1 އޭޕްރީލް 2024 - 13:36 0
މުހައްމަދު ޝަހްޒާން
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ މަޖިލިސް ކެމްޕޭނު ތަރުޖަމާނު، ހީނާ ވަލީދު -- ފޮޓޯ: އިޔާދު އަބްދުލްވާހިދު / އަދަދު
1 އޭޕްރީލް 2024 - 13:36 0
ކޮންމެ ސަރުކާރެއް އޮންނައިރު ވެސް އިދިކޮޅު ފަރާތްތަކުން ތެދާ ވަރަށް ވައްތަރު، ދޮގު ވާހަކަތައް ފަތުރަމުންދާނެ ކަމަށް ކުރިއަށް އޮތް މަޖިލިސް އިންތިހާބުގެ ޕީއެންސީ ކެމްޕޭނު ތަރުޖަމާނު، ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެ އެވެ.
ޕީއެންސީގެ މަޖިލިސް ކެމްޕޭނު ތަރުޖަމާނަށް އައްޔަނުކުރި ފަހުން މިއަދު އެ ޕާޓީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހީނާ ވަނީ މިހާރު އިދިކޮޅުގައި ތިބި އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
"ދެން ކޮންމެ ސަރުކާރެއް ކުރިއަށް ދާއިރުގައި ވެސް އިދިކޮޅު ފަރާތްތަކުން ހަމަ ދޮގުވާހަކަތައް ފަތުރަމުންދާނެ، އެއީ ކުރިން ވެސް އަޅުގަނޑު ދެންނެވި ގޮތަށް ހަމަ ތެދާ ވައްތަރުގެ ދޮގު ވަރަށް ބޮޑަށް ފަތުރަމުންދާކަން އަޅުގަނޑުމެންނަށް ފާހަގަކޮށްލެވޭ."
އެގޮތުން ހީނާ ވަނީ މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތަށް އިދިކޮޅުގެ ފާޑުކިޔުން އަމާޒުވަމުންދާކަން ފާހަގަކުރައްވައި މިދިޔަ ސަރުކާރުގެ ދައުރު ނިމުނުއިރު، ހާސިލު ކުރެވުނީ ކިހާވަރެއްތޯ ސުވާލު އުފައްދަވައިފަ އެވެ.
އެގޮތުން ޕީޕީއެމް ސަރުކާރުގައި ދޫކުރި ހިޔާ ފުލެޓުތަކުގެ ތަޅުދަނޑި ހަވާލު ކުރުމަށް ވެސް ތިން މަސްދުވަސް ނެގިކަން ފާހަގަކުރައްވައި ހީނާ ފާޑުވިދާޅުވި އެވެ.
އޭގެެއިތުރުން މިދިޔަ ސަރުކާރުގައި ފެށި ގިނަ މަޝްރޫއުތައް މި ސަރުކާރުން ހުއްޓާލައިފައިވާ ކަމަށް ބުނެ އިދިކޮޅުން ދައްކާ ވާހަކަތަކަށް ރައްދު ދެއްވައި ހީނާ ވިދާޅުވީ މިދިޔަ ރިޔާސީ ކެމްޕޭނުގައި އޭރުގެ ސަރުކާރުގެ އިސް ބޭފުޅުން ރާއްޖޭގެ ރަށްތަކަށް ވަޑައިގެން ވަރަށް ގިނަ މަޝްރޫއުތަކެއް ފެށްޓެވި ކަމަށާއި ނަމަވެސް ރިޔާސީ އިންތިހާބު ބޯމަތިވިއިރު، އެ މަޝްރޫއުތައް ހުރީ ހުއްޓިފައި ކަމަށް ހީނާ ތުހުމަތު ކުރެއްވި އެވެ.
މަޝްރޫއުތައް ހުއްޓިފައި ހުރި މައިގަނޑު ސަބަބެއްގެ ގޮތުގައި ހީނާ ވިދާޅުވީ އެ މަޝްރޫއުތައް ފަށާފައި ހުރީ ފައިސާ ހޯދާނެ ގޮތަކާ މެދު ވިސްނުމެއް ނެތި، އެއްވެސް ކަހަލަ ރޭވުމެއް އޮވެގެން ނޫން ކަމަށެވެ. އަދި އެ މަޝްރޫއުތައް ފަށާފައި ހުރީ ރައްޔިތުންގެ ވިސްނުމަށް ވެސް ބެލުމެއް ނެތި ކަމަށް ހީނާ ތުހުމަތު ކުރެއްވި އެވެ.
އެކަންކަމަށް ފާޑުވިދާޅުވުމަށްފަހު ހީނާ ވަނީީ އެ މަޝްރޫއުތައް ކުރިއަށް ގެންދެވޭނެ ނިޒާމެއް ގާއިމު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފަ އެވެ.
ކޮންމެ ސަރުކާރެއް އޮންނައިރު ވެސް އިދިކޮޅުން ދޮގު ވާހަކަތައް ފަތުރާނެކަމަށް ހީނާ ވިދާޅުވިއިރު، މިދިޔަ ފަސް އަހަރު އިދިކޮޅުގައި ތިބީ މިހާރު ވެރިކަން ކުރާ ޕީއެންސީއާއި އެ ޕާޓީގެ ކޯލިޝަން ޕާޓުނަރު، ޕީޕީއެމް އެވެ. އެ ކޯލިޝަން އިދިކޮޅުގައި އޮތްއިރު، ޕީޕީއެމް/ޕީއެންސީން ދައްކަމުން ދިޔައީ ހަގީގަތާ ހިލާފު އެތައް ވާހަކަތަކެއް ކަމަށް އޭރުގެ ސަރުކާރުން ވިދާޅުވަމުން ގެންދިޔަ އެވެ.
އޭގެއިތުރުން ވެރިކަން ހޯދުމަށް ޕީއެންސީން ކުރި ކެމްޕޭނުގައި ވެސް އެތައް ބައިވަރު ދޮގުތަކެއް ހަދާފައިވާ ކަމަށް ބުނެ މިހާރުގެ އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓްސްގެ އަދި ރައީސް ޔާމީންގެ ޕީއެންއެފުން ވެސް ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.
އެގޮތުން ރައީސް ޔާމީން މިނިވަން ކުރައްވާނެ ކަމަށް ވިދާޅުވެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދާއި އިންޑިއާ ސިފައިން ބާލާނެ ކަމަށް ބުނެ ރައީސް މުއިއްޒު ކެމްޕޭނު ތެރޭގައި ވެވަޑައިގެންނެވި ވައުދާ ގުޅިގެން ސަރުކާރާ އިދިކޮޅު ތިން ޕާޓީން ވެސް ވަނީ ފާޑުކިޔައިފަ އެވެ.
އިދިކޮޅުން ހަދާ ދޮގުގެ ވާހަކަ ހީނާ ދެއްކެވިއިރު، އިދިކޮޅު އެމްޑީޕީން މަޖިލިސް ކެމްޕޭނުގައި ބޭނުން ކުރަނީ ވެސް ޕީއެންސީ/ޕީޕީއެމުން ރިޔާސީ ކެމްޕޭނުގައި ހެދި ކަމަށް ބުނާ ދޮގުތަކެވެ.
Comment