Advertisement

ޔޫރޮޕާ ލީގު: އެޓަލަންޓާ އިން ލިވަޕޫލް ބަލިކޮށްފި، ލެވަކޫސަން ކުރިއަށް

12 އޭޕްރީލް 2024 - 10:21 0


ޔޫރޮޕާ ލީގު: އެޓަލަންޓާ އިން ލިވަޕޫލް ބަލިކޮށްފި، ލެވަކޫސަން ކުރިއަށް

12 އޭޕްރީލް 2024 - 10:21 0

ލިވަޕޫލް (އޭޕްރީލް 12) - ޔުއެފާ ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި އެޓަލަންޓާ އިން 3-0 އިން ލިވަޕޫލް ބަލިކުރިއިރު، ބަޔާ ލެވަކޫސަން އިން 2-0 އިން ވެސްޓް ހޭމް ޔުނައިޓެޑްގެ މައްޗަށް ކުރިހޯދައިފި އެވެ.

ލިވަޕޫލް ދަނޑުގައި ކުޅުނު މެޗުގައި ރޭ އެޓަލަންޓާ އިން ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ހޯދައިފަ އެވެ. ފުރަތަމަ ހާފުގައި ލިވަޕޫލްގެ ހާވީ އެލިއަޓް ޖެހި ބޯޅައެއް ގޯލުގެ ދަނޑިއަށް ވަނީ އަމާޒުވެފަ އެވެ.

އެޓަލަންޓާ މި މެޗުން މޮޅުވުމުގައި އެންމެ ބޮޑު ކްރެޑިޓެއް ހައްގުވާ އެއް ކުޅުންތެރިއަކީ، ކުރިން ވެސްޓް ހޭމް އަށް ކުޅުނު އިޓަލީގެ ފޯވާޑް، ޖިއަންލޫކާ ސްކަމާކާ އެެވެ. އެ ޓީމަށް ފުރަތަމަ ހާފުގައި ލީޑުނަގައިިދިން ގޯލު، ސްކަމާކާ ކާމިޔާބުކުރީ މެޗުގެ 38 ވަނަ މިނިޓްގަ އެވެ. މިއީ ޑާވިޑް ޒަޕަކޯސްޓާ ނަގައިދިން ހުރަހަކުން ސްކަމާކާ ޖެހި ގޯލެކެވެ. އޭނާ ޖެހި ބޯޅަ ގޯލަަށް ވަނީ ލިވަޕޫލްގެ ކީޕަރު ކޮއިމިން ކެލަހާ އަތްދަށުންނެވެ.

ބަދަލުތަކެއް ގެނެސްގެން ނުކުމެ، ލިވަޕޫލުން ދެ ވަނަ ހާފުގެ ކުރީކޮޅުގައި ފުރުސަތުތަކެއް ހޯދި އެވެ. އެ ގޮތުން، އޭރިއާތެރެއިން ޑާވިން ނޫނޭޒް ޖެހި ބޯޅައެއް ހުރަސްދަނޑިމަތިން ދިޔައިރު، ބަދަލަކަށް ކުޅެން އަރައި މުހައްމަދު ސަލާހު ޖެހި ބޯޅަ އެޓަލަންޓާގެ ކީޕަރު، ޖުއާން މޫސޯ މަތަކުރީ އެވެ.

އެޓަލަންޓާ އިން ލީޑުފުޅާކުރީ ސްކަމާކާ، މެޗުގެ 60 ވަނަ މިނިޓްގައި ޖެހި ގޯލުންނެވެ. މިއީ، އަރިމަތިން ޑި ކަޓަލެއާ ނަގައިިދިން ހުރަހަކަށް ހުސްކޮށް އަރައި، ހަމަޖެހިލައިފައި ސްކަމާކާ ޖެހި ގޯލެކެވެ. ހެޓްރިކެއް ހަދަން ސްކަމާކާ އަށް ލިބުނު ބޯޅަ ބޮލުން ފޮނުވާލިިއިރު، ދިޔައީ ހުރަސްދަނޑިމަތިންނެވެ.

ލިވަޕޫލްގެ ޑިފެންސް އާދައިގެ ގޮތަކަށް ފެނުނު މި މެޗުގައި، އެ ޓީމު ކޮޅަށް އެޓަލަންޓާ އިން ތިން ވަނަ ލަނޑު ޖެހީ، މެޗުގެ 83 ވަނަ މިނިޓްގައި، މާރިއޯ ޕަސާލިޗް އެވެ. މިއީ ރީބައުންސް ބޯޅައަކުން ޕަސާލިޗް ޖެހި ގޯލެކެވެ. ލިވަޕޫލަށް ސަލާހު ގޯލެއް ޖަހައިިދިން ނަމަވެސް ރެފްރީ ވަނީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި އެ ލަނޑު ބަލައިނުގަންނަން ނިންމައިފަ އެވެ.

އަންނަ ހަފްތާގައި އެޓަލަންޓާ ދަނޑުގައި ކުޅޭ މެޗުން، ތިން ގޯލުގެ ފަރަގެއް އަނބުރާލައި، ސެމީ ފައިނަލަށް ދިއުމަކީ ލިވަޕޫލަށް އޮތް ބޮޑު ޗެލެންޖެކެވެ.

ލެވަކޫސަނުން ރޭގެ މެޗުގައި ވެސްޓް ހޭމް ކޮޅަށް ލަނޑުތައް ޖެހީ، މެޗުގެ ފަހު ވަގުތުގަ އެވެ. އެ ގޮތުން، ލީޑުނެގީ 83 ވަަނަ މިނިޓްގައި، ޖޮނަސް ހޮފްމަން އެވެ. ބަދަލަކަށް ކުޅެން އެރި ހޮފްމަން ތަނަވަސްކޮށްދިން ފުރުސަތެއްގައި، ލެވަކޫސަންގެ ދެ ވަނަ ލަނޑު ޖެހީ، އިތުރު ވަގުތުގެ ފުރަތަމަ މިނިޓްގައި، ވިކްޓޯ ބޮނިފޭސް އެވެ.

ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލް ފުރަތަމަ ލެގުގައި، ރޭ އޭސީ މިލާން ދަނޑުގައި ރޯމާ ވަނީ 1-0 އިން މޮޅުވެފަ އެވެ. މެޗުގެ ހަމައެކަނި ލަނޑު ޖެހީ ރޯމާގެ ޖިއަންލޫކާ މަންޗިނީ އެވެ. ކުއާޓާގެ އަނެއް މެޗުގައި، މާސޭ އަތުން ބެންފީކާ ވަނީ އަމިއްލަ ދަނޑުގައި 2-1 އިން މޮޅުވެފަ އެވެ. ބެންފީކާގެ ލަނޑުތައް ޖެހީ، ރަފާ ސިލްވާ އާއި އަންހެލް ޑި މާރިއާ އެވެ. މާސޭގެ ގޯލު ޖެހީ ޕިއޭ އެމެރިކް އޮބާމަޔަން އެވެ.