Advertisement

ޔަމާލަށް މަލާމަތްކުރި ޓީވީ ޕަންޑިޓަކު ވަޒީފާއިން ވަކިކޮށްފި

12 އޭޕްރީލް 2024 - 11:49 0


ޔަމާލަށް މަލާމަތްކުރި ޓީވީ ޕަންޑިޓަކު ވަޒީފާއިން ވަކިކޮށްފި

12 އޭޕްރީލް 2024 - 11:49 0

ބާސެލޯނާ (އޭޕްރީލް 12) - ބާސެލޯނާގެ ޒުވާން ތަރި، ލަމީން ޔަމާލް އަށް އިހުތިރާމް ކުޑަކޮށް މަލާމަތް ރައްދުވާ ގޮތަށް ވާހަކަދެެއްކި ޓީވީ ޕަންޑިޓަކު ވަޒީފާ އިން ވަކިކޮށްފި އެވެ.

ސްޕެއިނުގެ ޓީވީ ސްޓޭޝަން، މޯވިސްޓާ އަށް ޕަންޑިޓެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ އާޖެންޓީނާގެ ކުރީގެ ކުޅުންތެރިޔާ، ޖާމަން ބާގޯސް ވަނީ، ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ އާއި ބާސެލޯނާ ކުޅުނު މެޗުގެ ކަވަރޭޖްގެ ތެރެއިން ޔަމާލާ ބެހޭގޮތުން ވާހަކަ ދައްކައިފަ އެެވެ.

އެ ގޮތުން، ބާގޯސް ވާހަކަ ދައްކަމުންދިޔައިރު، ޔަމާލް އަކީ ރަނގަޅު ކުޅުންތެރިއަކަށް ނުވިނަމަ ޓްރެފިކް ލައިޓް ކައިރީގައި ސަލާން ޖަހާ ކުއްޖެއްގެ ގޮތުގައި އޭނާ ފެނުން އެކަށީގެންވާ ކަމަށް ވަނީ ބުނެފަ އެވެ.

އާޖެންޓީނާ ގައުމީ ޓީމަށް 35 މެޗު ކުޅެފައިވާ ބާގޯސް ދެއްކި މި ވާހަކައާ ހެދި، ޕީއެސްޖީ އާއި ބާސެލޯނާ އިން ވަނީ މޮވިސްޓާ އަށް އިންޓަވިއު ދޭން ދެކޮޅު ހަދައި، އެ މީޑިއާގެ ކަންކަން ބޮއިކޮޓްކޮށްފަ އެވެ.

ބޮޑު ދެ ކްލަބަކުން މި ފަދަ ގޮތަކަށް އަމަލުކުރުުމުން، މޮވިސްޓާ އިން ނިންމީ އެތުލެޓިކޯ މެޑްރިޑާއި މަޔޯކާ އަށް ކުރިން ކުޅުނު، ބާާގޯސް އަށް ދީފައިވާ ކޮންޓްރެކްޓް ވަޒީފާ އިން އޭނާ ވަކިކޮށްފަ އެވެ.

ބާގޯސް ފަހުން ބުނީ، އޭނާ ދެއްކި ވާހަކަ އަކީ އެއްވެސް ވަރަކަށް އިހުތިރާމް ކުޑަކުރަން ދެއްކި ވާހަކައެއް ނޫން ކަމަށާއި އޭގެއިން ނުބައި މާނައެއް ނެގި، މީހަކަށް ބަދުބަހެއް ރައްދުވާނަމަ އެކަމަށް މާފަށް އެދޭ ކަމަށެވެ.

މޮރޮކޯ އާއި އިކުއޭޓްރަލް ގިނީ އަށް ނިސްބަތްވާ އާއިލާ އަކަށް އުފަން، ޔަމާލް، 16، ވަނީ ސްޕެއިން ގައުމީ ޓީމަށް ވެސް ކުޅެން ފަށައިފަ އެވެ. ސްޕެއިން ގައުމީ ޓީމަށް ހަ މެޗު ކުޅެދީފައިވާ ޔަމާލް ވެފައިވަނީ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް މެޗެއްގައި ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާ އަށެވެ.