Advertisement

ސަރުކާރުން މަޖިލިސް ކެމްޕެއިނަށް ދައުލަތުގެ ވަސީލަތް ބޭނުންކުރުން ހުއްޓާލަން ޓްރާންސްޕޭރެންސީން ގޮވާލައިފި

4 އޭޕްރީލް 2024 - 19:28 0

އަމަން ހަލީމް

އަމަން ހަލީމް

މަޖިލިސް އިންތިހާބަށް ކެމްޕެއިން ކުރަން ހަރުކޮށްފައި ހުރި ބިލްބޯޑުތަކެއް: ޓްރާންސްޕޭރެންސީން ބުނީ ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން ވޯޓަށް ނުފޫޒުފޯރުވުން އާދައަކަށް ހަދާފައިވާ ކަަމަށް -- ފޮޓޯ: އިޔާދު އަބްދުލް ވައްހާބް/އަދަދު


ސަރުކާރުން މަޖިލިސް ކެމްޕެއިނަށް ދައުލަތުގެ ވަސީލަތް ބޭނުންކުރުން ހުއްޓާލަން ޓްރާންސްޕޭރެންސީން ގޮވާލައިފި

4 އޭޕްރީލް 2024 - 19:28 0

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރާ ސަރުކާރުގެ ކެންޑިޑޭޓުން ހޮވުމުގެ ބޭނުމުގައި މި ސަރުކާރުން ވެސް ނަހަމަ ގޮތުގައި ދައުލަތުގެ ވަސީލަތްތައް ބޭނުންކުރަމުން އަންނަ ކަމުގެ ކަންބޮޑުވުން ފާޅުކޮށް، އެކަން ހުއްޓާލަން ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން މިއަދު ގޮވާލައިފި އެވެ.

ޓްރާންސްޕޭރެންސީން ނެރުނު ބަޔާނެއްގައި ބުނީ ވައުދުތަކާއި އަހުދުތައް ވެގެން އިންތިހާބަށް ނުފޫޒު ފޯރުވުން އާދައަކަށް ހަދައި މިނިވަން ވޯޓަށް ނުފޫޒު ފޯރުވަމުން އަންނަ ކަމަށެވެ. އަދި މި ސަރުކާރުން ވެސް ދައުލަތުގެ ވަސީލަތްތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފާ، ސަރުކާރު ކެނޑިޑޭޓުންނަށް ވޯޓު އަނބުރާލަން މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ޖަމިއްޔާއިން އެވެ.

ޓްރާންސްޕޭރެންސީން ފާހަގަކުރި ގޮތުގައި މަޖިލިސް އިންތިހާބަށް ކެމްޕެއިން ކުރުމުގެ މުއްދަތު މާޗު 21، ގައި ރަސްމީކޮށް ހުޅުވާލި ދުވަހުން ފެށިގެން ބިޔަ ޕްރޮޖެކްޓުތައް، ހާއްސަކޮށް ކެމްޕެއިން ދަތުރުތަކުގެ ތެރެއިން، އަންނަނީ އިއުލާންކުރަމުންނެވެ. އަދި، ސިޔާސީ މަގާމުތަކުގެ އަދަދު އިންތިހާއަށް އިތުރުވުމާއި ސަރުކާރު ކުންފުނިތައް ބޭނުންކޮށްގެން ސިޔާސީ ތާއީދު ހޯދުން އިތުރުވެފައިވާ ކަމަށް ވެސް އެ ޖަމިއްޔާއިން ބުންޏެވެ.

މިއާ ގުޅިގެން، ނިމުނު ރިޔާސީ އިންތިހާބުގެ ތެރޭގައި އެމްޑީޕީ ސަރުކާރާ ގުޅިގެން އެ ޖަމިއްޔާއިން ފާހަގަކުރި ފަދައިން، ވަޒީފާތައް ދިނުމުގެ ކޮންޓްރޯލް ވަކި ބަޔެއްގެ އަތަށް ގޮސް ވަކި ބަޔަކަށް އިސްކަންދޭ ގޮތަށް އެސްއޯއީތައް މެދުވެރިކޮށް ނުފޫޒު ފޯރުވަން މަގުފަހިވެގެންދާ ކަމަށެވެ.

ޓްރާންސްޕޭރެންސީގެ އެހެން ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރީ އިންތިހާބާ ދިމާކޮށް ސަރުކާރުން ހިންގަމުން އަންނަ ޕްރޮޖެކްޓުތަކަށް ބަދަލު ގެންނަ މައްސަލަ އެވެ. ދުރު ރާސްތާގެ ޕްލޭނެއް ނެތި މިގޮތަށް ޕްރޮޖެކްޓުކަށް ބަދަލު ގެނައުމާއި، އިންތިހާބާ ކައިރިކޮށް ބޮޑެތި ސިޔާސަތުތަކަށް ބަދަލިު ގެނައުމަކީ ވެސް ވޯޓަށް ނުފޫޒު ފޯރުވުމުގެ އަމަލެއްގެ ގޮތުގައި އެ ޖަމިއްޔާއިން ފާހަގަކޮށްފައިވެ އެވެ.

މިކަންކަން ވަގުތުުން ހުއްޓާލަން ސަރުކާރަށް ގޮވާލުމާއެކީ، ޓްރާންސްޕޭރެންސީން ވަނީ ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުމާ ގުޅޭ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެކުލަވާލާފައިވާ މިންގަނޑާ އެއްގޮތަށް އަމަލުކުރޭތޯ އަމިއްލައަށް އިސްނަގައިގެން ބަލަން ގޮވާލާފަ އެވެ.

އޭގެ އިތުރުން އެ ޖަމިއްޔާއިން ވަނީ އޭސީސީ އާއި ބަންޑާރަ ނައިބުގެ އޮފީހާއި ރައްޔިތުންގެ މަޖިލިސް ގުޅިގެން މަސައްކަތްކޮށްގެން، ދައުލަތުގެ ބޭނުންތައް ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓުވޭނެ ގާނޫނީ އޮނިގަނޑެއް އެކުލަވާލަން ވެސް ގޮވާލާފައިވެ އެވެ.