Advertisement

ރައީސް އެދުނީ ތިންވަނަ ފަހަރު ވެސް އިތުބާރު ކުރުމަށް، ނޫނީ މާލެ މީހުން މަގުމަތިވެދާނެ ކަމަށް!

3 އޭޕްރީލް 2024 - 22:47 1

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގައި އޮތް ކެމްޕެއިން އިވެންޓެއްގައި - ފޮޓޯ: އިޔާދު އަބްދުއްވައްހާބް / އަދަދު


ރައީސް އެދުނީ ތިންވަނަ ފަހަރު ވެސް އިތުބާރު ކުރުމަށް، ނޫނީ މާލެ މީހުން މަގުމަތިވެދާނެ ކަމަށް!

3 އޭޕްރީލް 2024 - 22:47 1

މާލޭގެ ރައްޔިތުންގެ އަގުލަބިއްޔަތު މީގެ ކުރީ ދެ ފަހަރު ދީފައިވާ ކަމަށާއި އެ އިތުބާރު އަދި އެއް ފަހަރު ނުދީފިނަމަ މާލޭގެ ރައްޔިތުން މަގުމަތިވެދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މީގެ ތިން އަހަރު ކުރިން، 2021، ގައި ބޭއްވި މާލޭގެ މޭޔަރު އިންތިހާބުގައި ބޮޑު ތަފާތަކުން އެމަނިކުފާނު ކާމިޔާބު ކުރެއްވި އެވެ. އަދި މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވެސް މާލޭގެ ބޮޑު އަގުލަބިއްޔަތެއް ލިބިވަޑައިގަތީ އެމަނިކުފާނަށެވެ.

އަންނަ މަޖިލިސް އިންތިހާބުގައި، މާފަންނު މެދު ދާއިރާއަށް ވާދަކުރާ ޕީއެންސީގެ ކެންޑިޑޭޓު އަދި ކުރީގެ މެންބަރު އަބްދުﷲ ރިފާއު (ބޮޗޭ) ގެ ކެމްޕެއިން އިވެންޓުގައި މިރޭ ރައީސް ވިދާޅުވީ އެމަނިކުފާނު ގަބޫލުކުރައްވަނީ މާލޭގެ ރައްޔިތުން އެމަނިކުފާނަށް ވަރަށް ބޮޑަށް އިތުބާރު ކުރައްވާ ކަމަށެވެ.

ރައީސް މުއިއްޒު އެ ގޮތަށް ގަބޫލު ކުރައްވަނީ މިދިޔަ އިންތިހާބުތަކުގެ ނަތީޖާއިން އެ ގޮތަށް ފެންނާތީ ކަން ފާހަގަ ކުރެއްވި އެވެ. އަދި އެއް ފަހަރު އެމަނިކުފާނަށް އިތުބާރު ކޮށްދެއްވުމަށް އެދިވަޑައިގަތެވެ.

"މާލޭގެ ރައްޔިތުން އަޅުގަނޑަށް ކުރާ އިތުބާރު، އަދިވެސް ކުރުމަށް، މޭޔަރަށް ހޮވައިފަ، އޭރުގެ އެމްޑީޕީ ސަރުކާރުން އަޅުގަނޑުމެންނަށް ކަންކަން ކުރަން އެއްބާރުލުން ނުދިނީމަ، އެ ކަންކަން ކުރަން، މާލޭގެ ރައްޔިތުންގެ ވެސް ވޯޓުން ދެން އަޅުގަނޑާ ސަރުކާރު ހަވާލުކުރީ،" އެމަނިކުފާނު ވިދާޅުވި އެވެ.

އެމްޑީޕީގެ ސަރުކާރު އޮވެފައި، އަދި އެ ޕާޓީގެ މެޖޯރިޓީ ވެސް ރައްޔިތުންގެ މަޖިލީހުގައި މިދިޔަ ފަސް އަހަރު އޮތް ނަމަވެސް މާލޭގެ މީހުނަށް މާ ބޮޑު ކަމެއް ނުކޮށްދެވުނު ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. އެ ޕާޓީއަށް އިތުރު ފުރުސަތެއް ދޭން ޖެހޭ ސަބަބެއް ނެތް ކަމަށް ވިދާޅުވި އެވެ.

ރައީސް ސިފަކުރެއްވީ، ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓުން މަޖިލީހަށް ނުހޮވުން ވާނީ މާލޭ މީހުން "މަގުމަތިވުން" ފަދަ ކަމަށެވެ.

"މި ފަސް އަހަރު އަނެއްކާ އެމްޑީޕީއަށް މަޖިލިސް ދީގެން، ސަރުކާރަށް ހުރަސް އަޅަން ފުރުސަތު ދިނުން، މާލޭގެ ރައްޔިތުން އަމިއްލައަށް މަގުމަތިވުން ކަހަލަ ކަމަކަށް ވެދާނެ ކަމަކަށް އަޅުގަނޑަށް ފެންނަނީ، އެ ކަން އެ ގޮތަށް ހިނގައްޖެއްޔާ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މާލޭގެ ރައްޔިތުން ބޭނުންވަނީ މުޅި ސިޓީއަށް ހަމަޖެހުން ލިބިގެން ކަމަށެވެ. އެންމެ މުހިންމު ކަމަކީ ޓްރެފިކް މެނޭޖްމަންޓާއި ޕާކިން މައްސަލައާއި ގެދޮރުގެ މައްސަލަ ކަމަށާއި، އެ ކަންކަން ކުރަން ގާނޫނުތަކުން ހައްލުތަކެއް ގެންނަން ވެސް އެބަ އޮތް ކަމަށް ވިދާޅުވި އެވެ.

އެހެންވެ ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓުން ނުވަތަ އެމަނިކުފާނުގެ ތާއީދު ދީފައިވާ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް ރައީސް އެދިވަޑައިގެންނެވި އެވެ.