Advertisement

ހުލާސާކޮށް އިއްޔެ: ޕީއެސްއެމްއިން ޕީއެންސީއަށް ކެމްޕެއިންކުރާ މައްސަލަ

5 އޭޕްރީލް 2024 - 07:09 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

ޕީއެސްއެމް


ހުލާސާކޮށް އިއްޔެ: ޕީއެސްއެމްއިން ޕީއެންސީއަށް ކެމްޕެއިންކުރާ މައްސަލަ

5 އޭޕްރީލް 2024 - 07:09 0

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްްއެމް) އިން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޕާޓީ ޕީއެންސީގެ މަޖިލިސް ކެމްޕެއިނަށް އާދަޔާ ހިލާފު ބޮޑު ކަވަރޭޖެއް ދޭ އިރު ދައުލަތުގެ ކަމާ ބެހޭ އިދާރާތަކުގެ [އޭސީސީގެ] ސަމާލުކަމަށް ނާންނަނީ ކީއްވެތޯ އިދިކޮޅު އެމްޑީޕީން ބަލާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒް އިއްޔެ ވިދާޅުވި އެވެ.

ޕީއެސްއެމް އަކީ ވަކި ފަރާތަކަށް ބުރަނުވެ، ރައްޔިތުންނަށް ހިދުމަތް ކުރަން، ގާނޫނަކުން އުފައްދާފައި އޮތް ދައުލަތުގެ ކުންފުންޏެކެވެ. އެ ގާނޫނުގައި "ނުފޫޒުން އެއް ކިބާވުން" މި ސުރުހީގެ ދަށުން އޮތް ހަ ވަނަ މާއްދާގެ ރ. ގައި އޮތީ "ވަކި ފަރާތެއްގެ ސިޔާސީ، މާލީ، އިދާރީ ނުވަތަ އެނޫންވެސް ޒާތީ މަސްލަހަތެއް ހިމާޔަތްކުރުމަށްޓަކައި ހަމަހަމަކަމާއި އިންސާފުން އެއްކިބާވެފައިވާ އަމަލެއް ޕަބްލިކް ސާވިސް މީޑިއާއިން ހިންގައިގެން ނުވާނެ" ކަމަށެވެ.

ގާނޫނުގައި މިހެން އޮތް އިރު ޕީއެސްއެމްގެ ސޯޝަލް މީޑިއާ ހޭންޑުލްތަކުން އަންނަނީ ރައްޔިތުންގެ މަޖިލީހަށް ޕީއެންސީން ކުރާ ކެމްޕެއިނުގެ ގިނަ އަދަދެއްގެ ވަކިވަކި ކްލިޕްތައް ހަދައި، ސޯޝަލް މީޑިއާ ކެމްޕެއިނެއް ގޮތަށް ގެންދަނީ އާންމުކުރަމުންނެވެ.

އެގޮތަށް އެކަން ހިންގަމުން ގެންދާ އިރު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލާ އެންމެނަށް މުހިއްމު ހަރަކާތެއް ކަމަށްވާ ކެންޑިޑޭޓުންގެ ބަހުސް ދެއްކީ އެކުންފުނީގެ ކުޑަ ޕްލެޓްފޯމެއް ކަމަށްވާ "ޔެސްޓީވީ" އިންނެވެ. ޕީއެސްއެމްގެ މައި ޗެނެލްގެ ހުރިހާ ވަގުތެއް ހާއްސަކުރީ މުއިއްޒުގެ ކެމްޕޭން ދަތުރުތައް ކަވަރު ކުރުމަށެވެ.

އެކަން އެހެން އޮތުމުގެ ކަންބޮޑުވުން ފާޅުކުރައްވައި މެންބަރު އަލީ ނިޔާޒް "އަދަދު" އާ ވާހަކަ ދައްކަވަމުން ވިދާޅުވީ އެގޮތަށް އެކަން ކޮށްގެންވާނެ ކަމަށް އެމްޑީޕީން ގަބޫލުނުކުރާ ކަމަށެވެ.

"އެއީ ދައުލަތުގެ މީޑިއާއިން ކޮށްގެން ވާނެ ކަމެއް ނޫން. އަޅުގަނޑުމެން ބަލާނަން ދައުލަތުގެ އިދާރާތަކުން، ކީއްވެގެންތޯ އެމީހުންނަށް އެކަން ނޯޓިސް ނުވެގެން އުޅެނީ. އެކަން ޕާޓީގެ [އެމްޑީޕީ] ގެ ސަމާލުކަމަށް އައިސްފައި އޮތީ ، އަޅާނެ ފިޔަވަޅުތަކާ މެދު މަޝްވަރާކޮށްފައި ގޮތްތަކެއް ނިންމާނެ. ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ވެސް ކުރެވޭނެ ކަންތައްތައް ހުންނާނެ،" އަލީ ނިޔާޒް ވިދާޅުވި އެވެ.

އެކަމާ ބެހޭ ގޮތުން ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރާ ސުވާލުކުރުމުން ވިދާޅުވީ އެކަމާ ބެހޭ ގޮތުން ބަހެއް ވިދާޅުވާނީ ޕީއެސްމްއެގް މީޑިއާ އޮފިޝަލް ކަމަށެވެ. ޕީއެސްއެމްގެ މީޑިއާ އޮފިޝަލްއަށް "އަދަދު" އިން ތަކުރާރުކޮށް ގުޅި ނަމަވެސް އޭނާ ޖަވާބެއް ނުދެއްވަ އެވެ.

ރައީސް މުއިއްޒުގެ ސަރުކާރުން ޕީއެސްއެމްގެ ބޭނުން ނާޖާއިޒް ގޮތުގައި ކުރަމުން ގެންދާ ކަމުގެ ކަންބޮޑުވުން އިދިކޮޅު ދަ ޑިމޮކްރެޓްސްގެ ވެސް އެބަ އޮތެވެ. އެޕާޓީގެ ރައީސް ހަސަން ލަތީފު ވިދާޅުވީ ޕީއެސްއެމް އުފެއްދި ގާނޫނާ ހިލާފަށް އެތަނުން އަމަލުކުރާ ކަން ވަރަށް ބޮޑަށް ފެންނަ ކަމަށެވެ.

މުހިއްމު ބައެއް ހަބަރު