Advertisement

އެންމެ އިސްކޮށް ބަލާނީ ފެނަކަ އާއި ސްޓެލްކޯއިން ނުހައްގުން މީހުން ވަޒީފާއިން ވަކިކުރާ މައްސަލަ: ފައްޔާޒު

1 އޭޕްރީލް 2024 - 11:41 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް: އެ ޕާޓީއަށް މަޖިލިސް ލިބިގެން އެންމެ އިސްކަމެއްގައި ބަލާނީ ސްޓެލްކޯ އަދި ފެނަކައިން ވަޒީފާއިން މީހުން ވަކިކުރަމުންދާ މައްސަލަ ކަމަށް ވިދާޅުވި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


އެންމެ އިސްކޮށް ބަލާނީ ފެނަކަ އާއި ސްޓެލްކޯއިން ނުހައްގުން މީހުން ވަޒީފާއިން ވަކިކުރާ މައްސަލަ: ފައްޔާޒު

1 އޭޕްރީލް 2024 - 11:41 0

އެމްޑީޕީގެ މެޖޯރިޓީ އޮވެ ރައްޔިތުންގެ މަޖިލިސް ހިނގާހާ ހިނދަކު، އަދި ދެން އެ ޕާޓީގެ ސަރުކާރެއް އުފެދެއްޖެއްޔާ އެންމެ އިސްކަމެއްގެ ގޮތުގައި ބަލާނީ ސްޓެލްކޯއިންނާއި ފެނަކައިން މީހުން ވަޒީފާއިން ވަކިކުރަމުންދާ މައްސަލަ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.

ކޮންމެ ރޯދަ މަހަކު، "އަދަދު" ނޫހުން ގެނެސްދޭ "ކުޅިކޮށް" ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ ކުންފުނިތަކުގެ ވަޒީފާއިން ވަކިކުރަމުން ދަނީ އެމްޑީޕީއަށް ސަޕޯޓް ކުރާ މީހުންނަށް އަމާޒުކޮށް، އެފަދަ މީހުން ކަމަށެވެ.

"މައްސަލައެއް ނެތް، ވަކި ސިޔާސީ ޕާޓީއެއް ބެލުމެއް ނެތި، ކޮންޓްރެކްޓް ހަމަވީމަ، މިހެން ހަމަ ވަކިކުރަމުން ދަންޏާ ވެސް، އެކަމަކު ވަކިކޮށްފައި މި ތިބީ އެމްޑީޕީއަށް ސަޕޯޓް ކުރާ މިހުން ބަލާފައި، އެއީ މައްސަލައަކީ،" ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒް އިސްމާއިލް އަދި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް އއ. މާޅޮހަށް ކުރެއްވި ކެމްޕޭން ދަތުރެއްގައި މަރުހަބާ ކިޔަން ނިކުތް މީހަކު ވަޒީފާއިން ވަކިކުރި މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ.

އެ ދަތުރުގައި މަރުހަބާ ކިޔަން ބައްދަލުކުރި ސްޓެލްކޯގެ މެނޭޖަރު އަހްމަދު ލަތީފް ވަނީ ވަޒީފާއިން ވަކިކޮށްފަ އެވެ. ލ. މައިބާދޫ ސްޓޭޝަން މެނޭޖަރު ހަސަން ޝައުގީ ވެސް ވަކިކޮށްފައިވާ ކަން ފައްޔާޒު އެ ދުވަހު ފާހަގަކުރައްވާފައިވެ އެވެ.

"ކުންފުނިތަކުގައި ވަރަށް އަނިޔާވެރިކޮށް އެބަ ހިނގާ. ކުންފުނިތަކުގައި ސީނިއާ ލެވެލްގައި އަޅުގަނޑުމެން ޕާޓީއަށް ސަޕޯޓްކުރާ ކަމަށް އެ ބޭފުޅުންނަށް ޝައްކުވާ މީހުން، އެއްވެސް ކަހަލަ އަސާސެއް ނެތް ކަމެއްގައި، ކުއްލިއަކަށް ޑީމޯޓްކުރުން ނޫނީ ވަކިކޮށްލުން،" ފައްޔާޒު މި ނޫހުގެ ޕްރޮގްރާމްގައި ވިދާޅުވި އެވެ.

އޭނާ އަންދާޒާ ކުރައްވާ ގޮތުގައި ސްޓެލްކޯއާއި ފެނަކައިން މިހާރު ގާތްގަނޑަކަށް އެ ގޮތަށް 1000 އެއްހާ މީހުން ވަނީ ވަކިކޮށްފަ އެވެ.

އެމްޑީޕީން ވަނީ އެ ގޮތަށް ވަޒީފާއިން ވަކިކުރާ މީހުނަށް ގާނޫނީ އެހީތެރިކަން ދިނުމަށް ވެސް ނިންމައިފަ އެވެ.

"އިރާދަކުރެއްވިއްޔާ މަޖިލީހުގެ މެޖޯރިޓީ ލިބެއްޖެއްޔާ އަދި ވެރިކަމަކީ ބަދަލުވާ އެއްޗެއް، އަލުން 2028 ވަނަ އަހަރު އަޅުގަނޑުމެން ރާއްޖޭގެ ވެރިކަން ލިބިއްޖެއްޔާ، އަޅުގަނޑުމެން އިސް ކަމެއްގެ ގޮތުގައި ބަލާނީ މިހާރުގެ ސްޓެލްކޯ މެނޭޖިން ޑިރެކްޓަރާއި ފެނަކަ މެނޭޖިން ޑިރެކްޓަރުގެ މައްސަލަ،" އޭނާ ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުން މިހާރު ވެސް އެ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. ނަމަވެސް މަޖިލީހަށް އޭގައި ކުރެވޭނެ ކަމަކީ ރައްޔިތުންގެ ކުރިމައްޗަށް އެ ކަމެއް ހިނގަމުންދާ ކަން އެންގުން ކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

"ރައްޔިތުންގެ ކުރިމައްޗަށް ގެނައުން އެއީ މަޖިލީހުގެ މަސައްކަތް، އެ މަސައްކަތް މިހާރު ވެސް މި ދަނީ ކުރަމުން،" އޭނާ ވިދާޅުވި އެވެ.

އެހެން ނަމަވެސް ހުދުމުހުތާރު ވެރިކަމަކާ ހަމައަށް ނުދިޔަ ހިފަހައްޓައި، ޑިމޮކްރެޓިކް އުސޫލުތަކުގައި ވެރިކަން ދެމި އޮތުމަށް މި ވަގުތު ވެސް ޖާގަ ލިބެނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އިދިކޮޅު އެމްޑީޕީއަށް އޮތުމުން ކަމަށް އޭނާ ވިދާޅުވި އެވެ. ކުރިއަށް އޮތް މަޖިލިސް އިންތިހާބު އެމްޑީޕީއަށް މުހިންމު ވަނީ އެހެންވެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހުދުމުހުތާރު ވެރިކަމަކާ އައްޑަނައަކަށް މި އޮތީ މަޖިލިސް،" ފައްޔާޒު ވިދާޅުވި އެވެ.