Advertisement

ގެދޮރުވެރިޔާ ލޯނަށް އެދުމުން 513 މީހަކަށް ޖުމުލަ 289 މިލިއަން ރުފިޔާ ދޫކޮށްފި

14 އޭޕްރީލް 2024 - 11:03 1

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލޭގައި އަޅާ ފްލެޓުތައް -- ފޮޓޯ: އަދަދު


ގެދޮރުވެރިޔާ ލޯނަށް އެދުމުން 513 މީހަކަށް ޖުމުލަ 289 މިލިއަން ރުފިޔާ ދޫކޮށްފި

14 އޭޕްރީލް 2024 - 11:03 1

ރަށްރަށުގައި ދިރިއުޅެން ބޭނުންވާ މީހުންނަށް ގެދޮރު އިމާރާތްކުރުމުގެ މަގުފަހިކޮށްދިނުމުގެ މަގުސަދުގައި ކުރީ ސަރުކާރުން ތައާރަފުކުރި "ގެދޮރުވެރިޔާ" ލޯނަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން 513 ފަރާތެއްގެ އެޕްލިކޭޝަން ބަލައިގަނެ ލޯނު ދޫކޮށްފައިވާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ފައިނޭންޝަލް ކޯޕަރޭޝަން (އެޗްޑީއެފްސީ) އިން ބުނެފި އެވެ.

ބަޖެޓުގައި އެކަށައެޅިފައިވާ އަދަދަށް ގެދޮރުވެރިޔާ ލޯނު ސްކީމުގެ ދަށުން ލޯނު ދޫކޮށް ނިމިފައިވާކަމަށް އެޗްޑީއެފްސީން ބުނެ އެވެ.

އެޗްޑީއެފްސީން "އަދަދު"އަށް ހިއްސާކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން ޖުމުލަ 852 މީހަކު އެ ލޯނު ސްކީމަށް ހުށަހަޅާފައިވެ އެވެ. އޭގެ ޖުމުލަ 531،303،785.13 (531 މިލިއަން) ރުފިޔާއަށް އަރަ އެވެ.

އޭގެ ތެރެއިން މިހާތަނަށް އެޕްރޫވް ކޮށްފައިވަނީ 513 އެޕްލިކޭޝަނެވެ. އެއީ, ޖުމުލަ 289،912،496.80 (289 މިލިއަން) ރުފިޔާ އެވެ. ޖުމުލަ 275 މީހުންގެ އެޕްލިކޭޝަން، 175 މިލިއަން ރުފިޔާ ރިޖެކްޓް ކޮށްފައިވާއިރު، 65 ފަރާތެއްގެ އެޕްލިކޭޝަން، 37 މިލިއަން ވަނީ ކެންސަލް ކޮށްފަ އެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުރަތަމަ ދޫކުރީ މީހަކަށް ހަތް ލައްކަ ރުފިޔާ އެވެ. ނަމަވެސް އެ އެދަދު އެއް މިލިއަން ރުފިޔާއަށް އިތުރުކޮށް، އިންޓްރެސްޓް ފަސް ޕަސެންޓަށް ވުރެ ތިރިކުރަން މިދިޔަ ޖެނުއަރީ މަހު ސަރުކާރުން ނިންމި އެވެ.

ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ލުއި ލޯނުތަކެއް ތައާރަފުކުރަން މި ސަރުކާރުން ވެފައިވާ ވައުދުގެ ދަށުން ހިންގާ "ހިޔާވެހި ފައިނޭންސް ސްކީމް" ގެ މަސައްކަތް ވެސް ވަނީ އެޗްޑީއެފްސީއާ ހަވާލުކޮށްފަ އެވެ.

ސްކީމުގައި ހިމެނެނީ އަތޮޅުތެރޭ ރަށްތަކަށް ހާއްސަ ސްކީމާއި ގްރޭޓާ މާލޭ ސަރަހައްދާއި މި ސަރުކާރުން ކަނޑައަޅާފައިވާ އާބަން ސެންޓަރުތަކަށް ހާއްސަ ސްކީމެވެ.

އެގޮތުން ރަށްރަށުގައި ގެދޮރު އިމާރާތްކުރަން ގިނަވެގެން ލިބެނީ އެއް މިލިއަން ރުފިޔާ އެވެ. މާލެ ސަރަހައްދާއި އާބަން ސެންޓަރުތަކުގައި ގެދޮރު އިމާރާތްކުރަން ތިން މިލިއަން ރުފިޔާއާ ހަމައަށް ލިބެ އެވެ.

އެޗްޑީއެފްސޯީން ބުނީ މި ސްކީމާ ގުޅޭ އިތުރު ތަފުސީލުތައް ކުރިއަށް އޮތް ތަނުގައި ހިއްސާކުރާނެ ކަމަށެވެ.