Advertisement

އޭދަފުށި ފުޓްސަލް ކަޕް: މުރިނގު އާއި އޯލް ވުލްވްސް ކުއާޓާ އަށް

12 އޭޕްރީލް 2024 - 11:11 0

އަތޫފް އާތިފް

އަތޫފް އާތިފް

އޭދަފުށި ކައުންސިލް ކަޕުގައި އޯލް ވޮލްވްސް އާއި ފްރެންޑްސް ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: ނައުޝަމް ވަހީދު / އިމޭޖަސް.އެމްވީ


އޭދަފުށި ފުޓްސަލް ކަޕް: މުރިނގު އާއި އޯލް ވުލްވްސް ކުއާޓާ އަށް

12 އޭޕްރީލް 2024 - 11:11 0

އުރީދޫ އޭދަފުށި ފުޓްސަލް ކަޕް 2024 ގައި ރޭ, އެއިޓީފޯ އެފްސީ 4-1 އިން ބަލިކޮށް މުރިންގު އެފްސީ ކުއާޓާ ފައިނަލުގެ ޖާގަ ޔަގީންކުރިއިރު, ފްރެންޑްސް 6-2 ގެ ނަތީޖާއަކުން ބަލިކޮށް އޯލް ވުލްވްސް އިން ވެސް ކުއާޓާ އަށް ދަތުރުކޮށްފި އެވެ.

ރޭ ކުޅުނު ފުރަތަމަ މެޗުގައި މުރިނގުން ލީޑު ނެގީ 11 ވަނަ މިނެޓުގައި ޝާރިފް އަބްދުލް މަޖީދު ޖަހާދިން ގޯލުންނެވެ.

ދެ ވަނަ ހާފު ފަށައިގެން ފުރަތަމަ މިނެޓުގައި އެއިޓީފޯގެ އާފިއު މުހައްމަދު ހާމިދު ގޯލު ޖަހާ ނަތީޖާ ހަމަހަމަކުރި އެވެ. އެކަމަކު، ދެ ވަނަ ހާފުގެ 12 ވަނަ މިނެޓުގައި މުރިންގުގެ ކެޕްޓަން އިބްރާހީމް ޝަރީފް ގޯލު ޖަހާ އަލުން އެ ޓީމަށް ލީޑު ނަގާދިނެވެ. އަދި އޭގެ ދެ މިނެޓު ފަހުން މުރިނގުގެ އިބްރާހީމް ސިމާހް ވަނީ އެ ޓީމުގެ ލީޑު ފުޅާކޮށްދީފަ އެވެ. މުރިނގުން ޖެހި ފަހު ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިބްރާހީމް ޝަރީފް އެވެ.

މުރިންގް އާއި އެއިޓީފޯ ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: ނައުޝަމް ވަހީދު / އިމޭޖަސް.އެމްވީ


ރޭގެ ދެ ވަނަ މެޗުގައި އޯލް ވުލްވްސް އިން ވަނީ މެޗު ފަށައިގެން މިނެޓެއް ނުވަނީސް ގޯލު ޖަހާ ލީޑު ނަގާފަ އެވެ. މި ލަނޑު އެޓީމަށް ޖަހާދިނީ ހާޒިމް ފައުޒީ އެވެ. އެކަމަކު އޭގެ މިނެޓެއް ފަހުން ފްރެންޑްސްގެ އިބްރާހީމް ރަފްހާން ވަނީ ގޯލު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އޭގެ ތިން މިނެޓު ފަހުން ވުލްވްސް އިން އަލުން ލީޑު ނެގީ ހާޒިމް ޖެހި ގޯލުންނެވެ. އަދި އޭގެ މިނެޓެއް ފަހުން ވުލްވްސްގެ އީގަން އަބްދުލް މަޖީދު ވަނީ ގޯލު ޖަހާ އެ ޓީމުގެ ލީޑު ފުޅާކޮށްފަ އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން އީގަން ވަނީ އިތުރު ދެ ގޯލު ޖަހާ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ. ވޮލްވްސްގެ ހަވަނަ ގޯލަކީ ފްރެންޑްސްގެ ރަފްހާން އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ފްރެންޑްސްގެ ދެވަނަ ގޯލު އެޓީމަށް ޖަހާދިނީ މުހައްމަދު ރަޝީދެވެ.

