Advertisement

ރައީސް ދައްކަަވަނީ ގުޅިފަޅާއި ގިރާވަރުފަޅުގައި ވެސް ފްލެޓް އަޅާ ވާހަކަ

5 އޭޕްރީލް 2024 - 14:57 4

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ގިރާވަރުފަޅު ހިއްކުމުގެ މަޝްރޫއު ކުރިއަށް ދަނީ. ކުރީގެ ސަރުކާރުން އެ މަޝްރޫއު ހާއްސަކުރީ މާލޭ މީހުންނަށް ގޯތިދޭން. ފޮޓޯ:މިރާޝް ނާޝިމް/އަދަދު


ރައީސް ދައްކަަވަނީ ގުޅިފަޅާއި ގިރާވަރުފަޅުގައި ވެސް ފްލެޓް އަޅާ ވާހަކަ

5 އޭޕްރީލް 2024 - 14:57 4

މާލޭގެ ރައްޔިތުންނަށް ގޯތި ދޭން ކުރީގެ ސަރުކާރުން ހާއްސަކުރި ގުޅިފަޅާއި ގިރާވަރުފަޅުގައި ފްލެޓް އެޅުމުގެ ބޮޑެތި މަޝްރޫއުތަކެއް ހިންގަވަން ގަސްދުކުރައްވާ މޭރުމަކުން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވާހަކަ ދައްކަވައިފި އެވެ.

"ރައީސްގެ ޖަވާބު" ގެ މިއަދުގެ އެޕިސޯޑްގައި ސުވާލުކުރި މީހަކަށް ޖަވާބު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި އެކުލަވައިލި، ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން "އެއްވެސް ހަމައެއް ނެތި" ބަދަލު ގެނެސްފައިވާ ކަމަށެވެ. އެ ލިސްޓުން އެތައް ހާސް ބަޔަކު އެގޮތަށް އުނިކޮށްފައިވާ ކަމަށް އެ މަނިކުފާނު ތުހުމަތުކުރެއްވި އެވެ.

"އެހެންވީމާ އެ ފަރާތްތަކަށް ފްލެޓް ދޭނެ ކަމަށް އަޅުގަނޑުމެން ވާނީ ވައުދުވެފައި. އެވައުދު ފުއްދާނަން. ވީހާވެސް އަވަހަކަށް، އެންމެ އަވަހަށް އެޅޭ ފްލެޓްތަކުން. މިއަހަރު ތެރޭގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އާ މަޝްރޫއުތައް ފަށާ ގޮތަށް މިއޮތީ. އެހެންވީމާ އެ [މަޝްރޫއުތައް] ނިންމާފައި ހުޅުމާލޭގައި އަދި ގުޅިފަޅާއި ގިރާވަރުފަޅުގައި ވެސް،" ރައީސް ވިދާޅުވި އެވެ.

ރައީސް މިމޭރުމުން ވާހަކަފުޅު ދެއްކެވި އިރު ގުޅިފަޅާއި ގިރާވަރު ފަޅު، ކުރީގެ ސަރުކާރުން ހާއްސަކޮށްފައި އޮތީ ގޯތި ދިނުމަށެވެ. އެގޮތަށް ޕްލޭންކޮށް އެ ދެތަނުން ބައެއް މީހުންނަށް ގޯތި ލިބޭ ކަމުގެ ލިއުންތައް ވެސް ވަނީ ދީފަ އެވެ.

އެކަމަކު ގުޅިފަޅުގައި ކުރިން އަޅަން އުޅުނު ވިޔަފާރި ބަނދަރު ތިލަފުށްޓަށް ބަދަލުކުރުމާއި ކުރީގެ ޕްލޭނަށް ވުރެ އިތުރަށް ބިން ހިއްކާފައި އޮތުމުން ފްލެޓް އަަޅާނެ ޖާގަ ގުޅިފަޅުން ލިބެން އެބަ އޮތެވެ. ގިރާވަރުފަޅުގެ މަޝްރޫއަށް އެފަދަ އެއްވެސް ބަދަލެއް ގެނައިކަމަކަށް ސަރުކާރަކުން ނުބުނެ އެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި، އޭރު ހައުސިން މިނިސްޓަރަކަށް މިހާރުގެ ރައީސް މުއިއްޒު ހުންނެވިއިރު، އެކުލަވާލި ފްލެޓު ލިސްޓުގެ މައްސަލަ އޭސީސީން ބަލަމުން ދިޔަ އެވެ. ނަމަވެސް މި ވެރިކަމަން ފެށުނު ފަހުން އެ މައްސަލައިގެ މައުލޫމާތެއް އޭސީސީން ހާމައެއް ނުކުރެ އެވެ.