Advertisement

ރެއާލުން ބަދަލުހިފަން ބޭނުންވާނެ: ގާޑިއޯލާ

9 އޭޕްރީލް 2024 - 12:23 0


ރެއާލުން ބަދަލުހިފަން ބޭނުންވާނެ: ގާޑިއޯލާ

9 އޭޕްރީލް 2024 - 12:23 0

މެޑްރިޑް (އޭޕްރީލް 9) - ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ނުކުންނަ މެޗުގައި މިދިޔަ ސީޒަނުގެ ބަދަލުހިފަން ރެއާލް މެޑްރިޑުން ބޭނުންވާނެ ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

މިދިޔަ ދެ އަހަރު ވެސް ނޮކްއައުޓް ރައުންޑުގައި މި ދެ ޓީމު ކުރިމަތިލާން ޖެހުނެވެ. އެ ދެ ފަހަރުވެސް ކުރިމަތިލާން ޖެހުނީ ސެމީ ފައިނަލުގަ އެވެ. މިދިޔަ އަހަރު ސެމީ ސިޓީން ކާމިޔާބުކުރީ 5-1 ގެ އެގްރިގޭޓް ނަތީޖާ އަކުންނެވެ.

ރެއާލް ދަނޑުގައި ކުޅޭ މި ފަހަރުގެ ކުއާޓާ ފައިނަލް މެޗުގެ ފުރަތަމަ ލެގުގެ ކުރިން، ސިޓީގެ ކޯޗު ގާޑިއޯލާ ބުނީ، ޖެހިޖެހިގެން ދެ ވަަނަ ފަހަރަށް ރެއާލް ބަލިކުރުން ވަނީ ވަރަށް ބޮޑު ޗެލެންޖަކަށް ކަމަށެވެ.

"އެއް ކަމެއް ދެ ފަހަރަށް ތަކުރާރުކުރުން ވާނީ ވަރަށް އުނދަގޫ ކަމަކަށް. ޖެހިޖެހިގެން ދެ ވަނަ ފަހަރަށް ރެއާލް ބަލިކުރުން އެއީ ހަމަަ ނުވުން ގާތްކަންކަން. އެ މީހުން ކުރިން ގޯސްވި ކަންކަން ދެނެގަނެ، ނުކުންނާނީ ބަދަލުހިފުމުގެ ރޫހުގައި. އެ މީހުން ނުކުންނާނީ އަމިއްލަ ޝަރަފުގައި،" ގާޑިއޯލާ ބުންޏެވެ.

މިދިޔަ ސީޒަނުގައި ރެއާލް ދަނޑުގައި ވަނީ 1-1 އިން އެއްވަރުވެފަ އެވެ. ސިޓީ ދަނޑުގައި އެ ޓީމުން ވަނީ 4-0 އިން ރެއާލް ބަލިކޮށްފަ އެވެ.

ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނީ، ޔަގީނުން ވެސް މިދިޔަ ސީޒަނަށް ވުރެ ރަނގަޅަށް އެ ޓީމުން ފަރުވާތެރިކަމާ އެކު ކުޅެން ޖެހޭނެ ކަމަށެވެ.

"އަހަރެމެންގެ ފަރާތުން އެ ބޭނުންވާ ހިތްވަރެއް ނުފެނުނު މިދިޔަ ފަހަރު. އެއީ ކޮންމެ ގޮތެއް ވިޔަސް މި ފަހަރު ނަތީޖާނެރޭނަމަ ރަނގަޅުކުރަން ޖެހޭ ކަންކަން. އަހަރެމެންގެ ފެންވަރުގައި ކުޅެގެން މޮޅުވާނީ،" 14 ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ ރެއާލާ ހަވާލުވެހުރި އަންޗެލޮޓީ ބުންޏެވެ.

ސިޓީން މި މެޗަށް ނުކުންނައިރު، އެ ޓީމުގެ ކީޕަރު އެޑަސަން މޮރާއެސް ފިޓްވިއިރު، ނޭތަން އަކޭ އާއި ކައިލް ވޯކާ އަނިޔާގެ ސަބަބުން މި މެޗުގައި ނުކުޅޭނެ އެވެ.

ރެއާލް ދަނޑުގައި ސިޓީއާ ދެކޮޅަށް ކުޅޭ މެޗު މިރޭ 00:00 ގައި ފަށާނެ އެވެ.