Advertisement

މިނިސްޓަރުންގެ "އަހާ" ފޯރަމް ގަވާއިދުން ނުބޭއްވުނު!

4 އޭޕްރީލް 2024 - 09:28 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ޖެނުއަރީ 25، ގައި ބޭއްވި ވަޒީރުންގެ އަހާ ފޯރަމްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އަދި އިންފްރާސްޓަރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތޮލިބް. -- ފޮޓޯ: ރައީސް އޮފީސް


މިނިސްޓަރުންގެ "އަހާ" ފޯރަމް ގަވާއިދުން ނުބޭއްވުނު!

4 އޭޕްރީލް 2024 - 09:28 1

ކޮންމެ ދެ މަހަކުން ބާއްވާނެ ކަމަށް ބުނެ މި ސަރުކާރު ފެށި މިނިސްޓަރުންގެ "އަހާ" ފޯރަމް ސިލްސިލާގެ ދެ ވަނަ ފޯރަމް ބާއްވަން ކަނޑައެޅި ތާވާލުން ކަޓައިފި އެވެ.

މި ސިލްސިލާގެ ބޭއްވުނީ އެންމެ ފޯރަމެކެވެ. އެ ފޯރަމް ބޭއްވީ ޖެނުއަރީ 25، ގެ ރޭ ސަލްޓަންޕާކުގަ އެވެ.

އެ ފޯރަމުގައި ބައިވެރިވެވަޑައިގަތީ، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، ސޯޝަލް އެންޑް ފެމިލީ މިނިސްޓަރު ޑރ. އައިޝަތު ޝިހާމް، ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު، އަދި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އެވެ.

"އެއީ ޕަބްލިކް ފޯރަމެއް. އެ ފޯރަމްގައި ބޭނުން ސުވާލެއް އެ ފޯރަމްގައި އެ ވަގުތަކު ބައިވެރިވާ ވަޒީރުންގެ ދާއިރާތަކުން ކުރަން ފުރުސަތު ދޭނަން. ދެން އަނެއްކާ ދެ މަސް ފަހުން އަނެއް ބެޗް އޮފް ކެބިނެޓް މެމްބާސް ވަޑައިގަންނަވާނެ. ފަސް ބޭފުޅުން ފަސް ބޭފުޅުން ގޮތަށް ދެ މަހުން އެއް މަހުން ޕަބްލިކް ފޯރަމް ބާއްވާނަން،" މާލޭގެ އާ މޭޔަރު އާދަމް އާޒިމް މަގާމުގެ ހުވާ ކުރެއްވުމުގެ ދަރުބާރުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ސަރުކާރުން ބުނެފައިވާ ގޮތުން މިނިސްޓަރުންގެ ދެ ވަނަ ފޯރަމް ނިމިގެން ދިޔަ މާޗު މަސްތެރޭގައި ބާއްވަން ޖެހޭނެ އެވެ.

މިނިސްޓަރުންގެ އަހާ ފޯރަމްގެ އިތުރުން، ކޮންމެ ތިން މަހަކުން ސީދާ ރައީސް މުއިއްޒު ވެސް މި ސިލްސިލާގެ ދަށުން ރައްޔިތުންނާ ބައްދަލު ކުރައްވާނެ އެވެ. ރައީސްގެ ފުރަތަމަ ފޯރަމު އޮތީ ފެބްރުއަރީ 23، ގަ އެވެ.

މި ފޯރަމްތަކަކީ އާންމުންނަށް އެތަނަށް ވަޑައިގެން ބައިވެރިވެވޭގޮތަށް އަދި ފޯރަމް ހިނގަމުންދާ ވަގުތު ސޯޝަލްމީޑިޔާގެ ވަސީލަތްތައް މެދުވެރިކޮށްވެސް ބައިވެރިވެވޭ ގޮތަށް ހުޅުވާލެވިގެން ކުރިއަށްދާނެ ފޯރަމްތަކެކެވެ.

މިނިސްޓަރުންގެ ދެ ވަނަ ފޯރަމް ތާވަލާ އެއްގޮތަށް ނުބޭއްވުނު ސަބަބެއް ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ.