާލިން، ޖަރުމަނު (އޭޕްރީލް 14) - ޖަރުމަން ލީގުގައި މިރޭ ވާޑާ ބްރޭމަންއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެއްޖެނަމަ، ބަޔާ ލޭވަކޫސަން އަށް އެ ކްލަބުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޖަރުމަން ލީގުގެ ޗެމްޕިއަންކަން ކަށަވަރުކުރެވޭނެއެވެ.

ލީގުގައި ބާކީ ހަ މެޗު އޮތްއިރު، ލޭވަކޫސަން ތާވަލްގެ އެއް ވަނައިގައި އޮތީ 16 ޕޮއިންޓްގެ ލީޑަކާއެކު އެވެ. މި ސީޒަންގައި މިހާތަނަށް ލޭވަކޫސަން ވަނީ ބަލިނުވެ 42 މެޗު ހަމަކޮށްފަ އެވެ.

ލީގުގެ ދެ ވަނައިގައި އޮތް ބަޔާން މިއުނިކުން ރޭ ވަނީ ކޮލޯން އަތުން 2-0 އިން މޮޅުވެފަ އެވެ. ރަފައެލް ގަރޭރޯ އާއި ތޯމަސް މުލާގެ ލަނޑުތަކުން ބަޔާން މި މެޗުން މޮޅުވިއިރު، ދެ ވަނައިގައި އޮތް ބަޔާނާއި ތިން ވަނައިގައި އޮތް ސްޓުޓްގާޓަށް ވަނީ 29 މެޗުން 63 ޕޮއިންޓް ލިބިފަ އެވެ. ލެވަކޫސަނުން ވަނީ 28 މެޗުން 76 ޕޮއިންޓް ހޯދައިފަ އެވެ.

މިރޭގެ މެޗުގެ ކުރިން ލޭވަކޫސަންގެ ކޯޗު ޒަބީ އަލޮންސޯ ބުނީ އޭނާ ބޭނުންވަނީ މި މެޗަށް ވެސް ފަރުވާތެރިކަމާއެކު ނިކުމެ، ރަނގަޅު ކުޅުމެއް ދައްކައި މެޗުން މޮޅުވުން ކަމަށެވެ.

"އެއް ފެންވަރެއްގައި ޓީމުގެ ކުޅުން ހިފަހައްޓައި، ރަނގަޅު ކުޅުމެއް ދައްކަން ބޭނުން. އެކަން ކުރެވޭނީ ވަރަށް ރަނގަޅަށް މެޗަށް ތައްޔާރުވެގެން،" އަލޮންސޯ ބުންޏެވެ. "މެޗަށްފަހު، އަހަރަމެންނަށް އުފާފާޅުކުރުމުގެ ފުރުސަތެއް ލިބިދާނެ. އެއީ މި ކްލަބަށް ވަރަށް ހާއްސަ ކާމިޔާބަކަށްވާނެ،"

ފާއިތުވި 11 ސީޒަންގައިވެސް ޖަރުމަން ލީގުގެ ޗެމްޕިއަންކަން ހޯދީ ބަޔާން މިއުނިކެވެ. އެކަމަކު މި ސީޒަންގައި ލޭވަކޫސަން އިން ލީގަށް އަތްގަދަކޮށްފައި އޮތް ބަޔާން ފަހަތަށް ޖައްސާލައިފައެވެ.

ފާއިތުވި 30 އަހަރު އެއްވެސް ތައްޓެއް ލޭވަކޫސަނަށް ނުލިބެ އެވެ. އެންމެ ފަހުން ލޭވަކޫސަން ހޯދި ތައްޓަކީ 1993 ވަނަ އަހަރުގެ ޖަރުމަން ކަޕެވެ. ލެވަކޫސަނުން ވަނީ ފަސް ފަހަރެއްގެ މަތިން ލީގުގެ ދެ ވަނައިގައި ނިންމައިފަ އެވެ. އެންމެ ފަހުން ދެ ވަނަ ހޯދީ 2011 ވަނަ އަހަރު އެވެ.

މި ސީޒަންގައި ތިން ތަށި ކާމިޔާބުކުރުމުގެ ފުރުސަތު ލޭވަކޫސަން އަށް އެބައޮތެވެ. ޖަރުމަން ކަޕްގެ ފައިނަލުން ލޭވަކޫސަން ވަނީ ޖާގަ ހޯދައިފަ އެވެ. އަދި ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި އެ ޓީމު ވަނީ ވެސްޓް ހޭމް އަތުން މޮޅުވެފައެވެ.