ވަރުގަދަ ސްކޮޑަކާއެކު މި މުބާރާތައް ނުކުތް ޔުނައިޓެޑް ވީ އިން ރޭ ކީވަން ބަލިކުރީ 10-1 ގެ ނަތީޖާއަކުންނެވެ. މި މެޗަކީ ޔުނައިޓެޑް ވީ އަށް މޮޅުވާން މުހިންމު މެޗެކެވެ. އެ ޓީމުން ކުޅުނު ފުރަތަމަ މެޗުގައި ބީކޭ ސްޕޯޓްސް ކުލަބް އަތުން ވަނީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެފަ އެވެ. މި މެޗުގައި ޔުނައިޓެޑް ވީގެ އަލީ ހައިޝަމް (ޗުމްޕު) ފަސް ގޯލު ޖެހިއިރު, ނިޝާމް މުހައްމަދު ރަޝީދު (ޕޮގް) ދެ ގޯލު ޖެހިއެވެ. އަދި މުހައްމަދު ހަސަން އަހުމަދު ވަނީ ގޯލެއް ޖަހާފަ އެވެ. ޔުނައިޓެޑް ވީގެ އަނެއް ގޯލަކީ ކީވަންގެ ތޮލާތް މުހައްމަދު ވަހީދު އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

މި މެޗުގައި ކީވަން އިން ކާމިޔާބުކުރި ހަމައެކަނި ގޯލު އެޓީމަށް ޖަހާދިނީ ހަސަން ސާޖިދެވެ.

ކީވަން އެފްސީ އާއި ޔުނައިޓެޑް ވީ ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: ނައުޝަމް ވަހީދު / އިމޭޖަސް.އެމްވީ


ރޭގެ ފަހު މެޗުގައި އެފްސީ މާލިންސް އިން އެފްސީ ސަޑަންލީ ބަލިކުރީ 4-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ 11 ވަނަ މިނެޓުގައި މާލިންސް އަށް ލީޑު ނަގާދިނީ އަހުމަދު އަފްރާހް ޖެހި ގޯލުންނެވެ. އެ ޓީމުގެ ލީޑު ފުޅާކޮށްދިނީ ދެ ވަނަ ހާފުގެ ފަސް ވަނަ މިނެޓުގައި އަޝްރަފް މުހައްމަދު އެވެ. މާލިންސްގެ ފަހު ދެ ގޯލު ދެ ވަނަ ހާފުގެ އަށް ވަނަ މިނެޓު އަދި ނުވަ ވަނަ މިނެޓުގައި އެ ޓީމަށް ޖަހާދިނީ ކެޕްޓަން އިސްމާއިލް ފައުޒީ އަދި އަލީ ރީހާން އެވެ.

ސަޑަންލީ އާއި މާލިންސް ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: ނައުޝަމް ވަހީދު / އިމޭޖަސް.އެމްވީ


މުޅި ރާއްޖެ އަށް ހުޅުވާލައިގެން ކުޅޭ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މި ފަަހަރުގެ ޗެމްޕިއަންކަން ހޯދީ އޭދަފުށިންނެވެ. އެއާ އެކު، އެ ރަށުގައި ފުޓްސަލްގެ ފޯރި ވަނީ ވަރަށް ބޮޑަށް ގަދަވެފަ އެވެ.

އަނެއްކޮޅުން، މި ފަހަރުގެ އޭދަފުށީ ފުޓްސަލް ކަޕްގައި އެ ރަށުގެ މަޝްހޫރު ކުޅުންތެރިންގެ އިތުރުން މުޅި ރާއްޖޭގެ ނިސްބަތުން ވެސް ފާހަގަކޮށްލެވޭ މޮޅު ކުޅުންތެރިން ކުޅެ އެވެ.

މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރެއްގެ ގޮތުގައި ހަރަކާތްތެރިވާނީ، އަދަދު ސްޕޯޓްސް އެވެ